ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ އެފްޑީސީގެ ފްލެޓުތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެފްޑީސީ ފްލެޓްވެރިން މާލޭ ރަށްވެހިންނަށް ވާން ބޭނުންވާ ރަސްމީ ލިޔުން ދޫކުރަން ފަށައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4،000 ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގައި ރަށްވެހިވުމަށް ބޭނުންވާ މީހުންނަށް އެ ކަމަށް ބޭނުންވާ ރަސްމީ ލިޔުން ދޫކުރަން އެ ކުންފުނިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ފްލެޓްތައް ދޫކުރި މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން، ފްލެޓަށް ޝަރުތު ހަމަވި މީހުން ވެސް ހިމެނެ އެވެ. އެ ގޮތުން:
-
އެ މީހުން ވެސް ހިމެނޭ ގޮތަށް އެފްޑީސީ ފްލެޓްތަކުގައި އުޅޭ މީހުން ރަޖިސްޓްރީކުރަން ޖެހެނީ މާލެ ސިޓީ ކައުންސިލުން
-
އެ ތަނުގެ ރަޖިސްޓްރީގައި ހިމަނައިގެން، މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީކުރުން ލަސްވަމުން ދިޔައީ އެ ތަނުގައި ދިރިއުޅޭ މީހުންނާ އެކު ކުލީގެ އެއްބަސްވުމެއް ހަދާތީ ކަމަށް ބުނެ
އެފްޑީސީން މިހާރު ވަނީ އެ ކަމަށް ރަސްމީ ލިޔުމެއް ދޫކުރާ ގޮތަށް އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ. މާލެ ސިޓީ ކައުުންސިލުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި މި ފްލެޓްތަކުގައި އުޅޭ މީހުން ހިމަނާނީ އެފްޑީސީން ދޫކުރާ ރަސްމީ ލިޔުން ހުށަހެޅުމުންނެވެ.
ތަފްސީލް - އެފްޑީސީން މިރޭ ކުރި ޕޯސްޓެއްގައިވާ ގޮތުުން އެ ލިޔުން ދޫކުރަމުން ދަނީ އެ ކުންފުނީގެ ފަހި ޕޯޓަލް މެދުވެރިކޮށެވެ.
ޕޯޓަލްއަށް ލޮގްއިން ވުމަށް ފަހު ތިން ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެފްޑީސީން ބުންޏެވެ. އެ ލިޔުންތަކަކީ:
-
1-
އެޓެސްޓްކޮށްފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީއެއް
-
2-
އެޓެސްޓްކޮށްފައިވާ އުފަން ދުވަހުގެ ސެޓްފިކެޓް
-
3-
އެޓެސްޓްކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް
މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވާން ބޭނުންވާ ރަސްމީ ލިޔުން ދޫކުރާނީ ހުށަަހަޅާ މައުލޫމާތުތަކާއި ލިއުންތައް ޗެކްކުރުމަށް ފަހު އެ ޕޯޓަލް މެދުވެރިކޮށް ކަމަށް އެފްޑީސީން ބުންޏެވެ.
ގުޅުން ހުރި - އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމުގެ ހުއްދަ އެފްޑީސީން ދިނުމުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި އެ މީހުން ހިމަނައިދޭން ވާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން މާލޭގެ މޭޔަރު އާދަމް އާޒިމަށް ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. އެ ސިޓީ ފޮނުވީ މިދިޔަ 22 އޭޕްރީލްގަ އެވެ.