ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ދަނާލުގައި މަރުވި ކުއްޖާ އެފްސީޕީޑީ އާއި 911އަކަށް ނުގުޅާ: އިހުސާން

ހޯމަ ދުވަހުގެ ރޭ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ 8:40 ހާއިރު ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓަށް މެސެޖުކުރި އެކަމަކު ފަހުން ރަނގަޅު ކަމަށް ބުނެފައިވޭ؛ ކުއްޖާ މަރުވެފައި ހުއްޓާ ފެނުނީ 12:36ގައި "މި ދިޔައީ" ކަމަށް ބުނެ މެސެޖުކޮށްފައި ވަނިކޮށް

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ޒުވާނަކު މަރުވުމުގެ ކުރިން، އެކި ފަހަރުމަތިން ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީޕީޑީ) އާއި 911އަށް ގުޅައި އެހީތެރިކަން ހޯދަން މަސަައްކަތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ދޮގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫގައި ކިޔަވާ 18 އަހަރުގެ ދަރިވަރަކު، ދަނާލުގައި އޭނާ ދިރިއުޅޭ ކޮޓަރިތެރޭ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ކުއްޖާ މަރުވީ ބުލީގެ ޝިކާރައަކަށްވެގެން ކަމަށާއި މަރުވުމުގެ ކުރިން އެ ރޭ އެކުއްޖާ ފުލުހުންގެ އެހީތެރިކަން ހޯދަން އެކި ފަހަރުމަތިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ. އަދި އެކަމަށް ފުލުހުން ޒިންމާވާންޖެހޭނެ ކަމަށް ބުނެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

ބުނީ ކީކޭ؟ - ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވަނީ، މި ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި އެ ރޭ ކަން ހިނގިގޮތުގެ ޓައިމްލައިނެއް ހިއްސާކުރެއްވި އެވެ. 

އެ ކުއްޖާ މަރުވި ރޭ ކަން ހިނގި ގޮތް ކަމަށް އިހުސާން މިއަދު ހިއްސާކުރެއްވި ޓައިމްލައިންގައިވާ ގޮތުން:

  • ހޯމަ ދުވަހުގެ ރޭގަނޑު 8:40 ހާއިރު ވިކްޓިމް ސަޕޯޓަށް މެސެޖެެއް ލިބުނު؛ އެ މެސެޖުގައި ވަނީ "އައިއެމް ސޯ ކްލޯސް ޓު ގިވްއަޕް"

  • އެ މެސެޖަށް 8:49ގައި ފުލުހުން ޖަވާބުދީ، ވެގެން އުޅޭ ގޮތް ހިއްސާކުރަން ބޭނުންތޯ އަހާފައިވޭ

  • އެ މެސެޖަށް ޖަވާބުދީ، 8:50ގައި ކުއްޖާ ފޮނުވި މެސެޖުގައި، އޭނާގެ ހިޔާލުތައް ކޮންޓްރޯލު ކުރަން އުނދަގޫވާ ކަމަށް ބުނެފައިވޭ

  • 8:53 - ވަކިވަކިން އެ ކުއްޖާ ކުރި ތިން މެސެޖެއްގައި އެއްވެސް މީހަކަށް ނުގުޅުމަށާއި އޭނާ "އޯކޭ" ކަމަށާއި އޭނާ "އޯކޭ" ވާނޭ ކަމަށް ބުނެފައިވޭ

  • 8:56 - ހިނގާލަން ބޭރަށް ނުކުންނަ ކަމަށް ބުނެ ފުލުހުންގެ ވިކްޓިމް ސަޕޯޓަށް އެ ކުއްޖާ މެސެޖެއްކޮށްފައިވޭ

  • 12:38 - އެ ކުއްޖާ ވިކްޓިމް ސަޕޯޓަށް ފޮނުވި މެސެޖެއްގައި "އައިއެމް ގޯން" ކަމަށް ބުނެފައިވޭ

  • 12:42 - އެ މެސެޖުގެ މާނައަކީ ކޮބައިތޯ އާއި އެހީތެރިވެދެވިދާނެ ގޮތަކީ ކޮބައިތޯ އަހާފައިވޭ 

  • އޭގެ ކުރިން 12:36ގައި އެ ކުއްޖާގެ ބޭބެއަށް ފޮނުވި މެސެޖެއްގައި އިތުރަށް އޭނާގެ ސަބަބުން އުނދަގޫ ނުވާނެ ކަމަށް ބުނެފައިވޭ

  • 12:57 - ވިކްޓިމް ސަޕޯޓާއި އެ ކުއްޖާ ވާހަކަދައްކަމުންދިޔަ ވައިބާ ނަންބަރު އޮފްލައިންވެފައިވޭ

  • އެ ކުއްޖާގެ ބޭބެއަށް މެސެޖެއްކޮށްފައިވާ ކަމަށް 1:02ގައި މައުލޫމާތު ލިބުމުން ބޭބެއަށް ގުޅައި އެފަދަ ކަމެއް ހިނގާފައިވާ ކަމަށް މައުލާތުދީ، އާއިލާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިއުމަށް ފުލުހުން އެދިފައިވޭ

  • 1:03 - ފުލުހުންގެ ކޮމާންޑު ސެންޓަރަށް އެ މައުލޫމާތުދީ އެތަނަށް ފުލުހުން ފޮނުވައިދިނުމަށް ފުލުހުންގެ  ވިކްޓިމް ސަޕޯޓުން އެދިފައިވޭ

  • 1:08 - ފުލުހުން ދަނާލަށް ވަދެފައިވޭ

  • 1:14 - އެ ކޮޓަރިއަކީ ކޮބައިތޯ ދެނެގަންނަން ފުލުހުން މަސައްކަތްކޮށްފައިވޭ

  • 1:32 - ކޮޓަރި ދެނެގަނެވިފައެއްނުވޭ؛ އެކަމަކު ކޮޓަރި ތަޅުލާފައި ހުރުމުން ފެން ލައިޓުން ބެލިއިރު ކުއްޖާ ކޮޓަރިތެރޭގައި ދަންޖެހިފައި ހުއްޓާ ފެނިގެން ފެން ލައިޓުން ކޮޓަރިއަށް ފުލުހުން ވަދެފައިވޭ

އެ ކުއްޖާ މަރުވުމުގެ ކުރިން، އެ ރޭގެ އެކި ވަގުތުތަކުގައި އެފްސީޕީޑީ އާއި ފުލުހުންގެ 911އަށް އެ ކުއްޖާ ގުޅާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް. ފުލުހުންގެ ވެސް އަދި ސަރުކާރުގެ ވެސް އެއްވެސް މި ބާވަތުގެ ނަންބަރަކަށް މި ނަންބަރުން އަދި މިކުއްޖާ ވެސް ގުޅާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަޅުގަނޑުމެންނަށް ކަށަވަރުކުރެވިފައިވޭ ފުލުހުންގެ 911އަށް ވެސް އަދި އެފްސީޕީޑީއަށް ވެސް ގުޅާފައިނުވާކަން،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، މި މައްސަލާގައި ފުލުހުން އަަމަލުކޮށްފައިވާ ގޮތް ބަލާނެ ކަމަށާ އަދި ރަނގަޅުކުރެވެން ހުރި ކަންކަން ބަލައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.

އިހުސާން ވަނީ މިފަދަ ވާހަކަތައް ފެތުރުމުގައި ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިފަހަކުން ފުލުހުންނަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅޭ އެފަދަ މައްސަލަތައް އިތުރުވެފައިވާތީ އެކަންކަމަށް އާއިލާތަކުންނާއި ބެލެނިވެރިން ސަމާލުވުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.

ކޮމެންޓް (13)

ޗެޓްލޮގް

23 އޭޕްރީލު 2026
ކުއްޖާގެ ޗެޓްލޮގްތައް ތިހެން ސަރުކާރުން ޕަބްލިކް ކުރީމަ ދެން އެހީއަކަށް އެދެން ބޭނުންވާކުދިން އެކަން ކުރަން ފަސްޖެހޭނެ. ތިއީ ރަނގަޅު ނިއްމުމެއް ކަމަކަށް ނުފެނޭ. މުޅިން އެކީ ޕަބްލިކް ނުކޮށްވެސް ސަރުކާރު ދިފާއުކުރެވިދާނެ.
0 2

ކަލޯ

23 އޭޕްރީލު 2026
@ޗެޓްލޮގް ރަނގަޅު އެއްގޮތެއް ވެސް ނެތް ދޯ؟..
0 0

މީމު

25 އޭޕްރީލު 2026
@ޗެޓްލޮގް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ!! ހާމަނުކުރިޔަސް ސަލާމަތެއް ނެތް ހާމަ ކުރިޔަސް ސަލާމަތެއް ނެތް.
0 0

ސިކުނޑި

23 އޭޕްރީލު 2026
އެކުއްޖާ ނުގުޅުމެއް ނޫން މުހިންމީ! މީގެ ކުރިން އެކުއްޖާ ވިކްޓިމް ސަޕޯޓަށް ގުޅާފައިވޭތޯ! އެ ކޭސްކުރެވިފައިވޭތޯ؟ އޭގެ ފޮލޯއަޕް ހަދާތޯ؟ އޭގެ އިތުރަށް ދަނާލަކީ އެކަމަޑޭޝަންއެއްގޮތަށް ބަލައިގެން ފުރާވަރުގެ ކުދިން ބައިތިއްބަން ހެޔޮނުވާނެ! ކޮންމެ މީހެއްގެ މައްޗަށްވެސް ބެލެހެއްޓުންތެރިއެއް ހުންނަންވާނެ! ހުރިހާވެސް މައްސަލައަކީ، ދިވެހިންގެ ޚާއްސަކޮށް ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ފަރުވާ ކުޑައީ! އީމާންތެރިކަމެއް އިހުސާންތެރިކަމެއް، އިންސާނިއްޔަތު ކަމެއްނެތީ! ތިމާއަށް މަންފާއެއް ނުވަންޏާ ގިނަ މީހުން އަޅާވެސްނުލާ! އެއްވެސް ކަމެއް ރާއްޖޭގައި ނުކުރެވޭ ސިޔާސީ މީހެއް ކައިރީ ސަލާން ޖަހައިގެން ނޫން ގޮތަކަށް!
1 0

އަދްނާން

23 އޭޕްރީލު 2026
ފުލުހުންގެ ވިކްޓިމް ސަޕޯޓު ޔުނިޓާ ފެމިލީ އެންޑް ޗައިލްޑު ޕްރޮޓެކްޝަނަކީ ގާވެ ހިލަވެފއަިވާ ތަންތަން. ވަރަށް ޕްރޮފެޝަނަލް މީހުން މިތަންތާ ތިބެންޖެހޭނީ. މީ އެންމެ މުހިންމު ތަންތަން.
5 0

އިހުސާނުގެ ސޯޓު

23 އޭޕްރީލު 2026
"އެއީ ކަނޑައެޅިގެން ދޮގެއް. ފުލުހުންގެ ވެސް އަދި ސަރުކާރުގެ ވެސް އެއްވެސް މި ބާވަތުގެ ނަންބަރަކަށް މި ނަންބަރުން އަދި މިކުއްޖާ ވެސް ގުޅާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް" ނުގުޅިޔަސް އެކުއްޖާ މެސެޖްކޮށްފަ ނުން އޮތީ އެހީއަށް އެދި. ނަންބަރަށް ގުޅީމަ އެކަނިތަ ސީރިއަސްކޮށް ނަގަނީ
9 0

ސަމްސިއްޔާ

23 އޭޕްރީލު 2026
އެކުއްޖާ ކުރިޔޭ ނުކުރިޔޭ ކިޔާނެ ކަމެއް ނެތް ދެން އޭނާގެ ފަރާތުން ތިޔަށް ރައްދެއް ދެވެން ނެތް އިރު. މުއައްސަސާގެ ނަން ރީތި ކުރަން ކޮންމެ ދޮގެއް ހެދިޔަސް މިއަދު އޭގެ ރައްދު ދޭކަށް އެކުއްޖެ ފަރާތުން ނާންނާނެ
6 1

ރޯނުއެދުރު

23 އޭޕްރީލު 2026
ބަލަ ދިވެހިރަތްޔިތުން ކުރިމަތީ އިތުބާރު ގެއްލިފަހުރިމިމިމީހާ ދައްކާވާހަކަ ކާކުގަބޫލުކުރާނީ، ރަތްޔިތުންނައް ވަގައްއެމީހުންގެ ޕާރސަނަލް މައުލޫމާތުން ވައްކަންކޮށްފަހުރި ކަމަށސް ބުނާ މީހެއްމިއީ، ދެންކާކުމީނަ މިހަދާދޮގު ގަބޫލުކުރާނީ، މިހާރުވެސް އެކުއްޖާޔާބެހޭގޮތުން ހާމަނުކުރަންޖެހޭވާހަކަ އެކިޔަނީ، ނާގާބިލުރޯނުއެދުރު
4 0

ހުދާ

23 އޭޕްރީލު 2026
އެ ކުއްޖަގެ ތި ކޮންވޭ ލިޔާކަށް ނުޖެހޭ. މިނިސްޓަރު އެވާހަކަ ހާމަ ކުރަންވެސް ނުޖެހޭ.
6 2

ހިމާރުލްގައުމު

23 އޭޕްރީލު 2026
@ހުދާ ހާމަކުރަން ޖެހޭ، ކަމަށް ވާއިރަށް ފުލުހުންގެ ބޮލުގަ އިލްޒާމް އަޅުވާ ހިތުހުރިހާ ވާހަކައެއް ދައްކަންޏާ ހުރިހާ އެއްޗެއްވެސް ނެރެ ދައްކަންވީ. ދަގަނޑ ކެނޑޭނީ ދަގަނޑުން.
1 2

ޔެލްލޯ

23 އޭޕްރީލު 2026
@ހިމާރުލްގައުމު ފުލުހުންގެ ބޮލުގަ އިލްޒާމު އަޅުވާކަށް ނުޖެހޭ. ވިކްޓިމް ސަޕޯޓާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްށަނުން ހިތުމަތެއް ހޯދިއްޔާ އިނގޭނެ މީ ވަރަށް އަންޕްރޮފެޝަނަލް މީހުން ތިބޭ ތަންތަންކަން. ގިނަފަހަރަށް ވެރިންގެ ސަބަބުން އެމީހުން ތިބެނީ ތަމްރީނު ނުކޮށް. ސިސްޓަމްތައް ގާއިމު ނުކޮށް. ނުވާނު ރަނގަޅެއް ދުވަހަކުވެސް.
1 1

ތެފައާސާ.

23 އޭޕްރީލު 2026
24:38 - ދަރިވަރު: "އައި އެމް ގޯން" 00:42 - ވިކްޓިމް ސަޕޯޓް ޔުނިޓް: "ވަޓް ޑޫ ޔޫ މީން ބައި ދެޓް. ހައު ކޭން އައި ހެލްޕް ޔޫ. ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓޯކް ޓު މީ. އިހުސާން އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި ދަރިވަރު އައި އެމް ގޯން އޭ ކިޔާފައި ކުރި މެސެޖަށް ފުލުހުން ރިޕްލައިކުރީ ގާތްގަނޑަކަށް އޭގެ 1 ގަޑިއިރު ފަހުން. ކީކޭދެން ބުނާނީވެސް؟
2 3

ނޫނޭ

23 އޭޕްރީލު 2026
@ތެފައާސާ. 24:38 ޖެހިފަވަނީ އޮޅުމަކުންކަމަށް ބެލެވޭ.. އެއީ 00:38 އެހެންވީމާ، 4 މިނިޓު ފަހުން ފުލުހުން ރިޕްލައި ކުރީ...... އެކަމަކުވެސް މިކަހަލަކަމެއް އޯލްރެޑީ އައިސްފައޮއްވަ ފުލުހުންގެ ރިޕްލައި ވާނެ ސޭމް މިނިއްޓުގަ ދެވެން ޖެހޭނެ.. ވިކްޓިމް ސަޕޯޓަކީ އެއީދޯ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް