މިއަހަރަށް އެކުލަވައިލި ދައުލަތުގެ ބަޖެޓު ފޮތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދަރަނީގެ ސިޔާސަތު އޮތީ ކަރުދާހުގައި؛ އަމަލެއް ނުކުރެވޭ: އޮޑިޓް

ސަރުކާރުގެ މާލީ ނިންމުންތައް ހުންނަ ގޮތުން މެދު ރާސްތާގެ ދަރަނި މެނޭޖު ކުރަން ކަނޑައަޅާފައިވާ ސިޔާސަތު (އެމްޓީޑީއެސް) ތަންފީޒުކުރަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކުރެއްވި

ދައުލަތުގެ ދަރަނި މެދު ރާސްތާގައި މެނޭޖުކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ 'މިޑް ޓާމް ޑެޓް ސްޓްރެޓަޖީ' (އެމްޓީޑީއެސް)ގައި ކަނޑައަޅާފައިވާ ކަންތައްތަކާ ސަރުކާރުގެ އަމަލުތަކާ ދިމާނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓެއްގައި ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުން 2025 - 2027އަށް އެމްޓީޑީއެސް ފްރޭމްވޯކެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅީ 31 ޖުލައި 2024ގަ އެވެ. އެ ފްރޭމްވޯކުގެ އަމާޒަކީ ސަރުކާރުގެ މާލީ ކަންކަން ވީހާ ވެސް ހަރަދު ކުޑަ ގޮތަކަށް ބަލަހައްޓައި ހިރާސްތައް ކުޑަ ކުރުމެވެ.

ބުނީ ކީކޭ؟ - އެމްޓީޑީއެސްއާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އާންމުކުރެއްވި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަޖެޓު އެކުލަވައިލުމާއި ތަންފީޒު ކުރުމުގެ މަރުހަލާތަކުގައި ވެސް ސަރުކާރުން އަމަލުކުރަމުންދަނީ އެމްޓީޑީއެސް ފްރޭމްވޯކުގައި ކަނޑައަޅާފައިވާ ދަރަންޏަށް ފައިސާ ނެގުމާއި ބަޖެޓުގެ ލިމިޓުތަކާ ފުށޫއަރާ ގޮތަށެވެ.

"އޭގެ ސަބަބުން މެދު ރާސްތާގެ ދަރަނި މެނޭޖު ކުރަން ކަނޑައަޅާފައިވާ ސިޔާސަތު (އެމްޓީޑީއެސް) ތަންފީޒުކުރަން ހުރަސްތަކެއް ވަނީ ކުރިމަތިވެފައި،" އިނގިރޭސިބަހުން ލިޔެފައިވާ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ތަފްސީލު - އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކަންކަމަށް ބޭނުންވާ ފައިސާގެ އަދަދު ހުންނަނީ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީ (އެމްޓީއެފްއެސް)ގައި ކަނޑައަޅާފައިވާ އަމާޒުތަކަށް ވުރެ މަތީގަ އެވެ.

އޭގެ ނަތީޖާއަކީ، ރާވާފައިވާ ގޮތާ ހިލާފަށް ދަރަންޏަށް ފައިސާ ނަގަން ސަރުކާރަށް މަޖުބޫރުވެ، ފާއިތުވެދިޔަ އަހަރުތަކުގައި ނެރެވުނު މާލީ ނަތީޖާތައް، ކުރިން ރާވާފައިވާ ގޮތާއި ފާސްކޮށްފައިވާ ބަޖެޓުތަކާ ހިލާފުވުމެވެ.

އެ ރިޕޯޓުގައި ބުނީ ވަކިން ހާއްސަކޮށް ނިމިދިޔަ 2025 ވަނަ އަހަރު އެ ތަފާތު ބޮޑުވެފައިވާ ކަމަށެވެ. ސަބަބަކީ އެ އަހަރު ފާސްކުރި ބަޖެޓުގައި މާލީ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، ދަރަނީގެ ސިޔާސަތުތައް އެއާ އެއްގޮތަށް ބަދަލުނުކޮށް އޮތުމެވެ.

އޭގެ އިތުރުން، ހަރަދު ކުޑަކުރަން ކަނޑައެޅި ބައެއް ފިޔަވަޅުތައް ތަންފީޒުކުރުން، ބަޖެޓު ފާސްކުރި ފަހުން މަޑުޖައްސާލި ކަމަށާއި މިއީ ވެސް ކަނޑައަޅާފައިވާ ސިޔާސަތުތަކާ ފުށޫއަރަން މެދުވެރިވެދާނެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މާލީ ނިންމުންތައް ނިންމަނީ މެދު ރާސްތާގެ ސިޔާސަތުގެ ބަދަލުގައި ކުރު މުއްދަތުގެ ލިކުއިޑިޓީ ބޭނުންތަކަށް،" އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިހާރު ހުރި މައްސަލަތައް ހައްލުކުރަން އެ ރިޕޯޓުގައި ދިން ލަފާތަކަކީ:

  • ފިސްކަލް ޕްލޭނިން އާއި ދަފަނި މެނޭޖުކުރުމުގެ ކަންކަން އެކުއެކީގައި ކުރިއަށް ގެންދިއުން

  • ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުން އަމަލުކުރާކަންކޮށް، މަޖިލީހުން ސަރުޖާރު ޖަވާބުދާރީކުރުވުން

  • އެމްޓީއެފްއެސް އާއި އެމްޓީޑީއެސްގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ދަރަންޏަށް ފައިސާ ނުނެގުން

  • ދައުލަތުގެ މާލީ އެހީއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް