ޖޭއެސްސީގެ ރަސްމިޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ އަރިހުގައި އުއްތަމަފަނޑިޔާރު (މ) އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކް (ވ). (ފޮޓޯ/ރައީސް އޮފީސް)

ޖުޑިޝަރީ

ޖުޑީޝަލް ކައުންސިލް އަލުން އުފައްދާނީ ސިޔާސީ ނުފޫޒު ނޯންނަހެން: ހުސްނީ

ޖޭއެސްސީގެ ރައީސް ހުސްނީ ވިދާޅުވީ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަަހައްޓާ ޑީޖޭއޭ ޖޭއެސްސީގެ ދަށުގައި އޮތުމުން އެ ޑިޕާޓުމަންޓަށް، ޖޭއެސްސީގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަ ކަމަށް

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނީ ސިޔާސީ ނުފޫޒެއް ނޯންނަ ގޮތަށް ކަމަށާއި އެ ކައުންސިލް އެކުލަވާލުމުގެ ކުރިން ޝަރުއީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސްނީ މުބާރަކު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާ އެކު 2010 ވަނަ އަހަރު ވުޖޫދުވެގެން އައި ޖުޑީޝަލް ކައުންސިލް އުވާލީ 14 މާޗު 2011ގައި ސުޕްރީމް ކޯޓުގެ ހުކުމަކުންނެވެ. މި ކައުންސިލަކީ ގާނޫނުއަސާސީގެ ދަށުން، ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް އެއް އުސޫލަކުން ހަދައި ހުރިހާ ކޯޓުތަކެއްގައި އެއް މިިންގަނޑުތަކެއް ހިފެހެއްޓުމަށް މަގުފަހިކުރުމަށާއި ކޯޓުތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އޭރު އެކުލާވާލި ކައުންސިލެކެވެ. 

އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުން ހިންގާ މި ކައުންސިލުގައި ތިބެނީ، ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިސް ފަނޑިޔާރުގެ އިތުރުން، ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނެވެ. އަދި އުތުރާއި ދެކުނުގެ ކޯޓުތައް ތަމްސީލުކުރާ ދެ މެޖިސްޓްރޭޓުންނެވެ.

ރައީސް މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރިން އޮތް ގޮތަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނެކަން ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ، މި ކައުންސިލް އުވާލުމަށް ފަހު، ޖޭއެސްސީގެ ދަށަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކޮށްފައި އޮތުމުގެ ސަބަބުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

ބުނީ ކީކޭ؟ - ޕީއެސްއެމްގެ 'ކޮމާކޯޅި' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަަހައްޓާ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައިވާތީ ފަނޑިޔާރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަމަށާއި ކޯޓުތަކުގައި އެތަންތަން ތަމްސީލުކުރަންޖެހޭ ގޮތުގައި ވެސް އޮޅުންތަކެއްް އަރާ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ޑީޖީއޭއަށް ޖޭއެސްސީގެ ނުފޫޒު ފޯރުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން ޑީޖީއޭ އޮތީ ޖޭއެސްސީގެ ނުފޫޒު ފޯރުވޭ ގޮތަށް. އެހެން ކަމަށްވާ ނަމަ، ޝަރުއީ ދާއިރާއަށް އެންމެ ހެޔޮ ގޮތުގައި އެކަން ކުރުމަށްޓަކައި ޖަވާބުދާރީވާ ޖުޑީޝަލް ކައުންސިލުން އެކުލަވާލާ ތަސައްވުރަކާ އެއްގޮތަށް އެކަން ތަންފީޒުކުރާ އިދާރާއެއްގެ ގޮތަށް ވެގެންގޮސްފި ނަމަ، ޝަރުއީ ދާއިރާ މިނިވަންކަން ކަށަވަރުކުރަން ފަސޭހަވެގެންދާނެ،" ހުސްނީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ހުސްނީ ވިދާޅުވީ، އަލުން އެ ކައުންސިލް އެކުލާވާލާއިރު ބާއްވާނީ، ކޯޓުތަކުގެ ގާނޫނުގައި މީގެ ކުރިން އެ ކައުންސިލް އޮތް ގޮތަށްތޯ ނުވަތަ ބަދަލެއް ގެންނަންޖެހޭތޯ ނިންމާނީ ކޯޓުތަކާއި ޝަރުއީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށެވެ. އެކަމަކު އެ ކައުންސިލް އޮންނާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވޭ ގޮތަށް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑަށް ޔަގީންވާ ކަމަކީ ސިޔާސީ ނުފޫޒު ނޯންނާނެ ގޮތަކަށް ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނެކަން. ޝަރުއީ ދާއިރާގެ ތެރެއިން ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނެކަން،" ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ، އެފަދަ ކައުންސިލެއް ކުރިން އޮތް ނަމަވެސް، ކުޑަ ދުވަސްކޮޅެއް ތެރޭ އެ ކައުންސިލް އުވާލެވިގެން ދިއުމުން، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ކައުންސިލުގެ ދަށުން ހިންގާ ގޮތް އަދި މިހާތަނަށް ރާއްޖެ ދެކެފައިނުވާ ކަމަށެެވެ.

މި ޕްރޮގްރާމުގައި ޖޭއެސްސީގެ ކުރީގެ ރައީސް ހުސެއިން ރިޒާ ވެސް ވިދާޅުވީ، ޖޭއެސްސީއަށް ވުރެ ޖުޑީޝަލް ކައުންސިލުން ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ ނަމަ އޭގެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ.

މަޖިލީހުގެ މާފުށީ ދާއިރާގެ ޕީއެންސީ މެމްބަރު ރިޒާ ވިދާޅުވީ މިހާރު އޮންނަ ގޮތުން:

  • ސުޕްރީމް ކޯޓުން ވެސް އިދާރީ ކަންކަން ކުރަންޖެހެނީ ބައެއް ދިމަދިމާލުން ހުއްދަ ހޯދައިގެން؛ އެ ކޯޓަށް ފުރިހަމަ ބާރު ލިބުމުން ފައިދާ ބޮޑުވާނެ

  • މިހާރު ޝަރުއީ ދާއިރާގެ އިދާރީ ކަންކަމުގެ ޒިންމާ ނަގަންޖެހެނީ ސީދާ ކޮން ފަރާތެއް ކަމެއް ވެސް ނޭނގޭ؛ މި ކައުްންސިލް އަލުން އުފެދުމުން އެކަންކަން ސާފުވެގެންދާނެ

  • މިހާރު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރުން ޑީޖޭއޭ އަދި ޖޭއެސްސީއަށް އޮންނަނީ ވަކިވަކި ބާރުތަކެއް ލިބިދީފައި؛ އެ ހުރިހާ ބާރުތަކެއް މަސްހުނިވެގެން ކަންކަން ކުރަންވުމުން ކަންކަން ދިގުލައިގެންދޭ

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބައިތައް ވަކިވެ ސީދާ ޖުޑީޝަލް ކައުންސިލް ދަށަށް ދިޔައީމާ ފަސޭހަވެގެންދާނެ... އޭރުން އުއްތަމަ ފަނޑިޔާރުގެ ފުރިހަމަ ހައިސިއްޔަތު ލިބިގެންދާނެ. އަދި ޝަރުއީ ދާއިރާގެ ކަންކަން ފަސޭހަކަމާ އެކު ނިންމުމުގައި ޖޫޑީޝަލް ކައުންސިލް އުފެދުމަކީ ހަގީގަތުގައި ވެސް ވަރަށް މުހިންމު ކަމެއް،" ރިޒާ ވިދާޅުވި އެވެ.

ރިޒާ އިތުރަށް ވިދާޅުވީ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަމަކީ އެހެން ދާއިރާތަކާ ވަރަށް ތަފާތު މަސައްކަތްތަކެއް ކަމަށާއި އެ ދާއިރާއަށް ބޭނުންވާ ކަންކަން އެންމެ ރަނގަޅަށް ކަނޑައެޅިގެންދާނީ ފަނޑިޔާރުންގެ ބައިވެރިވުން އޭގެތެރޭގައި  ހިމެނުމުން ކަމަށެވެ.

ކޮމެންޓް (1)

އޯއިއޯއި

22 އޭޕްރީލު 2026
ތެދެއް އެއީ.. ރ.މަޖިލީހުގައި ނުފޫޒެއް ނޯންނާނެ . ދިމްޔާތުގައި އިތުރު ވަގުތު މަސައްކަތްކުރާ މަޖިލިސް ކުދިންކޮޅުގެ ނުފޫޒު އޮންނާނީ. އެއީ އެހެން ކަމެއް ތާދޯ.....
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް