ޑަބްލިއުޑީސީ އިންތިހާބުގައި ތިން ރަށަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް އއ. ރަސްދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތަކާއެކު(ފޮޓޯ/ޕީއެންސީ)

ކައުންސިލުން ހުރަސް އެޅިޔަސް ކުރަންޖެހޭ ކަންކަން ކުރާނަން: ރައީސް

ރައީީސް ވިދާޅުވީ އިދިކޮޅު ކައުންސިލުތަކާ އެކު ވެސް މަސައްކަތްކުރެވޭތޯ ސަރުކާރުން ބަލާނެ ކަމަށާއި ހުރަސްއަޅާ ނަމަ އެކަން ކުރާ ކައުންސިލުތަކުގެ ތަފްސީލުތައް ރައްޔިތުންނަށް ކިޔައިދޭނެ ކަމަށް

އަލަށް އިންތިހާބުވި ކައުންސިލުތަކުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލުތައް ރައްޔިތުންނަށް ހާމަކުރާނެ ކަމަށާއި އެއްބާރުލުން ނުދިނަސް، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ގާނޫނީ ހަމަތަކުގެ މަތިން ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 4ގައި ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުން ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. އެގޮތުން، ފަސް ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮނޑީގެ އިތުރުން، މުހިންމު ކައުންސިލުތަކުގެ ގިނަ ގޮނޑިތަކެއް ވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ބުނީ ކީކޭ؟ - އެ ދުވަހު ބޭއްވި އަންހެނުންނަށް ހާއްސަ ކޮމިޓީތަކުގެ އިންތިހާބުގައި ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އއ. ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިހާބުގައި ކާމިޔާބީ ނުލިބުނު ރަށްތަކުގެ ކައުންސިލުތަކަށް ވެސް ސަރުކާރުން ހަމަހަމަކަމާ އެކު އެއްބާރުލުން ދޭނެ ކަމަށެވެ.

އެކަމަކު، ކައުންސިލުތަކަށް ހޮވުނު އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ކިބައިން އެ އެއްބާރުލުން ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅުގެ އިންތިހާބީ މެމްބަރުން މިހާރު ވެސް ފެންނަނީ ސަރުކާރާ ދެކޮޅަށް މަގުމަތީގައި މުޒާހަރާ ކުރަމުންދާ ތަން ކަމަށެވެ.

އެހެންކަމުން، ހާއްސަކޮށް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ލިބުނު މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މާލޭގެ މަގުމަތިން މި ފެންނަނީ، މި ހޮވިފައި ތިބި ކެންޑިޑޭޓުން މުޒާހަރާ ކުރަމުންދާ ތަން. މަގުމަތި ހަލަބޮލި ކުރަމުންދާ ތަން. ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާ ތަން. ދީނީ މިންގަނޑުން ވަރަށް އަހުލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާ ތަން، މި ހޮވުނު ކެންޑިޑޭޓުން. އެއީ ހަމަ އަޅުގަނޑުމެންގެ ރައްޔިތުން ވޯޓުލައިގެން ހޮވުނު ކެންޑިޑޭޓުން. އެކަމަކު އެ ވޯޓުދިނީ އެކަން ކުރާކަށް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުން:

  • ރައްޔިތުން ވޯޓުދިނީ ކައުންސިލާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސަައްކަތްތަކެއް ކުރަން

  • އޭގެ ކުރިން ވެސް ރައްޔިތުން އިންތިހާބީ މެމްބަރުންގެ ކިބައިން އުންމީދުކުރާނީ އަހުލާގީ ރީތި މިސާލުތައް ދައްކަން

  • އެކަމަކު މި ފެންނަނީ އިދިކޮޅު ފިކުރުގެ ކިބައިން އަބަދު ވެސް ފެންނަ މަންޒަރު؛ ގައުމެއް، ދީނެއް، މިއްލަތެއް އެ މީހުން އިސްނުކުރޭ

  • އެހެންވީމާ ގައުމާއި ދީން ދެކެ ލޯބިވާ، ހަމަ ވިސްނޭ ރައްޔިތުން މިކަންކަމާ ވިސްނަންޖެހޭ

  • ރައްޔިތުންނަށް ހިދުމަތް ކުރަން ކޮންމެ ޕާޓީއަކުން ހޮވުނު މީހަކަސް އިސްކުރަންޖެހޭނީ ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު

  • ގައުމާއި ދީނާ ހިލާފަށް ޕާޓީގެ ފިކުރު ދާ ނަމަ، އެ ޕާޓީއެއް ދޫކޮށްލަން ޖެހޭނެ

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އިސްކުރާނީ ގައުމު ކަމަށާއި ކޮންމެ ޕާޓީއެއް ވިޔަސް އެބަޔަކާ އެކު މަސައްކަތް ކުރެވޭތޯ ބަލާނެ ކަމަށެވެ.

ނަމަވެސް އެ މުއައްސަސާއަކުން ނުވަތަ ކައުންސިލަކުން ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ނަމަ، ރައްޔިތުންނަށް އެކަން ވާ ގޮތް ކިޔައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ކޮންމެ ހޯމަ ދުވަހަކު އެ މަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރަސްއަޅާ ކައުންސިލުތަކާއި ހުރަސް އަޅަން ކުރާ ކަންކަން ވެސް ރައްޔިތުންނަށް ވިދާޅުވެދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ތަފްސީލުކޮށް ކިޔައިދޭނަން މިވެނި ކައުންސިލަކުން މިހެން ހުރަސް އަޅައިފިކަން. އެެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން. ކިޔައިދީފައި ގާނޫނުގައި އޮންނަ ހަަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތްތަކެއް ކޮށްގެން ވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން، ކައުންސިލުން ހުރަސް އެޅިޔަސް ވެސް، އެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން،" ރައީސް ވިދާޅުވި އެވެ.

"މިހާރު މިފެންނަ މަންޒަރުން މި އެއްބާރުލުން މާލޭ ސިޓީ ކައުންސިލުން ލިބޭނެ ތަނެއް ނުފެނޭ. އަދި ނުވޭ ހަފްތާއެއް މިހާރު މަގުމަތީގައި އެ އުޅޭ ގޮތަށް ބަލާއިރުގައި."

ކޮމެންޓް (3)

ކޮސް

19 އޭޕްރީލު 2026
ކުރިން ބުނީ ތިމަންނައަށް ކައުންސިލްތައް ދޭށޭ .އެހެން ނޫނީ ތަރައްޤީއަށް ކަމެއް ނުކުރެވޭނެއޭ. މިހާރު މިބުނީ ކައުންސިލްތަކުން އެއްބާރުލުމެއް ނުދިނަސް ތިމަންނަ ކަންކަން ކުރާނަމޭ.. އެހެންވީމަ ކުރިން ކަންކަން ނުކުރީ ކައުންސިލް ތަކުގެ ސަބަބަކުން ނޫނެއްނު..... ދެން އަވަހަށް ތަރުޖަމާނު ލައްވާ ވާހަކަ އޮޅުވާލާ..!!!!
0 0

ސިކުނޑި

19 އޭޕްރީލު 2026
އާދޭސްކޮށްފަ ދަންނަވަން ދައުލަތުގެ ކަރާމާތް ހިފެހެއްޓުމަށްވެސް ރައީސް އެބަޖެހޭ ތައްޔާރުވެގެން މައުލޫމާތު ހޯދައިގެން ވާހަކަ ދައްކަން ދަސްކުރަން! މުނާސަބު ނޫން ވާހަކަ ދެއްކުމާއި، ދެބައުޑުވާ ޒާތަށް ވާހަކަ ދެއްކުމާއި ދެއުޅިއެއްނުވާ ވާހަކަ ދެއްކުމަކީ ރައީސެއްގެ ކިބައިން ފެންނަންވާނެ ސިފައެއްނޫން!
5 0

ތެފައާސާ.

19 އޭޕްރީލު 2026
ވަރަށް ރަނގަޅު. ފާއިތުވި 2 އަހަރާއި ބައިގެ ތެރޭގައި ކައުންސިލްތަކުން ހުރަސް އަޅައިގެން ރައީސަށް ނުކުރެވިހުރި ކަންކަމަށް ބަލާލާއިރު، ފުށިދިއްގަރު ހިއްކުން، މާލެއާއި ގުޅާލާ ކަނޑުއަޑީގެ ބިއްލޫރި ޓަނަލް އެޅުން، ޑޮލަރު ރޭޓު ދަށްކުރުން، ބަންކަރިންގ އިން މަހެއްގެ މައްޗަށް މިލިއަނުން ފައިދާ ހޯދުން، ސިޔާސީ މަގާމުތައް 700 އަށްވުރެ މަތިނުކުރުން، ޑިވޮލޮޕްމެންޓް ބޭންކް ހުޅުވުން، އާރުޓީއައި ލާން ނުޖެހި މައުލޫމާތު ދިނުން، އިންޑިއާ ސިފައިން ބޭލުން، ޗާގޮސް ހޯދުން، ކޮތަޅު ޓެކްސް ކަނޑާލުން ފަދަ އެތަކެއް ކަމެއް ހިމެނޭ. އަސްލު ބުނަންޏާ ރިފަރަންޑަމް އާއި ކައުންސިލް އިންތިޚާބު ސަރުކާރަށް ގެލުނީވެސް ކައުންސިލްތަކުން ހުރަސް އަޅައިގެން.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް