އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)

ގައުމު ސަލާމަތްކުރަން ނަޝީދާއި ޔާމީނާއި ސޯލިހު އެކުގައި ނުކުންނަން ޖެހިއްޖެ: ފައްޔާޒު

ތަފާތު ވިސްނުންތައް އެއްފަރާތްކޮށް، ކުރީގެ ތިން ރައީސުންނާ އެކު، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް، ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން މި ގައުމު ސަލާމަތްކުރުމަށް، އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ނުކުންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ފައްޔާޒު މިހެން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީގެ މައްސަލާގައި ދެ ނޫސްވެރިޔަަކަށް ދައުވާކޮށް، ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގެ އެހެން ދެ ނޫސްވެރިޔަކު އިއްޔެ ޖަލަށް ލާފައިވަނިކޮށެވެ.

ތަފްސީލް - ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު "ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ، ބުއްދި ފިލައި ގޮސްފައި" ކަމަށެވެ.

ތަފާތު ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައީސް އަބްދުﷲ ޔާމީން އެކުގައި ނުކުމެ، ގައުމު ސަލާމަތް ކުރަންވީ ވަގުތު،" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާ އެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް. މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވަން އިލްތިމާސްކުރަން."

އެނގުން މުހިންމު - ކުރީގެ ތިން ރައީސުންގެ ތެރެއިން ނަޝީދު މި ވަގުތު ސިޔާސީ މަސައްކަތްކުރައްވަމުން ގެންދަވަނީ ފައްޔާޒާ އެކުގަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެ މަނިކުފާނު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރައްވާކަން ވެސް އިއުލާންކުރައްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވަމުން، އެކަން ކުރެއްވި ސަބަބަކަށް ވެސް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމުގައި ހުންނެވުން ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި އެހެން ލީޑަރުންނަށް އިންސާފުވެރި ގޮތަކަށް ނުވެދާނެތީ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީ ހިމެނޭ ކޯލިޝަނުން 2023 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނަވަން ހުންނެވީ ޔާމީނެވެ. ނަމަވެސް ޔާމީންގެ މައްޗަށް އޭރު އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނެވީ، ޔާމީނަށް ވާދަނުކުރެއްވޭތީ އޭރު ކޯލިޝަންގެ ބެކްއަޕް ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ ޓިކެޓުގަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ދެ ލީޑަރުންގެ މެދުގައި މައްސަލަ ޖެހި، މަހެއް ނުވަނީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެން އާ ޕާޓީއެއް އުފެއްދެވި އެވެ.

ކޮމެންޓް (2)

ކުރިކީލަ

13 މޭ 2026
މަބުނާނީ މުއިއްޒުގެ ވެރިކަން މިހާރު "ފާޑަކަށް" ނިމިއްޖެއޭ... އަމިއްލަ ޕާޓީތެރޭގާވެސް ތާއީދެއްނެތްހެން ހީވަނީ....ގަދަބާރުން ތިބިބަޔަކު ތިބި ވައްތަރު ޖަހަނީ..
0 0

ސިކުނޑި

13 މޭ 2026
ޔާމީން ނިކުންނާކަށް ނުޖެހޭނެ! ޔާމީންގެ ގޮނޑި އަދިވެސް ޕީއެންސީގައި އެބަހުރި! މިހާރު އެގޮނޑީގައި އިށީންނަންވީ ވަގުތު ޖެހިއްޖެ! މުއިޒު ވައުދުވީ ވެރިކަން ކުރާނީ ޔާމީނުގެ ލަފަޔާއި އިރުޝާދުގެ އެމަނިކުފާނުގެ މެނިފެސްޓޯއަށް ކަމަށް! އެކަމަކު ނެގީ ބައްޕާފުޅުގެ ފޮތް! އެފޮތުގެ ދެ ޗެޕްޓަރު ނިމުނު އިރު އަނެއްބައި އޮތީ ހުސްކޮށް! އެހެންވީމާ، ޔާމީނުގެ ތާއީދުނެތި މިވެރިކަން ދެމެހެއްޓޭނެ އެއްވެސް މަގެއް ސިކުނޑިއަކަށް ނުވިސްނޭ!!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް