އަހުމަދު މޫސާ --

ދަށު ކޯޓުން ސަލާމަތްވި ސީލައިފް އަހުމަދު މޫސާގެ ޕާސްޕޯޓް ހިފަހައްޓައިފި

އަހުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލި 42 ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައި
14 އޭޕްރީލު 2026

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދަށު ކޯޓުން ސަލާމަތްވި ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީކިހނެއް؟ - އަހުމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އޭގެ ތެރެއިން 42 މައްސަލައެއްގައި ހިޔާނާތްތެރިވުމުގެ 42 ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލީ 30 މެއި 2021ގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް އޭން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ. 

ތަފްސީލް - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އަހުމަދު މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހައި ކޯޓުން ނެރެފައިވާ ކަމަށެވެ. 

އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ:

  • އޭނާ ކުރި އަމަލުތަކަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް

  • އޭނާއަށް ކުރާ ތުހުމަތުތަކަކީ މަދަނީ ތޮބީއަތެއް ހިމެނޭ ދައުވާތަކެއް ކަމަށް ބުނެ

  • އެހެންވެ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ ނުއުފުލޭނެ

ޕީޖީ އޮފީހުން ބުނީ އަހުމަދު މޫސާގެ މައްޗަށް އުފުލި ދައުވާތަކަކީ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އެގޮތުން:

  • މަދަނީ ތޮބީއަތެއް މުއާމަލާތްތަކެއް ކަމަށް ދަށު ކޯޓުން ނިންމީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމަކާ ނުލާ

  • ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެން ކަމަށް

ފަސްމަންޒަރު - މީގެ 10 ވަރަކަށް އަހަރު ކުރިން ހިންގި މި ހައުސިން މަޝްރޫއުގެ ތެރެއިން ގެއްލުންވި 368 މީހަކަށް މިހާތަނަށް އެޗްޑީސީން ވަނީ ބަދަލުދީފަ އެވެ.

ސީލައިފްގެ ސްކޭމަށް ފަހު:

  • ފްލެޓު ގަތް 203 މީހަކަށް ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި؛ މީގެ ތެރެއިން 192 މީހަކަށް އެޗްޑީސީން މިހާރު ވަނީ ބަދަލުދީފައި

  • ކޯޓުން ބޭރުން އެ މައްސަލަ ނިމުނީ އެޗުޑީސީން އެ މީހުންނަށް ބަދަލު ދޭ ގޮތަށް

  • އެޗުޑީސީން ނިންމީ ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ވެސް ބަދަލު ދިނުމަށް

  • ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންގެ ތެރެއިން އެޗްޑީސީއާ މައުލޫމާތު ހިއްސާކުރީ 176 މީހަކަށް ވެސް ވަނީ ބަދަލުދީފައި




އިތުރު އާޓިކަލް

އިތުރު އާޓިކަލް