ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީއެސްއެމް)

ކޮންމެ އަހަރަކު ސިޔާސީ މުވައްޒަފުންގެ ޕާޕޮމަންސް ބަލާ، މި އަހަރުގެ ބައި މިހާރު ކުރިއަށް އެބަދޭ: ތަރުޖަމާނު

ސިޔާސީ މުވައްޒަފުންނަކީ ވެސް ޓެކްސް ފައިސާއިން މުސާރަ ދެވޭ ބަޔަކަށް ވާތީ ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ ޕާފޮމަންސް ބަލާ ކަމަށާއި އެސެސްމަންޓަށް ބަލައިގެން ބަދަލުތައް ގެނެސްފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި

ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ ޕާފޮމަންސް ބެލުމަށް ސަރުކާރުން އެސެސްމަންޓެއް ކުރިއަށްގެންދާ ކަމަށާއި މި އަހަރުގެ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ވެރިކަންކުރާ ޕާޓީގެ ހިދުމަތްތެރިންނާއި ހަރަކާތްތެރިންނަށް ސިޔާސީ ވަޒީފާ ދިނުމަކީ މި ގައުމުގައި އޮތް ސަގާފަތެކެވެ. މި ސަރުކާރުގައި ވެސް 1000އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަން ފެންނައިރު މި ކަމަށް ކުރާ ހަރަދާއި ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު އަދާހަމަކޮށް ހާމަނުކުރާތީ މީހުންގެ ފާޑުކިއުން ވެސް ބޮޑެވެ.

ތަފްސީލް - ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ވަކި އަދަދަކަށް ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ ފެންވަރު ބެލުމަށް އެސެސްމަންޓެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ މާލީ ގޮތުން ފައިސާ ރައްކާކުރުމުގެ ވިސްނުމުގައި ވަކި އަދަދަކަށް މުވައްޒަފުން ވަކިކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"ވަކި އުސޫލެއްގައި ވަކި ފޯމެއްޓައި ކަރުދާހެއް ހުށަހަޅައިގެން ސުވާލުތަކެއް ވެސް ހިމެނޭ ގޮތަށް ސިޔާސީ މުވައްޒަފުންގެ މަސައްކަތް ބަލާފައި އެބަހުރި ހުސްވި އަހަރު ވެސް. ކޮންމެ އަހަރަކު ވެސް ހާއްސަކޮށް ސިޔާސީ މުވައްޒަފުން އެސެސްކުރެވޭ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަނީ ސުޕަވައިޒުކުރާ ނުވަތަ ޕާފޮމަންސް ބަލާ ފެންވަރު ތިބި ބަޔަކާ ހަވާލުކޮށްގެން ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ހިންގާ މި އެސެސްމަންޓްގެ ނަތީޖާއަށް ބަލާފައި ސަރުކާރުން ތިން ފިޔަވަޅެއް އަޅަމުންދާކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އެއީ:

  • މުވައްޒަފުގެ މަސައްކަތް ރަނގަޅުކަމަށް ވަންޏާ ހުރި މަގާމެއްގައި ބެހެއްޓުން

  • މަސައްކަތް ރަނގަޅު ނޫންނަމަ ވަޒީފާއިން ވަކިކުރުން

  • މުވައްޒަފުގެ ތަޖުރިބާއަށް ބަލާފައި އެހެން މިނިސްޓްރީއެއްގައި ރަނގަޅަށް މަސައްކަތްކުރެވޭނެ ކަމަށް ބެލެވޭނަމަ އެ މިނިސްޓްރީއަކަށް ބަދަލުކުރުން

"އޭނާގެ މަސައްކަތުގެ ސަބަބުން އެ ވުޒާރާއަކަށް އިތުރު އާރޯކަމެއް ނުލިބެންޏާ ކީއްކުރަން ބަހައްޓަންވީ. ބަހައްޓާނެ ކަމެއް ނެތްތާ. ދެން އިތުރަށް އޭނާ އެ މަގާމަކު ނުބަހައްޓާނަމޭ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންނަކީ ވެސް ދައުލަތުގެ ޓެކްސް ފައިސާއިން، ދައުލަތުގެ ބަޖެޓުން މުސާރަ ދެވޭ ބަޔަކަށް ވާތީ އޭނާއާ ހަވާލުކުރެވޭ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް އަދި އެންމެ ބޭނުންވާ ފެންވަރަށް ކުރަމުންދޭތޯ ސަރުކާރުން ބަލަން ޖެހޭނެ ކަމަށެވެ.

ސިޔާސީ ވަޒީފާ ދޭނީ އޭރެއްގެ ވެރިކަންކުރާ ޕާޓީގައި ތިބި އަދި އެ ޕާޓީއަށް ހިދުމަތްކޮށް ވަފާތެރިކަމުގައި ތިބި ބަޔަކަށް ވީ ނަމަވެސް މަސައްކަތްނުކުރާނަމަ ދައުލަތުގެ ބަޖެޓުން މުސާރަ ދީގެން ނުބެހެއްޓޭނެ ކަމަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.


ކޮމެންޓް (6)

ތެފައާސާ.

19 އޭޕްރީލު 2026
ބައެއް މީހުންނަށް ވާގޮތަކީ 2 އަހަރު 3 އަހަރަކު ދުބާއީ ކަހަލަ ކޮންމެވެސް ބޭރުގައުމެއްގައި އުޅެލާފައި ރާއްޖެ އާދެވުނީމާ ހީކުރެވެނީ ރާއްޖޭގައި އުޅެނީ ކުޅަނދު މަދު ބުރާންތިންނޭ، ތިމާމެން ކޮންމެފަދަ ވާހަކައެއް ދެއްކިއަސް އެ މީހުން އެވާހަކައެއް ގަބޫލުކޮށްލާނޭ. އޮނަރަބަލް މުންދުގެ ވާހަކައެއް ނޫން މި ބުނީއަކީ!!
1 0

ދޮނެހުސޭނު

19 އޭޕްރީލު 2026
ބެއްޔަސް ނުބެއްޔަސް މިވީހާތަނަށް މަސައްކަތެއް ނުކޮށް މުވައްޒަފުން ކިހިލިޖަހައިގެން ސައިހޮޓާތަކުގައި ސިޔާސަތު ހިންގަވާ ވެރިން ބައިވަރެވެ.
1 0

ކޮޔާަ

18 އޭޕްރީލު 2026
ޕާފޮމަންސް އަކީ ވަރަށް ބަޔަސް ވަކިކޮޅަކަށް ޖެހިފައި އޮންނަ އެއްޗެއް. ސިވިލް ސަރވިސް ގަވެސް މިކަން އޮންނަނީ ވަކިކޮޅަކަށް ޖެހިފަ. މިއީ ހުއްޓާލަންޖެހޭ ކަމެއް. ޕާފޮމަންސް ރަނގަޅަށް ބަލާނެ މިންގަނޑެއްވެސް ނުއޮވޭ. އެހެންވެ މިކަން އޮންނަނީ އަދަބުދޭ އެއްޗެއްގެ ގޮތުގަވެފައި. ޜަނގަޅަށް މިކަންކުރަން އެނގޭ ބަޔަކުވެސް ނުތިބޭ. ވީމާ މިކަން ހުއްޓަންޖެހޭ
1 0

ސައްލި

18 އޭޕްރީލު 2026
މީނާއަކީ ވަރަށް ދޮގު ހަދާ މީހެއް.
0 0

ރައްޔިތުމީހާ

18 އޭޕްރީލު 2026
އެހެންނަމަވެސް ރައްޔިތުންނަށް ފެންނަނީ އެހެން މަންޒަރެއް. ތިދެން ހަމަޖައްސާލީ
1 0

ސިކުނޑި

18 އޭޕްރީލު 2026
ސަފީރުންގެ ވެސް ބަލާ! އެހެންވެތާ ދެއްތޯ މަގާމުން ވަކިކުރީ! ސިޔާސީ ކެރިއަރު ތަރުޖަމާނުކަމުން ފެށި މީހަކު 20 އަހަރުފަހުން އަނެއްކާވެސް ތަރުޖަމާނަކަށް!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް