މިދިޔަ އަހަރުގެ ވަން ރަން ގްލޯބަލްގެ ތެރެއިން އަބޫ ދާބީގައި ބޭއްވި ދުވުން. (ފޮޓޯ/އަލްއިއްތިހާދު)

ދުވުން

ވަން ރަން: ދުނިޔޭގެ އެންމެ ބޮޑު ހާފް މެރެތަން ހުޅުމާލެއަށް

އެކި ގައުމުތަކުގައި އެއް ވަގުތެއްގައި ފަށާ ގޮތަށް ކުރިއަށްގެންދާ މި ދުވުމަކީ މިގޮތަށް ކުރިއަށްގެންދާ އެންމެ ދިގު ހާފް މެރަތަންގެ ގޮތުގައި ދެ ފަހަރަކު ދުނިޔޭގެ ރިކޯޑު ފޮތަށް އަރާފައިވޭ

ދުނިޔޭގެ އެންމެ ބޮޑު ހާފް މެރެތަން ކަމަށްވާ 'ވަން ރަން އިންޓަނޭޝަނަލް ހާފް މެރެތަން' ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ދުވުން އޮންނާނީ 23 މެއި ވާ ހޮނިހިރު ދުވަހު ހުޅުމާލޭގަ އެވެ. ވަން ރަން ގްލޯބަލްއިން އިންތިޒާމުކުރާ މި ހަރަކާތުގައި ރާއްޖޭގެ ޕާޓްނަރަކީ ވީރަން މޯލްޑިވްސް އެވެ.

ތަފްސީލު - ވީރަންއިން ބުނި ގޮތުގައި ވަން ރަން ގްލޯބަލް ރާއްޖެއަށް ގެނެވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެކެވެ. އަދި މި ތާރީހީ ދުވުމުގައި ބައިވެރިވުމަށް ހުރިހާ ދުވުންތެރިންނާއި އާންމުންނަށް އެ ކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.

ރާއްޖޭގެ ދުވުމުގައި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކެޓަގަރީގެ އިތުރުން ހުރިހާ އުމުރުފަރާތަކުގެ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެއަށްވުރެ ކުރު ދުވުމުގެ ކެޓަގަރީތައް ވެސް ހިމެނޭނެ އެވެ.

އޭގެ ތެރޭގައި 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު އަދި ކުޑަކުދިންނަށް ހާއްސަ 1 ކިލޯމީޓަރުގެ ދުވުން ހިމެނެ އެވެ.

ވީރަން މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ވަން ރަން މޯލްޑިވްސް 2026ގައި ބައިވެރިވާން ރަޖިސްޓްރީވެވޭނެ އެވެ.

ވަން ރަން ގްލޯބަލް

ވަން ރަން ގްލޯބަލްއަކީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ދުވުމުގެ ހަރަކާތެކެވެ. މި ދުވުން ކުރިއަށްގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އެއް ފަހަރާ ނުވަތަ ސިންކްރޮނައިޒްޑް ސްޓާޓް އަކުން ފަށާ ގޮތަށެވެ.

މި ހަރަކާތަށް 2020 އަދި 2021 ވަނަ އަހަރު، ސިންކްރޮނައިޒްޑް ސްޓާޓަކާ އެކު ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ހާފް މެރެތަންގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތުން ވަނީ ޖާގަ ލިބިފަ އެވެ.

މިއަހަރުގެ ވަންރަން ގްލޯބަލް ދުވުން ރާއްޖެ ހިމެނޭ ގޮތަށް، 35 އަށްވުރެ ގިނަ ގައުމުތަކުގައި ކުރިއަށްދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް