ނިމިދިޔަ ޑަބްލިއުޑީސީ އިންތިހާބުގައި ތިން ރަށަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން އއ. ރަސްދޫގައި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ޕީއެންސީ)

2 އިންތިހާބު އެއްކޮށްލަން ޕީއެންސީ ޓީމުން އެކަށީގެންވާ ކެމްޕޭނެއް ނުކުރޭ: ރައީސް

ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވޯޓެއް ހޯދަން ދާއިރު އެއް ޓީމެއްގެ ގޮތުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް؛ ކާމިޔާބީ ލިބޭނީ އެއް ޓީމެއްގެ ގޮތުގައި، އެއް އާއިލާއެއްގެ ގޮތުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން ކަމަށް ވިދާޅުވި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ނާކާމިޔާބީ ލިބުނީ، އެކަމަށްޓަކައި ކުރި ކެމްޕޭންގައި އެކަށީގެންވާ މަސައްކަތްތަކެއް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްފައިނުވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 4ގައި ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުން ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. ހަމަ އެ ދުވަހު ނެގި ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ގިނަ ރައްޔިތުން ވޯޓުދިނީ، ސަރުކާރުން އެދުނު ގޮތާ ދެކޮޅަށް، ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.

އެ ދުވަހު ބޭއްވި އަންހެނުންނަށް ހާއްސަ ކޮމިޓީތަކުގެ އިންތިހާބުގައި ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އއ. ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި، އެ ވޯޓުގެ ނާކާމިޔާބީއާ ބެހޭ ގޮތުން ރައީސް ތަފްސީލީ ވާހަކަފުޅުތަކެއް ދެެއްކެވި އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، އެ ވޯޓު ނާކާމިޔާބުވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ބެލިއިރު، އޭގެ ތެރެއިން އެއް ސަބަބަކަށް ފާހަގަކުރެވުނީ، އެކަމަށް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުން ކަމަށެވެ.

"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އެކަމަކު އެކަން ކިޔައިދޭން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެން އެބަޖެހޭ، މި ދަންނަވަނީ އަޅުގަނޑުމެން ޕީއެންސީގެ ޓީމުގެ ވާހަކަ. ޖުމްލަކޮށް މުޅި ރައްޔިތުންގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭން ޓީމުތަކުން އެ މަސައްކަތް ރަނގަޅަށް ކުރެވިފައެއް ނެތް. އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ދެ އިންތިހާބު އެއްކޮށްލަން ބޭނުން ނުވާ ކަމަށް ރައްޔިތުން މިހާރު ގޮތް ނިންމާފައިވާތީ، އެކަން އޮންނާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންތިހާބު މިހާރު އޮންނަ ގޮތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ:

  • ޕީއެންސީއަކީ ވަރަށް އެކުވެރިކަމާ އެކު، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ

  • ރައްޔިތުންގެ ގާތަށް ވޯޓެއް ހޯދަން ދާއިރު ވަރަށް ވަރުގަދަ މަސައްކަތްތަކެއް އެކުގައި ކުރަންޖެހޭނެ

  • ދެ އިންތިހާބު އެއްކޮށްލުމުގެ މުހިންމުކަން ކިޔައިދޭން މާ ބޮޑު ސަމާލުކަމެއް ޕީއެންސީން ނުދިނުމުން ރައްޔިތުން ގަބޫލުކުރީ އިދިކޮޅުން ފެތުރި ވާހަކަތައް

  • ރައްޔިތުންނަށް ގެއްލުންވާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ގާތަކަށް ނުދާނަން

  • ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަރުދަނާ ނިޒާމެއް ގެންގުޅެވޭނީ ޕާޓީގެ އެތެރޭގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ވަރުގަދަކޮށްގެން

  • އޭރުން ކުރިއަށް އޮތް ރިޔާސީ އަދި މަޖިލިސް އިންތިހާބަށް ގާބިލު، އެންމެ އެކަށީގެންވާ ކެންޑިޑޭޓުން ނެރެ، އެ އިންތިހާބުތައް ކާމިޔާބުކުރުމަށް ފުރުސަތު ބޮޑުވާނެ

"އެހެންވީމާ އޮޅުން ބޮޅުމެއްގައި މިކަން ދިޔައީ. އަޅުގަނޑުމެންނަށް ނެތް މިކަން ކިޔާދެވިފައެއް. މިއީ ވިސްނަންޖެހޭ ކަމެއް. ފިލާވަޅު ނަގަންޖެހޭ ކަމެއް. އެހެންވީމާ ކުރިއަށް ވެސް އިންތިހާބުތަކަށް ދާއިރުގައި ރައްޔިތުންނަށް ކަންކަން ކިޔައިދިނުމުގައި ވަރަށް ސާބިތުކަމާއެކުގައި ކުރިއަށް ދާންޖެހޭނީ. އެއް ޓީމެއްގެ ގޮތުގައި، އެއް އާއިލާއެއްގެ ގޮތުގައި އިހުލާސްތެރިކަމާ އެކު. އޭރުން ކާމިޔާބީ ލިބޭނީ،" ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީ އިތުރަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. 

އަންނަ އޮކްޓޯބަރުގައި އޮންނަ ޕީއެންސީގެ ކޮންގްރެސްއަކީ އެކަމަށް އެޅޭ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، އެ ކޮންގްރެސްއަށް ތައްޔާރުވުމަށް މިއަދުން ފެށިގެން މަސައްކަތް ފެށުމަށް ރައީސް އެދިވަޑައިގަތެވެ.

ނިމިދިޔަ އިންތިހާބުން ލިބުނު ފިލާވަޅުތައް ދެނެގަނެ، ދިމާވި މައްސަލަތައް ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހަގީގަތް ގަބޫލުނުކޮށް، މުޅި އިންތިހާބުން މޮޅުވި ކަމަށް ހިތައި ލޯމަރާލައިގެން ނުހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވަރަށް މޮޅެތި، ވަރަށް ބޮޑެތި މޮޅުތައް ލިބިއްޖެ މި ދާއިރާތަކުން އަދި މިކަހަލަ ބައެއް ދާއިރާތަކުން. އެހެން ނަމަވެސް، ވަރަށް ބޮޑެތި ނާކާމިޔާބީ ވެސް ވެއްޖެ. އެހެންވީމާ ކާމިޔާބީ އާއި ނާކާމިޔާބީ ހިމެނޭ މި އިންތިހާބު އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (7)

ހެހެ

19 އޭޕްރީލު 2026
އޮޅުވާލަން ނުއުޅޭ، ރަތްޔިތުން އޮޅުވާލާފަ ހީލަތްތެރިގޮތަކައް އިންތިހާބު ދަމައިގަންނަން އުޅުނީ، އެކަމު ރަތްޔިތުން މާހުށިޔާރު، ކުރީގެ ގާނޫނީ މީހުންތަކެއް ޓީވީ ތަކައް އަރުވަިގެން މެކުސް ގަ ކެމްޕެއިންވެސްކުރި، އެކަމު އަތައްގޮވީ، ދެންބަލިގަބޫލުކުރޭ
1 0

ދޮން އަހުމަދު

19 އޭޕްރީލު 2026
އެހެންވީމާ ޓީމުތަކަށް އަދަބު ދޭންވެގެން މިނިސްޓަރުން ދުރުކޮށް ސިޔާސީ މުވައްޒަފުން މިހާރު ވަޒީފާއިން ވަކިކުރަމުންދަނީ. ޑެލިވަރ ނުކޮށްދެވުނީމަ. އެމްޕީ ނާޒިމްގެ އިރުޝާދުގެ ދަށުން. އޯލްރައިޓް. ލެޓްސް ސީ ވަޓް ހެޕަންސް ނެކްސްޓް.
0 0

ކޮސް

19 އޭޕްރީލު 2026
ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ރައީސް މުއިއްޒަކަށް ނުލިބޭނެ.މައްސަލައަކީ ކެންޕޭން ޓީމެއްނޫން. ރައީސް މުއިއްޒު .ޕީ.އެން.ސީ ވެސް މިހާރު މުއިއްޒެއް ބޭނުމެއްނޫން. މުޅި ޤައުމު ގޮވަނީ ވެރިކަމުން އިސްތިއުފާ ދޭށޭ...
2 0

ސިކުނޑި

19 އޭޕްރީލު 2026
ރައްޔިތުން ފަޅީގައި ހުރެގެން ރައްޔިތުންނަށް ހަރާމްކޯރުވި ރައީސެއް މިނޫނީ ނުދެކެން! ސަބަބަކީ، މަޖިލީހާއި ސަރުކާރާއި އަދި ޕާޓީގައިވެސްތިބީ ރައްޔިތުންނަށްވީހިނދު، އަދި އެ ރައްޔިތުން މަސައްކަތްކުރީ ސީދާ ރައީސްގެ ލަފާފުޅާއި އިރުޝާދާއި އެއްގޮތަށްކަމަށްވާތީ! އެހެނަސް، ބޮޑުތަނުން ބަލިވީމާ އެމީހުން ބޮލުގައި އިލްޒާމު އެޅުވީ! ޒިންމާ ނަގަން ނުކުރޭނީ ވަރަށް ބޮޑަށް ފިނޑިވީމަ! މިހާރު މިވީގޮތުން އަދި އަމުދުން ކުރިޔަށް އޮތް ތާނގައި ވޯޓެއް ނުލިބޭނެ!
5 0

ތެފައާސާ.

19 އޭޕްރީލު 2026
ކޮންމެ ދެ ގެއެއްގެ ދޭތެރޭގައި ބޮޑު ސިންގާ ބިލްބޯޑު ޖަހާފައި ހުރި. ދައުލަތުގެ މީޑިއާއިން ދެވަނަ މަސައްކަތެއް ނުކުރޭ. 2 އިންތިޚާބު އެއްކޮށްލީމާ މި ރާއްޖޭގައި މީހަކަށް ދިމާވެފައިއޮތް ލަގާއެއް ވެއްޖެއްޔާ އެކަމެއް ފިލައި ތަސައްލީ ލިބޭނޭކަމަށް ގޮވި މިންވަރަކީ، ބަނޑު ހަރު މީހުންގެ ހަޖަމުގެ މައްސަލައިން ފެށިގެންގޮސް ބިން ހިއްކުމާއި އެއާރޕޯޓަށް ދާންދެން ގުޅުވާފައި އޮތީ 2 އިންތިޚާބު އެއްކޮށްލުމާ. މިއިން ޒަމާނަކު އިންތިޚާބަކަށް ނުކުރާ ހޭދަ ކޮށްލި. ވޯޓުލުން އޮތް ދުވަހުގެ ކުރީރޭ 12 ޖެހިއިރުވެސް ވަޒީފާތައް ބެހުމުގައި. އެހެންވީމާ، ރައީސް އެވިދާޅުވިހެން ރަނގަޅު ކެމްޕޭނެއް ރަނގަޅު މަސައްކަތެއް ނެތް ކުރެވިފައެއް.
8 0

ކޮމޮޑަސް

19 އޭޕްރީލު 2026
ސަރުކާރަށް ނާކާމިޔާބުވީ އެމްޑީޕީ އަދި ޕީއެންއެފްގެ މަސައްކަތުން އެކަނިކަމަށް ގަބޫލުކުރުމަކީ ރައީސް ހައްދަވާ ގޯހެކެވެ. ރައްޔިތުން ނޫނޭކޭ ބުނީ ތަންދަރޮދަންނަ އަދި އިލްމީ އެތައްބަޔަކު ނިކުމެ، މިއީ ކިހާ ކޮސް ރިފަރަންޑަމެއްކަން ހާމަކޮށްދިނީމައެވެ. އަލީ ހުސައިން، ހުސްނުއްސުއޫދު، އަބްދުﷲ ދީދީ، ޝަމްސުލްފަލާހު، އަހްމަދު މުއިއްޒު، އިބްރާހީމް އިސްމާއިލް އަދި އަހްމަދު މުހައްމަދުމެން ފަދަ ބޭފުޅުން ނުކުމެ، ސަރުކާރުގެ ދެއުޅިއެއްނުވާ ހުއްޖަތްތައް ފަޅިފަޅިކޮށްލާ - ހަގީގަތް ހާމަކޮށްދިނީއެވެ. އެންމެފަހުން، ޑރ. ހަސަން ހަމީދުވެސް އާޓިކަލެއް ޝާއިއުކުރެއްވިއެވެ. މިފަދަ ސިޔާސީ ތައައްސުބެއް ނެތް އެތައްބަޔެއްގެ މަސައްކަތުން މި ސަރުކާރުގެ ވެރިންނަކީ ކިހާ ހަސީލަނުބައި ބައެއްކަން ރައްޔިތުންނަަށް ހާމަވެގެންދިޔައެވެ.
8 0

މަބުނީ

18 އޭޕްރީލު 2026
ތެދެއްވާނީ ތެދަކަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް