ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް: ޖޭއެސްސީގެ ރައީސްކަމުން އޭނާ ވަނީ މިދިޔަ އޮކްޓޫބަރުގައި އިސްތިއުފާ ދެއްވާފައި (ފޮޓޯ/ މަޖިލިސް)

ޖޭއެސްސީގައި ކުރީގެ ފަނޑިޔާރުންނާއި އެކި ފަންނުގެ މީހުން ތިބުން މުހިންމު: ރިޒާ

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ވެސް ވައުދެއް؛ އެ ކޮމިޝަނުގެ މިހާރުގެ ރައީސް ހުސްނީ ވިދާޅުވި ގޮތުގައި، އަދިވެސް ކުރަމުން އަންނަ މަސައްކަތަކީ ޖޭއެސްސީ އޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށް އަލުން އެކުލަވާލާއިރު، ކުރީގެ ފަނޑިޔާރުންނާއި އެކި ދާއިރާތަކުން އެކި ފަންނުގެ މީހުން ތިބުން މުހިންމު ކަމަށާއި އެކަން ކުރަންވާނީ ހުޅުވާލެވިފައިވާ ފުޅާ މަޝްވަރާތަކަކާއެކު ކަމަށް ޖޭއެސްސީގެ ކުރީގެ ރައީސް ހުސެއިން ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެ އިތުރުން މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކަމުގެ މަޝްވަރާތައް 2022 ވަނަ އަހަރު ތެރޭ ފެށި ނަމަވެސް ދައުރު ހަމަވިއިރު ވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްފައެއް ނުވެ އެވެ. 

އެކަމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، މި ސަރުކާރުގައި ވެސް މިހާތަނަށް އޭގެ ނަތީޖާއެއް ނުފެނެ އެވެ. ޖޭއެސްސީގެ ކޮންޓްރޯލް މިވަގުތު އޮތީ ސަރުކާރުގަ އެވެ.

ބުނީ ކީކޭ؟ - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން ޕީއެސްއެމްގެ 'ކޮމާކޯޅި' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ރައްޔިތުން މަޖިލީހުގެ މާފުށީ ދާއިރާގެ ޕީއެންސީ މެމްބަރުކަން ވެސް ކުރައްވާ ރިޒާ ވިދާޅުވީ، ޖޭއެސްސީ ބަދަލުކުރުމުގެ ކަންކަން ކުރަންޖެހޭނީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކޮށްގެން ކަމަށެވެ.

މިދިޔަ އޮކްޓޫބަރުގައި ޖޭއެސްސީގެ ރައީސްކަމުން ކުއްލިއަކަށް އިސްތިއުފާ ދެއްވި ރިޒާ ވިދާޅުވި ގޮތުން:

  • ޖޭއެސްސީގެ މައިގަނޑު ދައުރަކީ ފަނޑިޔާރުންގެ އަމަލުތައް ހުންނަ ގޮތް ބަލައި ފިޔަވަޅު އެޅުން ކަމަށްވާއިރު ޖޭއެސްސީގައި ހުސް ފަނޑިޔާރުން ތިބެގެންނުވާނެ؛ އޭރުން އަދުލުވެރިއެއް ނުވެވޭނެ

  • އެހެންވީމާ ޖޭއެސްސީ އަލުން އެކުލަވާލާއިރު، ކުރިން ފަނޑިޔާރުކަން ކުރައްވާފައިވާ ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ފަންނުތަކުގައި ތިއްބަވާ ބޭފުޅުން ހިމެނުން މުހިންމު

  • އެކަމުގެ މަޝްވަރާ ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ޝަރުއީ ދާއިރާގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ދޭން ބޭނުންވާ ހިޔާލުތަކެއް ވެސް އެބަހުރި

  • ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީތަކުގައި ވެސް ފުޅާ މަޝްވަރާތަކެއް ކުރެވިގެން ޖޭއެސްސީ އޮންނަ ގޮތް ބަދަލުކުރުމުގެ ކަންކަން ކުރެވިގެންދާނެ ކަމަށް ގަބޫލުކުރަން

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު ވިދާޅުވީ، ޖޭއެސްސީ އެކުލަވާލަންޖެހޭ ގޮތާ ބެހޭ ގޮތުން ހިޔާލަށް ހުޅުވާލެވިފައިވާ ކަމަށާއި އެކަން ނިންމާނީ ހިޔާލާއި މަޝްވަރާގެ މަތިން ޝަރުއީ ދާއިރާ އެންމެ ބޮޑަށް މިނިވަންވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.

ހުސްނީ ވިދާޅުވީ، އަދިވެސް ކުރަމުން އަންނަ މަސައްކަތަކީ ޖޭއެސްސީ އޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުން ކަމަށެވެ.

"އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ. ހަގީގަތުގައި އެއްވެސް ބަޔަކަށް ބުނެއެެއް ނުދެވޭ މިގޮތަށް ކޮމްޕޮޒިޝަން އެކުލަވާލެވިގެންނޭ ޖޭއެސްސީ މިނިވަންވެފައި އޮންނާނީ. އެހެންވީމާ މަޝްވަރާއަށް ހުޅުވާލެވިފައި އެ އޮތީ. އެ މަޝްވަރާގެ ތެރެއިން އެންމެ ރައްޔިތުންނަށް ބަލައިގަނެވޭ މިނިވަން ކަމާއެކީގައި ހަރަކާތްތެރިވާ ގޮތަކަށް އެކަން ކުރުން މިއީ އަޅުގަނޑު ދެކޭ ގޮތުގައި ޖޭއެސްސީ އިސްލާހުކުރެވިގެންދާއިރު އޮންނަންޖެހޭނެ ގޮތަކީ. މަޝްވަރާގެ ތެރެއިން އެކަން ކުރެވެންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" ހުސްނީ ވިދާޅުވި އެވެ.

އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ނިމިދިޔަ ސަރުކާރުގައި މަޝްވަރާތައް ފެށިއިރު، އެ ކޮމިޝަނަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ އެކު މަޝްވަރާކޮށް ހިޔާލު ހޯދާފައިވެ އެވެ.

އެ މަޝްވަރާތަކާ އެކު ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލައި އޭރު އާންމުކުރި ކަރުދާހުގައިވާ ގޮތުން، އެ ކޮމިޝަނުގައި ސިޔާސީ މެމްބަރުން ތިބެން ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް މަޖިލިސް ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮމިޝަނުގައި ތިބެން ބޭނުން ނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އެ ކަރުދާހުގައިވާ ގޮތުން، ގިނަ ބަޔަކު ބޭނުންވަނީ ފަނޑިޔާރުންނާއި ފަންނީ މީހުން ހިމަނައިގެން ކޮމިޝަން އެކުލަވާލުމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންނަކީ: 

1- ރައްޔިތުންގެ މަޖިލީހުގެ ރައީސް - އަބްދުއްރަހީމް އަބްދުﷲ

2- ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން - ހުސައިން ޝަހީދު

3- ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން - ހަސަން ޝަފީއު

4- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން - ފަރުހާދު ރަޝީދު

5- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު - މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް (ކޮމިޝަންގެ ރައީސް)

6- ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް - މުހައްމަދު މުޖުތާޒު ފަހުމީ

7- ރައީސް އައްޔަން ކުރައްވާ މެންބަރު - މުހައްމަދު ޔަޒުމީދުު

8- ބަންޑާރަނައިބު - އަހްމަދު އުޝާމް

9- ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު - އަލީ އަބްދުއްލަތީފް

10- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު - އިދުރީސް ފައުޒީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް