މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އާސަންދަ

ބޭސް ނުލިބުމަކީ ގައުމީ ބޮޑު މައްސަލައެއް، ވާގޮތް ބަލަންޖެހޭ: ޒީނިޔާ

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ 900އެއްހާ ބޭސް ފިހާރައިން އާސަންދަ ލިބޭއިރު ވެސް، އާސަަންދައިގެ ދަށުން ގިނަ ތަންތަނުން ބޭސް ލިބެން ނުހުންނާތީ ވެސް ކަންބޮޑުވާ ކަމަށް

ބޭނުންވާ ގިނަ ބޭސްތައް ރާއްޖެއިން ލިބެން ނުހުންނަ ކަމަށާއި އެހެން ވާ ސަބަބު ހޯދައި ހައްލު ގެނައުމަށް، ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި އެކަން ބަލަންޖެހޭ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޒީނިޔާ މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމުގައި ކަން ހިނގާ ގޮތް ބެލުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކަށް މައުލޫމާތު ސާފުކުރަން، އެ ކޮމިޓީން މިއަދު ވަނީ އާސަންދަ އާއި ކަމާބެހޭ އިތުރު ތިން އިދާރާއަކާ ބައްދަލުކޮށްފަ އެވެ.

ތަފްސީލް - މި ބައްދަލުވުމުގައި ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ލިބޭ ބޭސްތައް އާންމުންނަށް ލިބުމުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެކަމަކު އާސަންދަ ސްކީމުގެ ބޮޑު އެއްޗެއް ބޭސް ފިހާރަތަކަށް ހަރަދުކުރާ ކަމަށް ޒީނިޔާ ވިދާޅުވި އެެވެ.

"އަޅުގަނޑު ވެސް ހަމަ ގަބޫލުކުރަން ބޭހެއް ނުލިބޭ މީހުންނަކަށް. ޝަކުވާ އާދޭ ހަމަ،" ޒީނިޔާ ވިދާޅުވި އެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ:

  • ބޭސް ފިހާރަތައް ރަޖިސްޓްރީކުރާއިރު، އެތަންތަނުގައި ހުންނަންޖެހޭ ޒަރޫރީ ބޭސްތަކުގެ ލިސްޓު ޗެކުކުރެވިފައެއް ނުހުރޭ؛ އެއީ ކޮންމެ ބޭސް ފިހާރައެއްގައި ވެސް ކޮންމެހެން ހުރުން މަޖުބޫރު ބޭސްތަކުގެ ލިސްޓެއް

  • އެ ލިސްޓު ޗެކު ނުކޮށް ހުއްޓަސް، ފުޑް އެންޑް ޑްރަގު އޮތޯރިޓީން އެތަނެއް ހިންގުމަށް ހުއްދަދީފަ އޮންނާތީ، އެކަމާމެދު ފިޔަވަޅެއް އެޅޭނެ ގޮތެއް ވެސް ނޯވޭ

  • އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ވަރަށް ގިނަ ބޭސްތައް ރާއްޖެ އެތެރެއެއް ނުކުރޭ؛ އެކަމަކު ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ އަދަދުތައް އެނގޭނެ ގޮތަށް ތަފާސްހިސާބު ބެލެހެއްޓޭނެ ނިޒާމެއް އަދި ނެތް

  • ގިނަ ބޭސްތައް އެތެރެކުރަނީ އަތުން ހިފައިގެން ގެންނަ ބޭސް ސިޓީއަށް؛ އެފަދަ ބޭސްތަކުގެ ބްރޭންޑުތައް ވަރަށް އަވަހަށް ބަދަލުވާތީ އެއް ބްރޭންޑެއްގެ ބޭސް ލިބުން ދަތި

  • އާސަންދައިގެ ދަށުން ބޭސް ފިހާރަތަކުން ފެންވަރު ދަށް ބޭސް އާންމުންނަށް ދޫކުރާކަމުގެ ޝަކުވާ ލިބޭ

  • އަގުހެޔޮ ބޭސް އާންމުންނަށް ދޫކޮށްފައި ބައެއް ފާމަސީތަކުން އަގުބޮޑުކޮށް އާސަަންދައަށް ޗާޖުކުރާތަން ވެސް އާދޭ

  • ބޭހުގެ އަގު ކޮންޓްރޯލުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ނެތުމުން، 500 ނުވަތަ 600ގެ ޕްރޮފިޓް މާޖިން ލާފައި ފައިދާ ނަގައިގެން ބޭސް ވިއްކުމުގެ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވި

"މިކަހަލަ ވަރަަށް ގިނަ ގޮންޖެހުންތައް އެބަހުރި މިކަމުގައި. ޑރ. ޝާހު ވިދާޅުވިހެން މިއީ ހަމަ ގައުމީ މައްސަލައެއް. އަަޅުގަނޑުމެން އެބަޖެހޭ ކަންނޭނގެ ބަލަން ކިހިނެއްތޯ އަސްލު ވަނީ،" ޒީނިޔާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެބަހުރި 800، 900، ވަރަކަށް ފާމަސީ [އާސަންދައިގެ ދަށުން] ބޭސް ދޫކުރަން އެކަނި. އަޅުގަނޑުމެންގެ [އާސަންދަ] ތެރެއިން 3000 އަށްވުރެ ގިނަ ބޭސް ވެސް އެބަ ކަވާކުރޭ. އެކަމަކު މީހުންނަށް ހަމަ ބޭހެއް ނުލިބޭ އިނގޭތޯ. އެހެންވީމާ ގައުމީ ފެންވަރުގައި ބަލަން އެބަޖެހޭ ކޮބައިތޯ މި ދިމާވާ މައްސަލައަކީ." 

މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ (ވ) ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ޒީނިޔާ އިތުރަށް ވިދާޅުވީ، ތަންފީޒުކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެގޮތުން، އާސަންދައިގެ ބޯޑު ޖަހާފައި އެކަމަކު، އާސަންދައިގެ ދަށުން ބޭސް ދޫނުކުރާ ބޭސް ފިހާރަތަކާ މެދު ވަރަށް އަވަހަށް ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ. ޝާހު މާހިރު (ވ) ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖޭގައި ބޭސް ލިބުން ދަތިވާ މައިގަނޑު މައްސަލައަކަށް ފާހަގަކުރެވެނީ، ރާއްޖޭގައި ބޭސް ހުރިނެތް ގޮތުގެ ތަފާސްހިސާބު ވަގުތުން ބެލެން ނެތުން ކަމަށެވެ.

އަންނަ ޖުލައި މަހުން ފެށިގެން، ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަދަލުކުރުމާ އެކު، ބޭހުގެ ތަފާސްހިސާބުތައް އެންމެންނަށް ފެންނަން ހުންނަ ގޮތް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ބޭސް ހުރީ ކޮން ބޭސް ފިހާރަތަކެއްގައިކަން އާންމުންނަށް ވެސް ބަލައިލަން ފަސޭހަވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"ހަގީގަތަކީ ސްޓޮކް ހުރިވަރު ނޭނގޭތީ. ނޭނގޭތީ ފޯކާސްޓެއް ވެސް ނެހެދެނީ. އޭތި ފެންނާކަށް ވެސް ނުހުރޭ މިކަމާ ގުޅޭ ސްޓޭކްހޯލްޑަރުންނަކަށް. މިކަމަކީ ހައްލުނުވާވަރުގެ ކަމެއް ވެސް ނޫން، ރާއްޖޭގައި މިޔަށްވުރެ ބޮޑެތި ކަންކަން ވެސް ހައްލުކުރޭ އެބަ. ކީއްވެގެންތޯ މިކަން ބޮޑު މައްސަލައަކަށް ވެގެން ހައްލު ނުވެގެން މި އުޅެނީ؟ އެހެންވީމާ މިޔަަށް ހައްލެއް ލިބޭނެ،" ޝާހު ވިދާޅުވި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އެސްޓީއޯ ފާމަސޫޓިކަލްގެ ޕްލޭނިން މެނޭޖަރު ފާތިމަތު ލިމްޔާ (ކ) އަދި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދު (ވ) (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެސްޓީއޯ ފާމަސޫޓިކަލްގެ ޕްލޭނިން މެނޭޖަރު ފާތިމަތު ލިމްޔާ މި ބައްދަލުވުމުގައި ވިދާޅުވީ، ބޭސް ފިހާރަތަކުގައި ބޭސް ބެހެއްޓޭނީ ބޭނުންވާ މިންވަރަށް ލިބިގެން ކަމަށެވެ. ބޭސް ގެންނަން ގޮންޖެހުންތަކެއް ދިމާވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ފާމަސީގައި ބޭސް ބެހެއްޓޭނީ ވެސް އަޅުގަނޑުމެންނަށް ވެސް ބޭނުންވާވަރުގެ ބޭހުގެ ސްޓޮކެއް ލިބިގެން. ބޭސް ހުރެގެން. ވަރަށް ބޮޑަށް ފާހަގަވޭ ރަށްރަށުން ބޭސް ނުލިބިގެން އަންނަކަން،" އޭނާ ވިދާޅުވި އެވެ.

ލިމްޔާ ވިދާޅުވިގޮތުން އެސްޓީއޯއިން ބޭސް ގެންނަނީ ތިން ގޮތަކަށެވެ. އެއީ:

  • ސީދާ ސަޕްލަޔަރުގެ އަތުން

  • ވިއްކާ ފަރާތްތަކުގެ އަތުން

  • ރާއްޖޭގެ ސަޕްލަޔަރުން އަތުން

ލިމްޔާ ވިދާޅުވީ، ރާއްޖެއަށް ގެނައުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި 5،000އެއްހާ ބޭސް ހިމޭނޭއިރު، ރަޖިސްޓްރީކޮށްގެން ރާއްޖެއަށް ގެނެސްފައި ހުންނަނީ 1،300އެއްހާ ބޭސް ކަމަށެވެ. އެކަމަކު، ރާއްޖެއަށް ބޭސް އެތެރެކުރަން 62 ފަރާތަކަށް ހުއްދަދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް (4)

ރަދުން

6 މޭ 2026
ޒިނިޔާ އާސަންދައިގައި، ތިޔަ ކަމެއްގައި އުޅެ އުޅެ މުސްކުޅިތިޔަވަނީ. އެކަމް އަދިވެސް ވާ ގޮތެއް ނޭނގެ. އިސްތިއުފާ ދިފަ ތަން ހިންގޭވަރު މީހަކާ ހަވާލުކުރިއްޔާ މާ ރަނގަޅުވާނެ. ނާގާބިލު މީހެއް
0 0

ތެފައާސާ.

6 މޭ 2026
ވާގޮތް ބަލަން އުޅެގަންނަން އަދި ތަންކޮޅެއް އަވަހެއްނު؟
2 0

ސިކުނޑި

5 މޭ 2026
މައިގަނޑު ދެކަމެއް! އެއްކަމަކީ އާސަންދަ މާބޮޑަށް ރިފޯމް ކުރެވުނީ! ދެވަނަ ކަމަކީ އާސަންދައިން ފައިސާ ދޫނުކުރަނީ!!
1 0

އިސްމާއިލްބޭގެ އަލީ

5 މޭ 2026
ދެކޮޅު ޖެހޭ ވާހަކައެއްނޫން ، އަސާސީ ބޭސް ހުސްނުވާނޭ ގޮތަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރު ބޭސް ފިހާރަ އެސްޓީއޯ އަދި ސަރުކާރުގެ ޒިންމެއް . އާންމު ބޭސް ފިހާރަތަކަށް ބޭސް ނުގެނެވެނީ ސަރުކާރަށް އާސަންދަ ކުންފުނިން ވަގުތުން ފައިސާ ނުލިބޭތީވެ .
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް