ޖާވަކަރަ އައިލެންޑްސް މޯލްޑިވްސްގައި 'ސީ ޓާޓްލް ހެލްތު އިންސްޓިޓިއުޓް' ހުޅުވަން ބޭއްވި ރަސްމިއްޔާތު (ދައުރު ފޮޓޯ)

ވެލާ

ސަރަހައްދީ އެންމެ ބޮޑު 'ސީ ޓާޓްލް ހެލްތު އިންސްޓިޓިއުޓް' ޖާވަކަރައިގައި ހުޅުވައިފި

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ މި މަރުކަޒުން އެއްފަހަރާ 14 ވެލަޔަށް ފަރުވާ ދެވޭނެ. އޭގެ އިތުރުން ތަހުލީލު ހަދަން ބޭނުންކުރާ ލެބޯޓްރީއަކާއި އައިސީޔޫ ދެ ޓޭންކު ވެސް ހިމެނޭ

އަނިޔާ ލިބިފައިވާ ވެލާތަކަށް ފަރުވާ ދިނުމަށާއި ވެލާތަކާ ބެހޭ އެކިއެކި ދިރާސާތައް ހަދަން 'އޮލިވް ރިޑްލީ' ޕްރޮޖެކްޓާ ގުޅިގެން ކްރައުން އެންޑް ޗަމްޕާގެ ޖާވަކަރަ އައިލެންޑްސް މޯލްޑިވްސްގައި ހިންގާ 'ސީ ޓާޓްލް ހެލްތު ސެންޓަރު' ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އެ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސާރާ މޫސާ އެވެ.

ބުނީ ކީކޭ؟ - ސީ ޓާޓްލް ހެލްތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހު ދެއްކެވި ވާހަކައިގައި ރާއްޖޭގެ ތިމާވެށި ދެމެހެއްޓުމުގެ މުހިންމު ކަމަށް އަލިއަޅުވާލެއްވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު މި [ރީތި] މަންޒަރުތައް މި ފެންނަނީ އަޅުގަނޑުމެންގެ ކާބަފައިން ތިމާވެއްޓަށް ދިން އަހަމިއްޔަތުކަމާއި ކުރި އިހުތިރާމުގެ ސަބަބުން،" ސޮލާހު ވިދާޅުވި އެވެ.

އެހެންކަމުން މިއަދު ކުރެވެން އޮތް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ހަރުދަނާ ސިޔާސަތުތަކުގެ ދަށުން، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކަމާ އެކު ދަމަހައްޓައިދިނުމެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ޑިރެކްޓާ އޮފް ކޮންޒަވޭޝަން މެޑިސިން ޑރ. މެކްސިމީލިއަން ޕަލްޔަކް ވިދާޅުވީ ސީ ޓާޓްލް ހެލްތު އިންސްޓިޓިއުޓުން ދައްކުވައިދެނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ގުޅިގެން ކުރި ބުރަ މަސައްކަތެއް ކަމަށެވެ.

ދުނިޔޭގެ އެކި ތަންތަނުގައި މިފަދަ މަރުކަޒުތައް ގާއިމްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ ޖާވަކަރައިގައި ގާއިމްކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ މަރުކަޒެއް ކަމަށެވެ.

ޑރ. މެކްސިމީލިއަން ޕަލްޔަކް: އޭނާ ވިދާޅުވީ މިއީ ވަރަަށް ފުރިހަމަ މަރުކަޒެއް ކަމަށް (ދައުރު ފޮޓޯ)

އޮލިވް ރިޑްލީ ޕްރޮޖެކްޓް މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހްމަދު އިޔާދު ވިދާޅުވީ މި މަރުކަޒާ އެކު ކްލިނިކަލް ދިރާސާ ހެދުން ފުޅާކުރެވި، ތަޖުރިބާކާރުންނާއި ދަރިވަރުންނާއި މިކަމަށް ޝައުގުވެރިވާ މީހުން އެއްތަނަކުން ބައްދަލުވެ، ވެލާތަކާ ގުޅޭ ގޮތުން އެކި ކަހަލަ ދިރާސާތައް ހެދުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަހުމަދު އިޔާދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އެމްޑީ ސާރާ ވަނީ މިފަދަ ޒަމާނީ މަރުކަޒެއް ގާއިމްކުރުމުގައި ބުރަ މަސައްކަތްކޮށް، ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމާ އެކު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެކަން މި މަރުކަޒުން ދައްކުވައިދެ އެވެ. އަދި މިކަން ދުރު މުސްތަގްބަލަކަށް ފުޅާވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާވަކަރަ އައިލެންޑްސް މޯލްޑިވްސްގައި 'ސީ ޓާޓްލް ހެލްތު އިންސްޓިޓިއުޓް' ހުޅުވަން ބޭއްވި ރަސްމިއްޔާތުުގައި ސާރާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ)

ސީ ޓާޓްލް ހެލްތު ސެންޓަރު

މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް، ސެޕްޓެމްބަރު 2025ގައި އެ ތަން ބޭނުން ކުރެވޭ ފެންވަރަށް ވަނީ ނިންމާފަ އެވެ.

  • މި ތަނުގައި އަނިޔާވެފައިވާ ވެލާތަކަށް ފަރުވާ ދިނުމަށްޓަކައި ޖުމްލަ ހަތް ޓޭންކު ހުރޭ

  • އޭގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ވެލާތަކަށް ފަރުވާ ދޭން ހާއްސަ އައިސީޔޫ ދެ ޓޭންކު ވެސް ހިމެނޭ

  • އެއް ފަހަރާ ގިނަވެގެން 14 ވެލަޔަށް މި މަރުކަޒުން ފަރުވާ ދެވޭނެ

  • އޮޕަރޭޝަން ކުރަން ހާއްސަ ވަސީލަތްތަކާއި ތަހުލީލުތައް ހަދާ ލެބޯޓްރީއެއްގެ އިތުރުން ކްލާސްރޫމެއް ހިމެނޭ

  • މިއީ މި ސަރަހައްދުގައި ހުރި މިފަދަ އެންމެ ބޮޑު މަރުކަޒު؛ އޭގެ އިތުރުން މިއީ އެއް ފުރާޅެއްގެ ދަށުގައި ހުރިހާ ހިދުމަތެއް ދެވޭ ހަމައެކަނި މަރުކަޒު

އިތުރު އާޓިކަލް

އިތުރު އާޓިކަލް