ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއިން ވާދަކުރައްވާ ސޯދިގު (ކ) އާއި ޕީއެންސީއިން ވާދަކުރައްވާ ސައީދު.

ހިތަދޫ އުތުރު ބައި އިލެކްޝަންގެ ދެ ކެންޑިޑޭޓުންނަކީ ސޯދިގާއި ސައީދު

އެމްޑީޕީއިން ވާދަކުރައްވާނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު. ވޯޓުލުން އޮންނާނީ 6 ޖޫންގައި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންއަށް ކުރިމަތިލީ އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ޕީއެންސީއިން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން ހުސްވި އެ ގޮނޑީގެ ބައި-އިލެކްޝަންނަށް އީސީން ހުޅުވާލީ މިދިޔަ މަހު 13ގަ އެވެ. އޭރު ކުރިމަތިލުމަށް ހުޅުވާލީ، އެ މަހު 29 އަށެވެ.

ނަމަވެސް އެ މުއްދަތު، މިއަދުގެ 3 ޖެހުމާ ހަމައަށް އީސީއިން ވަނީ އިތުރުކޮށްފަ އެވެ.

ތަފްސީލު - އީސީއިން ބުނީ ސުންގަޑި ހަމަވިއިރު ކުރިމަތިލީ ދެ ކެންޑިޑޭޓުން ކަމަށެވެ.

އިދިކޮޅު އެމްޑީޕީއިން އެ އިންތިހާބުގައި ވާދަކުރައްވަނީ އައްޑޫގެ ކުރީ މޭޔަރު އަބްދުﷲ ސޯދިގެވެ. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު އެވެ.

އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.

ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީއިން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.

ސައީދަށް ޓިކެޓު ލިބުނީ ޕްރައިމަރީއަށް ފަހު ބައި އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއަށް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީއިން އެގޮތަށް ނިންމުމުންނެވެ.

އެނގުން މުހިންމު - ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން އޮންނާނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8އިން ހަވީރު 4 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް