ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އެމެރިކާ

ފާޑުކިޔުމުގެ ރާގު މަޑުކުރާނެ ކަމުގެ ޔަގީންކަން އެމެރިކާއަށް ދީފި

ރާއްޖެ ވަޑައިގެންނެވި އެމެރިކާ ސަރުކާރުގެ މަންދޫބު ސާޖިއޯ ގޯރްއާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒު އެމެރިކާއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަ އެ ގޮތަށް ބައްޓަން ނުކޮށް ކުރިއަށް އޮތް ތަނުގައި އެ ރާގު މަޑުވާނެ ކަމަށް

އެމެރިކާއާއި އިޒްރޭލުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ފާޑުވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ކަން މަޑުޖައްސާލާނެކަމުގެ ޔަގީންކަން އެމެރިކާއަށް ދިން ކަމަށް އިއްޔެ ރިޕޯޓްކޮށްފި އެވެ.

ވީކިިހިނެއް؟ - މި ކަން ރިޕޯޓްކޮށްފައިވަނީ، ރާއްޖެ ވަޑައިގެންނެވި އެމެރިކާ ސަރުކާރުގެ މަންދޫބު ސާޖިއޯ ގޯރްއާ ހަވާލާދީ ދުނިޔޭގެ ހާރިޖީ އަދި މާލީ ކަންކަން ދިރާސާކޮށް ރިޕޯޓްކުރަމުން އަންނަ އިންޑިއާގެ 'ނެޓްވޯކް18' މީޑިއާހައުސްގެ ދަށުން ހިންގާ 'މަނީ ކޮންޓްރޯލް' ނޫހުގަ އެވެ.

އެ ނޫހުން އެމެރިކާގެ މަންދޫބު ސާޖިއޯ ގޯރްގެ ބަސް ހޯދީ އާ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމަށް ގުޅުއްވައި މަންދޫބު ސާޖިއޯ ގޯރް ވާހަަކަ ދެއްކެވި ކަމަށް އެމެރިކާއިން އެކްސްގައި ޕޯސްޓްކުރުމުން، އިތުރު ތަފްސީލް ހޯދުމަށެވެ.

ތަފްސީލް - ދެކުނު އޭޝިއާއާ މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައިވާ އެމެރިކާގެ ބިއުރޯގެ ރަސްމީ އެކްސް ހޭންޑަލުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ފޯނުން ގުޅުއްވައިގެން އިރުތިޝާމް ރައީސް އެ ސްޓޭޓްމަންޓް އިތުރަށް ސާފުކޮށްދީފައިވާ ކަމަށެވެ.

"މިިނިސްޓަރު އިރުތިޝާމް ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސްޓޭޓްމަންޓް ސާފުކޮށްދެއްވާފައިވާ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވަނީ އެމެރިކާއާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ކަމާއި ކުރިއަށް އޮތް ތަނުގައި ގުޅިގެން އިތުރު މަސައްކަތްތަކެއްކުރަން ކަން،" އެމެރިކާގެ ބިއުރޯއިން ކުރި ޕޯސްޓްގައިވެ އެވެ.

އިންޑިއާގެ މަނީ ކޮންޓްރޯލް ނޫހަށް ސާޖިއޯ ގޯރް ވިދާޅުވީ ރައީސް ދެއްކެވި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ހިތްނުތަަނަވަސްކަމެއް ހުރި ކަމަށާއި ރާއްޖޭގެ ފޮރިން މިިނިސްޓަރާ ކުރެވުނު މަޝްވަރާއަކީ އެ ކަމާ ގުޅިގެން ކުރެވުނު މަޝްވަރާއެއް ކަމަށެވެ.

"ރާއްޖޭގެ އޮފިޝަލް ވަނީ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އެމެރިކާ އާކު ބިނާކުރަނިވި ގުޅުމެއް ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި. އަދި ކުރިން ކުރިމަތިކުރި ފާޑުކިއުން ކުރިއަށް އޮތް ތަނުގައި އެ ރާގު މަޑުކޮށްލާނެކަމުގެ ޔަގީންކަން ދީފައި،" އިންޑިއާގެ ނޫހުގައިވެ އެވެ.

އެނގުން މުހިންމު - މިދިޔަ މާޗު މަހު ރާއްޖެއަށް ސާޖިއޯ ގޯރް ވަޑައިގެން، އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫންއާ ބައްދަލުކުރެއްވި އެވެ. ނަމަވެސް އޭނާ ފުރާވަޑައިގަތީ ރައީސް މުއިއްޒުއާ ބައްދަލުނުކުރައްވަ އެވެ.

ކޮމެންޓް (2)

ކޮމޮޑަސް

1 މޭ 2026
ސައިޒު ކޮށްލީތަ؟
7 0

ހަމާސް

2 މޭ 2026
@ކޮމޮޑަސް ދިވެހިންގެ ހެވާއި ލާބައަށްޓަކައި މަޑުޖައްސާލީ. އެހެންނޫންނަމަ އެމެެރިކާއިން ބުލީކޮށް ގެއްލުންދޭނީ ހަމަ ދިވެހިންނަށާއި ދިވެހިރާއްޖެއަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް