އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެމްޑީޕީގެ އެތެރޭގެ ކަންކަން ނިންމަން ވާނީ ކޯޓުން ނޫންކަމާއި ވޯޓުން ކަމަށް ވިދާޅުވި (ފޮޓޯ/މީކާއީލްގެ ކެމްޕޭން ޓީމް)

އިންތިހާބުގެ ޓައިމްލައިން ބަދަލުކުރަން ކޯޓަށް ދިޔުމަކީ އެމްޑީޕީގެ ސިފައެއް ނޫން: މީކާއީލް

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ނަޝީދުގެ ޓީމުން މަސައްކަތް ކުރަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ނަގާލައި ދަފްތަރު ގަޑުބަޑުކުރަން
4 މޭ 2026
1

އިންތިހާބުގެ ޓައިމްލައިން ބާތިލްކުރުމަށް ވާދަވެރި ކެންޑިޑޭޓްް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެމްޑީޕީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި ބީރައްޓެހި އަމަލެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ސިފަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާއެކު ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. އެގޮތުން:

  • ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމަށް ކޯޓުތަކަށް ދިއުމަކީ މަސްލަހަތު ނަގާލުން ކަމަށް ވިދާޅުވި 

"އަޅުގަނޑު ވާދަވެރި ޓީމަށް ގޮވާލަން ކޯޓް މެދުވެރިކޮށް ޕާޓީގެ އަގު ވައްޓާނުލައި ވޯޓުން މިކަން ނިންމުމަށް،" މީކާއީލް ވިދާޅުވި އެވެ. 

ތަފްސީލް - އިންތިހާބު އިއުލާނުކޮށް، ވޯޓާސް ލިސްޓު އާންމުކުރުމަށް ފަހު ކޯޓަށް ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން މީކާއީލް ވިދާޅުވީ، އިންތިހާބު ކުރިއަށްދާންވާނީ ކުރިން ކަނޑައަޅާފައިވާ ސުންގަނޑިތަކާ އެއްގޮތަށް ޖޫން 12ގައި ކަމަށެވެ. އަދި އިންތިހާބު އެންމެ ދުވަހަކަށް ފަސްކުރުމާ އޭނާ ދެކޮޅުކަން ހާމަކުރެއްވި އެވެ.

"މެޗު ކުޅެން ފަށާފަ ގޯލް ޕޯސްޓް ބަދަލުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. 2013 ގައި އެމްޑީޕީގެ އާންމު މެންބަރުންވެސް ދިވެހިރާއްޖޭގައި އިންތިހާބެއް ތިން ފަހަރު މަތިން ބާތިލުކޮށް، އިންތިހާބުގެ ގޯލް ޕޯސްޓާ ކުޅުނު ކުޅުމާ ދެކޮޅަށް އަޅުގަނޑުމެން މަގުމައްޗަށް ނިކުތީ ހަމަ މިސިފަތަކާ އުސޫލުތައް މި ޕާޓީގައި ނެގެހެއްޓުމުގެ ބޭނުމުގައި،" މީކާއީލް ވިދާޅުވިއެވެ.

'ނަޝީދުގެ ޓީމުން އުޅެނީ ޕީއެންސީއާ ގުޅިގެން ދަފްތަރު ގަޑުބަޑުކުރަން'

އިންތިހާބު ފަސްކުރަން އުޅޭ މައިގަނޑު ސަބަބަކީ ވަކި ބަޔަކަށް ޖާގަ ހުޅުވައިދިނުން ކަމަށް މީކާއީލް ތުހުމަތުކުރެއްވި އެވެ. އެގޮތުން އިދިކޮޅު ޓީމުން ވެރިކަން ކުރާ ޕީއެންސީއާ ގުޅިގެން އެމްޑީޕީގެ މެންބަޝިޕް ގަޑުބަޑުކުރަން މަސައްކަތް ކުރާ ކަމަށް މީކާއީލް ތުހުމަތުކުރެއްވި އެވެ. 

"ވަކި ބަޔަކަށް ޖާގަ ހުޅުވަން، ވަކި ބަޔަކަށް ފުރުސަތު ހުޅުވަން، މި ޕާޓީގެ މެންބަޝިޕް ގަޑުބަޑު ކުރުމުގެ ބޭނުމުގައި، ޕީއެންސީން މި ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ނުފޫޒު ފޯރުވަން އެ ފުރުސަތު ހުޅުވާލުމުގެ ބޭނުމުގައި ޓައިމްލައިނަށް ކުޅުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫން،" މީކާއީލް ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބަކާ ނުލާ ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމާ ހަވާލުވުމަކީ ވެސް އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށާއި ޕާޓީގެ މަތީ ފަޑީގައި ތިއްބަވަންވާނީ އާންމު މެންބަރުންގެ ވޯޓުން އިންތިހާބުވާ ބޭފުޅުންކަން މީކާއީލް ފާހަގަކުރެއްވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ ޕާޓީގެ މާލީ ހާލަތު ދަށްވެ އެކައުންޓުތައް ފްރީޒްކޮށްފައި އޮތް ނަމަވެސް، ފައިސާ ނެތްކަމަށް ބުނެ އަސާސީ އިންތިހާބުތައް ފަސްނުކުރެވޭނެކަމަށެވެ. 

އއ. އަތޮޅުގެ ދަތުރުން ފެނުނީ ތާއީދު

"އިތުބާރު" ކެމްޕެއިންގެ ފަރާތުން އއ. އަތޮޅަށް ކުރި ދަތުރުގެ ކާމިޔާބީ ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ ރަށްރަށަށް ޒިޔާރަތްކޮށް އާންމު މެންބަރުންނާ ބައްދަލުކުރެއްވުމުން އެންމެ ބޮޑަށް ފާހަގަވީ 2023 ވަނަ އަހަރު ޕާޓީގެ ވެރިކަން ގެއްލުވާލި ގޮތާމެދު މެންބަރުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ތިބިކަން ކަމަށެވެ.

"އެބޭފުޅުން ތިއްބެވީ 2023 ގައި މި ޕާޓީއާ މެދު ކަންވެ ދިޔަ ގޮތާ، އަދި އަޅުގަނޑުމެންގެ ސަރުކާރެއް އަޅުގަނޑުމެންގެ ތެރެއިން ގެއްލުވާލުމާ ގުޅިގެން އެބޭފުޅުން ތިބީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައި،" މީކާއީލް ވިދާޅުވި އެވެ.

އެހެންނަމަވެސް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންކަން އާންމު މެންބަރުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާންމު މެންބަރުން ބޭނުންވަނީ ވަކި ކެންޑިޑޭޓެއްގެ އަތުގައި ހިފައިގެން ރިޔާސީ ރޭސް ފަހިކޮށްދޭނެ މީހެއްގެ ބަދަލުގައި ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުސަތު އޮންނާނެފަދަ ނިއުޓްރަލް ޗެއާޕާސަނެއްކަން މީކާއީލް ފާހަގަކުރެއްވި އެވެ.

އިތުބާރު ކެމްޕެއިންގެ ފަރާތުން ކުރިއަށް އޮތް ހަފްތާގައި ރ. އަތޮޅާއި ޅ. އަތޮޅަށް ދަތުރުކޮށް، ކެމްޕެއިންގެ މެނިފެސްޓޯ ލޯންޗުކުރުމަށް ހަމަޖެހިފައިވާކަން ވެސް މީކާއީލް މިއަދު އިއުލާންކުރެއްވި އެވެ. 

ކޮމެންޓް (1)

ސިކުނޑި

5 މޭ 2026
ކާންދޭ އަތުގައި ދަތް އެޅުމަކީވެސް އެމްޑީޕީގެ ސިފައެއްނޫން!! އަމިއްލަ ބާރެއް، އިޚްތިޔާރެއް، އަދި ސަޕޯޓެއް ނެތް މީހަކަށް ޕާޓީއެއް ނުހިންގޭނެ! ބުނީތީ ބަލަންތިބޭ، މީކާއިލު ހޮވުނަސް އޭނަ ގެންގުޅޭނީ ބޮޑެތިން ކުޅޭ ބޯޅައެއްހެން! އިތުބާރު ޓީމުގައި ތިބީ އޮޅިގެން ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ ކަހަލަ ބައެއް! އެއްވެސް ވަރަކަށް އިތުބާރެއް ނުކުރަން!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް