ޕީއެންއެފްގެ ސަޕޯޓަރުން، އެ ޕާޓީ އޮފީސް ކުރިމަތީ ސޯފާއެއް ބަހައްޓައިގެން މުޒާހަރާ ކުރަނީ (ފޮޓޯ/ ޕީއެންއެފް)

ޕީއެންއެފް

މުޒާހަރާތަކުގެ މައްސަލާގައި ޕީއެންއެފް ލައްކައަކުން ޖޫރިމަނާކޮށްފި

ކުރިއަށް އޮތް ތަނުގައި ތަކުރާރުކުރާ ނަމަ، އެ އަމަލެއް ހިންގާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އިލެކްޝަންސް ކޮމިޝަނުން ދީފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ސަޕޯޓަރުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީ 100،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - 'އަދަދު' ނޫހުން މިދިޔަ 28 މާޗު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރި ފަހުން ޕީއެންއެފްގެ ސަޕޯޓަރުން ބާއްވާ ހަރަކާތްތަކުގައި ދަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި ކޮންމެ ރެއަކު، މަގުމައްޗަށް ސޯފާއެއް ވެސް ނެރެ ބަހައްޓަ އެވެ.

އެ ހަރަކާތްތަކުގައި ސިޔާސީ ޕާޓީއަކުން ގެންގުޅެން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ)ން ކުރިން އޮތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ތަފްސީލް - އީސީގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހް ރަޝީދު ސޮއިކުރައްވައި ޕީއެންއެފްގެ ލީޑަރު ޔާމީނަށް ފޮނުއްވި ސިޓީގައިވަނީ، ޕީއެންއެފުން ބާއްވާ އާންމު ބައްދަލުވުންތަކަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން ހޯދަން ޖެހޭ ހުއްދަ ނުހޯދާ ކަމަށެވެ.

ޕީއެންއެފުން ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމާއި އެ ހަރަކާތްތަކުގައި ސުލޫކާ ހިލާފު ކަންކަން ފެންނާތީ ކޮމިޝަނަށް ޖަވާބުދާރީވާން ބައްދަލުވާން އެދުމުން ޖަވާބު ނުދީ، ބައްދަލުވުމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް އީސީގެ ސިޓީގައިވެ އެވެ.

އެހެންވެ:

  • ޕީއެންއެފް 100،000ރ. އިން ޖޫރިމަނާކޮށްފައިވޭ

  • ކުރިއަށް އޮތް ތަނުގައި ތަކުރާރުކުރާ ނަމަ، އެ އަމަލެއް ހިންގާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން

އީސީއަށް ޕީއެންއެފުން ކުރިން ދިން ޖަވާބުގައި ބުނެފައިވަނީ އެ ޕާޓީން މަގުމަތީގައި އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށާއި އެ ޕާޓީން ހަމައެކަނި ހިންގާ ހަރަކާތަކީ އެ ޕާޓީގެ އޮފީހުގައި ބާއްވާ ޓައުންހޯލް ޖަލްސާތައް ކަމަށެވެ. އެހެންވެ އެ ޖަލްސާތަކުގައި ހިނގި ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް އޮތް ނަމަ ފާހަގަކޮށްދިނުމަށް އެ ޕާޓީން އެދިފައިވެ އެވެ.

މީގެ ކުރިން ވެސް ޕީއެންއެފްގެ ފަރާތުން ކުރިން ދިން ޖަވާބަށް ރިއާޔަތްކުރުމެއް ނެތި، އެ ޕާޓީ ޖޫރިމަނާކުރުމަށް އީސީން ނިންމި ނިންމުމަކީ މިިނިވަން މުއައްސަސާއަކުން އަމަލުކުރަންޖެހޭ މިންގަނޑު ބޭރުން ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް އީސީން ބުންޏެވެ.

ގުޅުން ހުރި ކަމެއް - މި މަންޒަރުތައް ލައިވްކޮށް ޗެނަލް13 އިން ގެނެސްދޭތީ، އެ ލައިވް ކަވަރޭޖް ހުއްޓާލުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެ ޗަނަލަށް އަންގާފައިވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

11 މޭ 2026
މުޒާހިރާ ދިގުލައި ގޮސްދާނެ ކަމަށް ބަލައިގެން އިށީންނަން ގޮނޑި ގެންދިއުމަކީ ސުލޫކީ މިންގަނޑާއި ޚިލާފުވުމެއްނޫން! ރައީސް ހިތްޕުޅާނުވާ ކޮންމެ ކަމަކީ، ސުލޫކީ މިންގަނޑުން ބޭރު ކަންކަމެއް ނޫން! އަހަރުމެން ވިސްނަނީ ސަބަބުވެރި އިންސާނެއް ސިކުނޑިން!! މިވަރުން ދަންޏާ މިރާއްޖެއަށް ވަކިވައްތަރެއްގެ ސޯފާ އެތެރެ ކުރުންވެސް މަނާވާނެ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް