އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ ވާހަކަދައްކަވަނީ؛ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވަނީ ކައުންސިލްތަކުގެ ނައިބުންނާއި ޑެޕިއުޓީ މޭޔަރުންނަށް އަންހެނުން ހޮވަން އެދިފައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލް ނައިބުންނަށް އަންހެނުން ހޮވަން އެދިއްޖެ

ރާއްޖޭގެ ގިނަ ރަށްރަށުގެ ރަށު ކައުންސިލް ރައީސުންނަށް އިންތިހާބުވީ ފިރިހެނުން އަދި ހުރިހާ ސިޓީއެއްގެ މޭޔަރުންނަށް ވެސް އިންތިހާބުވީ ފިރިހެނުން
13 އޭޕްރީލު 2026

އަލަށް އިންތިހާބުވި ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް އަންހެނުން އިންތިހާބުކުރުމަށް އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުން އެދިއްޖެ އެވެ.

ވީކިހިނެއް؟ - ދ. އަތޮޅުގެ ދެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކުން ކައުންސިލް ރައީސުންނަށް އިންތިހާބުވީ ފިރިހެނުންނެވެ. އޭގެ ތެރެއިން އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވީ މުޅިން ވެސް ފިރިހެނުންނެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެން ހުރިހާ ސިޓީއެއްގެ މޭޔަރުންނަށް ވެސް އިންތިހާބުވީ ފިރިހެނުންނެވެ.

ތަފްސީލް - އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ:

  • އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ އެންމެ އިސް މަގާމު ފުރުވާނީ ފިރިހެނަކަށްވާތީވެ، ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންނަށާއި ރަށްރަށުގެ ކައުންސިލް ނައިބުންނަށް އަންހެނުން އިންތިހާބުކުރުމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ކައުންސިލަރުންގެ އަރިހުން ވަރަށް ބޮޑަށް އެދޭ ކަމަށް 

"މިއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި އަދި އެމްޑީޕީން އަންހެނުން ސިޔާސީ ދާއިރާގައި ލީޑާޝިޕް ދައުރު އަދާކުރުމަށް ހިތްވަރުދިނުމާއި ފުރުސަތު ދިނުމުގައި ނަމޫނާ ޕާޓީއެއްގެ ގޮތުގައި ދައްކަމުންދާ ރީތި މިސާލު، އިތުރު ހަރުފަތަކަށް ގެންގޮސްދެވޭނެ ނިންމުމެކެވެ،" އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނުގައިވެ އެވެ.

މި ބަޔާނާއެކު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • އަންހެނުންގެ ކޮމިޓީތަކެއް އިންތިހާބުކުރާތީ ކައުންސިލްގައި ތިބެނީ ހުސް އަންހެނުން ކަމަށް ގިނަ ބަޔަކަށް ހީވެފައިވާ ކަމަށް 

  • ނަމަވެސް ރަށުގެ ކަންކަން ނިންމަނީ ސީދާ ކައުންސިލުން ކަމަށްވާތީ އެ ކޮމިޓީއަށް ގޮތް ނިންމުމުގެ ބާރު ނޯންނަ ކަމަށް ވިދާޅުވި

ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތައް ފިޔަވައި އެހެން ގޮނޑިތަކަށް އެމްޑީޕީން ވެސް ކުރިމަތިލީ އެންމެ 8 އަންހެނުން ކަމަށާއި އެ ގޮނޑިތަކަށް އިންތިހާބުވީ މުޅިން ވެސް ފިރިހެނުން ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ. އެހެންވެ އަންހެނުންގެ ރޫހުގެ ފަރާތުން އެދޭ ގޮތަށް ޑެޕިއުޓީ މޭޔަރުންނާއި ނައިބުން ހޮވަން އޭނާ ވެސް އެދިވަޑައިގަތެވެ.

"މި މައްސަލައާ ދޭތެރޭ ހުރިހާ ބޭފުޅުން ވެސް ޕޮޒިޓިވް ނަޒަރަކުން ދެކިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަން،" ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު މަސައްކަތްކުރައްވައި، އަންހެނުންނަށް ކައުންސިލް ގޮނޑި ހާއްސަކުރާ ގޮތަށް ގާނޫނު އެކުލަވާލި މިދިޔަ މަޖިލީހުގައި ވެސް އިންނެވި ރޮޒައިނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް