މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ކުރިން އޮޕަރޭޝަނެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބިދޭސީން

ބިދޭސީންގެ ވަގު ވިޔަފާރި ހުއްޓުވަން އެކައުންޓުގައި ފައިސާ ދައުރުކުރާ ގޮތް ބަލަނީ

ފިހާރަތަކުގެ ކައުންޓަރުގައި ބިދޭސީން ތިބި ނަމަވެސް، މިނިސްޓްރީން ގޮސް ބަލާއިރު ވިޔަފާރި ރަޖިސްޓްރީ ކޮށްފައި އޮންނަނީ ދިވެއްސެއްގެ ނަން މަތީގައި. ސައީދު ވިދާޅުވީ އެހެން އޮތް ނަމަވެސް، އެއީ ގަވާާއިދާ އެއްގޮތަށް ކުރާ ވިޔަފާރިއެއްކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް

ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާތީ ބޭންކު އެކައުންޓުގައި ފައިސާ ދައުރުކުރާ ގޮތް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރާ މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަސައްކަތްތަކުން ސަރުކާރަށް ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބިދޭސީއަކު ވިޔަފާރިކުރާ ކަމުގެ ރިޕޯޓު ލިބިގެން ގޮސް ބަލާއިރު އެ ވިޔަފާރިއެއްގެ އަސްލު ވެރިފަރާތުގައި ގޮތުގައި އޮންނަނީ ދިވެއްސެއް ކަމަށެވެ.

"ދިވެހި ވެރި މީހާ މި ދެނީ ކުއްޔަށް ނުވަތަ ކައުންޓަރުގައި މި ބަހައްޓަނީ ބިދޭސީއެއް. ބެހެއްޓީމަ އެ ހިސާބުގަނޑުގެ މީހުންނަށް މި ފެންނަނީ ބިދޭސީއަކު ހިންގާ ވިޔަފާރިއެއްގެ ގޮތުގައި،" ސައީދު ވިދާޅުވި އެވެ.

ތަފްސީލު - ސައީދު ވިދާޅުވީ ވިޔަފާރީގެ ވެރިފަރާތަކީ ދިވެއްސަކަށް ވިޔަސް، އެއީ ގަވާއިދާ އެއްގޮތަށް ހިންގާ ވިޔަފާރިއެއްތޯ ކަށަވަރު ކުރަން އިތުރު މަސައްކަތްތައް ވެސް ކުރާ ކަމަށެވެ.

"އެހިސާބުން އަޅުގަނޑުމެން އަދި ދުލެއް ނުކުރަން. ދެން އަޅުގަނޑުމެން ބަލަނީ އެތަނުން އާންމުކޮށް ފެންނަ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއްތޯ. އެހެންވެ ހޯމްލޭންޑް މިނިސްޓްރީ، އިމިގްރޭޝަން މީގެ ތެރޭގައި [އޮޕަރޭޝަންގައި] މި ހުންނަނީ. ގަވާއިދާ ހިލާފުވެއްޖެއްޔާ އިމިގްރޭޝަނުން ވަގުތުން ފިޔަވަޅު އަޅާ،" ސައީދު ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. (ފޮޓޯ/ރައީސް އޮފީސް)

އޭގެ އިތުރުން މި މައްސަލަ ހައްލުކުރަން ބިޒްނަސް ކައުންސިލްގެ ތެރޭގައި ކުރި މަޝްވަރާތަކަށް އަލިއަޅުވާލައްވައި ސައީދު ވިދާޅުވީ މީރާގެ ތެރެއިންނާއި ބޭންކުގެ އެކައުންޓު ދައުރުވާ ގޮތް ބެލިދާނެ ކަމަށް، ބައެއް ވިޔަފާރިވެރިންނާއި ބިޒްނަސް ކައުންސިލުން ލަފާދީފައިވާ ކަމަށެވެ.

"އެކަމަށް ވެސް މަސައްކަތަކެއް އެބަ ކުރަން. އެހެންވީމަ، ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ އަސްލު ދައުރުވަނީ ބިދޭސީ އެކައުންޓެއްގައިތޯ ނުވަތަ ކިހާ ވަރެއްގެ ގުޅުމެއް އޮވޭތޯ މި ނެޓްވޯކު ތެރޭގައި، މިފަދަ ވިޔަފާރިތައް ހިންގާއިރު،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ބޭންކުތަކާއި ހޯމްލޭންޑް މިނިސްޓްރީ އާއި އެމްއެމްއޭ ވެސް ހިމެނޭ ކަމަކަށް ވާތީ ކުއްލިއަކަށް ހައްލެއް ނުނެރެވޭނެ ކަމަށެވެ.

ގުޅުންހުރި ކަމެއް - ސީދާ މި މައްސަލައަށް އަމާޒުކޮށް ގައުމީ ޓާސްފޯހެއް އެކުލަވާލައިގެން އިކޮނޮމިކް މިނިސްޓްރީ އިސްވެ މިދިޔަ ނޮވެމްބަރުގައި އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ. އެ އޮޕަރޭޝަންގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ:

  • 409 ޝަކުވާ ލިބުނު

  • 242 ތަނެއް ބަލައިފާސްކުރި

  • 102 ތަނެއް ވަގުތީ ގޮތުން ބަންދުކުރި؛ އެއީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރި ކަމަށް ފާހަގަކުރެވުނު 57 ވިޔަފާރިއަކާއި ސެލޫން އެންޑް ސްޕާގެ ކެޓަގަރީގައި ހިމެނޭ 45 ތަނެއް

  • ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދިން

ކޮމެންޓް (1)

ސިކުނޑި

12 މޭ 2026
ރައްޔިތުންވެސް އަދި އެއްވެސް ސަރުކާރަކުން ކުރަން ބޭނުންވި ކަމެއްވެސްނޫން ކުރާނެކަމެއްވެސްނޫން! އިހަކަށް ދުވަހު އަމީނީމަގު މާރުކޭޓުތެރޭ ދުވެގެން އިމިގްރޭޝަން އޮފިސަރުން މީހުންތައް ގެންގޮސް ތަން ބަނދު ކުރީ މިހާރު ކުރިޔަށްވުރެ ނުބައި! މިހާރުވެސް ދިވެހި ކުންފުނި ތަކުން ކޯޓާނަގައިގެން ބޭރުމީހުން ގެނެސް ފައިސާ ދިނީމާ ވެލިޑް ވޯކްޕާމިޓެއް އެބަހައްދާ! ގެންނަ މީހާ މަސައްކަތްކުރާ ތަނެއް އިނގޭ މީހެއްނުހުރޭ! އެކްސްޕެޓް ސިސްޓަމް ހަރުދަނާކޮށް ނުބެލެހެއްޓެނީހެއް ތިމައްސަލަ ހައްލެއްނުވާނެ! އެތަން ހަވާލުކުރާ ކޮންމެ މީހަކު އެ ހުންނަނީ އަމިއްލަ ނަފުސާއި ޒަމީރުވެސް ވިއްކާފައި!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް