'އަދަދު'ގެ ދެ ނޫސްވެރިއަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ޖަލަށްލާން ހުކުމްކުރި ދުވަހު، އެ ނޫހުގެ ނޫސްވެރިން ކޯޓު ކައިރީ މަޑުކޮށްލައިގެން (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެމްޖޭއޭ

އަނގަ ބަންދުކުރުމުގެ އަމުރު ބާތިލްކުރަން އެމްޖޭއޭން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

އެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ހަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށް އެމްޖޭއޭން ބުނި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު، އެ މަނިކުފާނު އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވިކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލާގައި އެ ވާހަކަތައް ދެއްކުމަށް މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ހައި ކޯޓުގައި އިސްތިއުނާާފްކޮށްފި އެވެ.

ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ނެރެނީ، 'އަދަދު' ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކޯޓުގައި އެދިގެންނެވެ.

އެގޮތުން، ހުރިހާ ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:

  • 'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރަން

  • ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން

  • ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމެއްގެ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން

  • މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން

ތަފްސީލް - މި އަމުރު ބާތިލްކޮށްދިނުމަށް އެދި، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެއީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭން އެދިފައިވެ އެވެ.

އެމްޖޭއޭން ފާހަގަކޮށްފައިވަނީ:

  • އެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ހަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށް

  • ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދުމާއި ލިބިގަތުމާއި ދިނުމުގެ ހައްގަށް ކްރިމިނަލް ކޯޓުގެ އަމުރު ނެރުމުގައި ރިއާޔަތްކޮށްފައި ނެތް ކަން

  • ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ދެ އަމުރަކަށް ހަވާލާ ދިން އިރު، އެ ދެ އަމުރަކީ ކުށުގެ ތުހުމަތުވާ މީހާ، ކުށްކުރިކަން ސާބިތުވުމުގެ ކުރިން މައުސޫމެއްގެ ގޮތުގައި ދެކުމުގެ ހައްގަށް ރިއާޔަންކޮށް ހަމައެކަނި އެ ހަނި ދާއިރާއަށް ނެރެފައިވާ އަމުރުތަކެއްކަން

އެނގުން މުހިންމު - ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ވަނީ ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލުގައި ބަންދުކޮށްފަ އެވެ. އެއީ:

  • 'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން

  • 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔެގެން

ގުޅުން ހުރި - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް