ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ލިޓަން (ކ) އާއި މުހައްމަދު ނިޒާމް

ލިޓަން މަރާލިކަން ނިޒާމްގެ މައްޗަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށް

ބަންދުގައި ހޭދަކުރި 3 އަހަރާއި 1 މަހާއި 29 ދުވަސް އުނިކުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ 21 އަހަރާއި 10 މަހާއި 1 ދުވަސް
22 އޭޕްރީލު 2026

ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ ހަށިގަނޑު ނުފެނުނު ނަމަވެސް އޭނާ މަރާލި ކަމުގެ ދައުވާ މުހައްމަދު ނިޒާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފަސްމަންޒަރު - ގދ. ތިނަދުއަށް ނިސްބަތްވާ ނިޒާމާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓް ގެއްލިގެން ރިޕޯޓްކުރީ 28 ޑިސެމްބަރު 2022ގަ އެވެ. ޖެހިގެން އައި ދުވަހު އެއާޕޯޓް ނެރު ކައިރިން ތެޔޮ ބޯޓް ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތެވެ. އޭގެ ފަހުން:

  • ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެން

  • މާލޭ ގެސްޓްހައުސްއަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި

  • ލިޓަންގެ ހަށިގަނޑު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ލިޓަން މޫދަށް ވައްޓާލައިގެން ނިޒާމު އޭނާ މަރާލީ ކަމަށް ތުހުމަތުކޮށް މަރުގެ ދައުވާ ދައުލަތުން އުފުލި

  • ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށްފައިވޭ؛ ދޯނީގައިވާ 51،000ރ. ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ވައްކަމުގެ ދައުވާ ވެސް އުފުލާފައިވޭ

ނިޒާމުގެ މައްޗަށް ދައުލަތުން އުފުލީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ވައްކަމުގެ ދައުވާ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެވެ.

ތަފްސީލް - ނިޒާމުގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ:

  • އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި މީހަކު ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެ އަމަލު ހިންގި މީހާ އެ ކުރަނީ ކުށެއް

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ:

  • ނިޒާމާ އެކު ލިޓަން ދަތުރުކުރަން އަރަނީ ވަރަށް އިތުބާރުކޮށްގެން، ނަމަވެސް އެ އިތުބާރު ނަހަމަ ގޮތުގައި ބޭނުންކުރި

  • ކުށުގެ އެންމެ މަތީ އަދަބެއް ދިނުން؛ ގާނޫނުގައި އޮންނަ ގޮތުން މި ކުށުގެ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށް ލުން ނުވަތަ އުމުރު ދުވަހަށް ޖަލަށް ލުން

  • ބަންދުގައި ހޭދަކުރި 3 އަހަރާއި 1 މަހާއި 29 ދުވަސް އުނިކުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ 21 އަހަރާއި 10 މަހާއި 1 ދުވަސް

އޭނާގެ މައްޗަށް އުފުލާފައިވާ ވައްކަމުގެ މައްސަލާގައި އިއްވީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް