އަނިޔާވެރިކޮށް މަރާލާފައި އޮއްވާ 2022ވަނަ އަހަރު ފެނުނު ޝިއާއުގެ މަރުގެ ތުހުމަތުގައި ކްރައިމް ސީނުން މި މައްސަލާގައި ދައުވާކޮށްފައިވާ ޝާހިލު އަލީ ހައްޔަރުކޮށްގެން ގެންދަނީ(ސަން ފޮޓޯ/ މުހައްމަދު ހައްޔާން)

ޝިއާއުގެ މަރު

ޝިއާއު މަރު: ރައްކާތެރިކޮށްފައި ހުރި ބައެއް ހެކި ޝާހިލަށް ދައްކައިފި

ޝާހިލުގެ މައްޗަށް މި މައްސަލާގައި އުފުލާފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި އޮރިޔާން ކާޑުގެ ދައުވާ ސާބިތުވާ ކަމަށް މި މަސް ތެރޭ ވަނީ ހުކުމް ކޮށްފައި

ރަހުމުކުޑަކޮށް މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ރައްކާތެރިކޮށްފައިވާ ބައެއް ހެކިތައް ބަލަން، އެ މައްސަލާގައި ދައުވާ ކޮށްފައިވާ އަލީ ޝާހިލަށް މިއަދު ފުރުސަތު ދީފި އެވެ. 

މައްސަލައިގެ ފެށުން - ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، ވަރަށް ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭ، ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން

  • އޮރިޔާން ކާޑު ގެންގުޅުން

  • ކެނެބިސް ބޭނުންކުރުން

  • ސިއްރުކޮށްފައިވާ ދެ ދައުވާއެއް

ތަފްސީލް - ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން، ސިއްރުކޮށްފައިވާ ދައުވާތަކާ ގުޅޭ ބައެވެ. މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ހުލާސާ ބަޔާން އިއްވަން މިއަދު ތާވަލުކުރި އަޑުއެހުމުގައި ފުރަތަމަ އޮތީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މަދަނީ ހެކިތަށް ކޯޓަށް ގެނެސް އެ ދައްކައި އެއާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ.

ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ކުރިން، ކޯޓުގައި ބަލައި ދިރާސާކުރާ ގޮތަށް 'ރައްކާތެރިކޮށްފައި ހުރި' ބައެއް ހެކިތައް ބަލަން ބޭނުންވާކަން ޝާހިލުގެ ފަރާތުން ފާހަގަކުރި އެވެ. އެހެންވެ، އެ ފުރުސަތު މިއަދު ދީފައިވެ އެވެ.

ރައްކާތެރިކޮށްފައި ހުންނަ ހެކިތަކަކީ، އޭގެން ބައެއް ސިއްރުކޮށްފައިވާ އެކަމަކު އެއްކޮށް ސިއްރު ނުކުރާ ހެެއްކެވެ. މިގޮތަށް މައުލޫމާތު ސިއްރުކުރަނީ ގިނައިން ޒާތީ ނުވަތަ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. މިފަދަ ހެކިތައް ބެލޭނީ ކޯޓުގަ އެވެ.

ޝާހިލަށް ދެއްކި ރައްކާތެރިކޮށްފައިވާ ހެކިތަކުގައި ހިމެނެނީ، ދައުލަތުން އޭނާއާ ދެކޮޅަށް މިއަދު ހުށަހެޅި މާއްދީ ހެކިތަކެކެވެ. އެއީ:

  • އެ ރޭ ޝާހިލު ލައިގެން ހުރި ޓީޝާޓާއި ސޯޓު

  • ތިން ވަޅި

  • އަދިވެސް އެހެން ސިއްރު ހެކިތަކެއް

އެ ހެކިތައް ދައްކައި ނިމުނުއިރު، ހުލާސާ ބަޔާން އިއްވަން ވަގުތެއް ނެތެވެ. އެހެންވެ، ހުލާސާ ބަޔާން ހުށަހެޅުން އެހެން ދުވަހަކަށް ފަސްކުރުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލި އެވެ.

އެނގުން މުހިންމު - އޭނާގެ މައްޗަށް ކުރި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ މި މަސް ތެރޭ އޮތީ ސާބިތުވެފަ އެެވެ. އެ ދައުވާތަކުގެ އަދަބަކަށް ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

ފާހަގަކުރެވޭ - ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ. ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކަށް އޭނާ އިއުތިރާފުވެފައެއް ނުވެ އެވެ.

މައްސަލަ ދިގުލައިގެން ދިޔައީ އަޑުއެހުންތަކުގައި ޝާހިލް ވާހަކަނުދައްކާ ގިނަ ދުވަސްވުމުންނެވެ. ދައުލަތުން ފުރަތަމަ އެކި ވަކީލުން ހަމަޖައްސައިގެން ވެސް ކުރިއަށްނުގެންދެވި، އެންމެ ފަހުން އޭނާ ނިންމީ ވަކީލަކާ ނުލައި އަމިއްލައަށް މައްސަލައާ އެކު ކުރިއަށް ދިއުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް