ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރެއްވުމުގެ ރަސްމިޔާތުގައި މަގާމާ ހަވާލުވެވަޑައިގެން ސޮއިކުރައްވަނީ(ފޮޓޯ/ހައި ކޯޓު)

ހައި ކޯޓު

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ނިންމައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމި ޖަމީލަކީ މިދިޔަ އަހަރު އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ބޭފުޅެއް؛ މީގެ 6 އަހަރު ކުރިން ޖަމީލު ވަނީ ފަނޑިޔާރުކަމުގައި 15 އަހަރު ދުވަހު ހިދުމަތް ކުރައްވާފައި
20 އޭޕްރީލު 2026

މިހާރު ހައި ކޯޓުގެ ހިންގެވުން ހަވާލުކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ، އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - ހައި ކޯޓު އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުންނެވެ. ދެން އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމި މުހައްމަދު ފައިސަލް މަގާމަށް އައްޔަންކުރުމުގެ ކުރިން ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން ތިން ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ.

ތަފްސީލް - ޖޭއެސްސީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ތިން ފަނޑިޔާރުންނާ ވެސް އިންޓަވިއުކުރެއްވުމަށް ފަހު ޖަމީލު އައްޔަންކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ޖަމީލުގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލެއްވި ފަނޑިޔާރުންނަކީ:

  • ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ

  • ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް

ޖަމީލުގެ ތައާރަފެއް

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމި ޖަމީލަކީ، މިދިޔަ އަހަރު އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. 

އެގޮތުން، 3 އޮގަސްޓް 2025ގައި ޖަމީލު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރީ ސުޕްރީމް ކޯޓުން ހުސްވި ދެ މަގާމަކަށް ހައި ކޯޓުގައި ތިއްބެވި ފަނޑިޔާރުން އައްޔަންކުރުމުން ހައި ކޯޓުން ހުސްވި ޖާގައަކަށެވެ.

ޖަމީލަކީ:

  • ފަނޑިޔާރު ކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް

  • 23 ސެޕްޓެމްބަރު 2003 އިން 31 ޖެނުއަރީ 2009އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވި

  • 1 ފެބްރުއަރީ 2009 އިން 21 ފެބްރުއަރީ 2019އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި

  • ފަނޑިޔާރުކަމުން ވަކިވެވަޑައިގަތް ފަހުން މިދިޔަ ހަ އަހަރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް