ރައީސް މުހައްމަދު މުއިއްޒު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަންކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފުލުހުން

އަހުމަދު މުހައްމަދު ފުލުހުންގެ ކޮމިޝަނަރަކަށް އައްޔަންކޮށްފި

ޕޮލިސް ކޮމިޝަނަރުގެ މަގާމު ދެވަނަ ފަހަރަށް ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވުމުން

ޕޮލިސް ކޮމިޝަނަރު ކަމަށް އަހުމަދު މުހައްމަދު (ޓޫފޯ)، ރައީސް މުހައްމަދު މުއިއްޒު ދެންމެ އައްޔަންކުރައްވައިފި އެވެ.

ވީކިހިނެއް؟ - މިއީ މި ސަރުކާރު އައި ފަހުން އައްޔަންކުރެއްވި ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ދެވަނަ ފަހަރަށް ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވުމުންނެވެ.

ތަފްސީލް - އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރެއްވި ކަމަށް ފުލުހުންގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ވަނީ މިއަދު ޕޯސްޓްކޮށްފަ އެވެ.

ފުލުހުންގެ ހިދުމަތަށް އަހުމަދު މުހައްމަދު ވެންނެވީ 1995ގަ އެވެ. އިންޑިއާގެ ސަރުދާރު ވަލާބައީ ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީން ފުލުހުންގެ މަތީ ތަމްރީނުތައް ހާސިލްކުރެއްވުމުގެ އިތުރުން އޭނާ ވަނީ ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓާސް ހާސިލްކުރައްވައިފަ އެވެ.

އެނގުން މުހިންމު - އަހުމަދު މުހައްމަދަކީ، ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފެންނަ ކަމަށް 2021ގައި ޕޮލިސް ބޯޑުން ލަފާ ދިން ހަތް ފުލުހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

އޭނާ ވަކިކުރަން 9 އޯގަސްޓު 2021ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. އޭރު ސަރުކާރުގައި އެކުލަވާލި ޕޮލިސް ބޯޑުގެ ލަފަޔާ އެއްގޮތަށް އަހުމަދު މުހައްމަދު ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 2021ގަ އެވެ.

ނަމަވެސް އަހުމަދު މުހައްމަދަށް އަލުން ވަޒީފާ ދިނީ މިދިޔަ 3 ސެޕްޓެމްބަރުގަ އެވެ.

ކޮމެންޓް (5)

ޒުއީމު

2 މޭ 2026
ނަޒާހަތްތެރި ވަގެކޭ ބުނެގެންނުވާނެ. އެހެނަސް ފުލުހުންގެ ހިދުމަތުގެ ފައިދާ ޝަރަފުވެރިކަމާއިއެކު ހޯދަމުންދާ ޤާބިލު ހިޔާނާތްތެރި ގައްދާރެކޭ ބުނެވިދާނެބާ؟
0 0

ސިކުނޑި

6 އޭޕްރީލު 2026
ކަމިޝަނަރ އޮފް ޕޮލިސް އަކީ ރައީސް ޢައްޔަން ކުރާ މަގާމެއް! އެހެނަސް ސިޔާސީ މަގާމެއް ނޫން! އެހެންކަމުން! ސިޔާސީ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހަކު މިފަދަ މަގާމަކަށް ލުމަކީ ގޯހެއް! މީހާގެ ލޯޔަލިޓީއަކީ އަގުދީގެން ގަނެގެން ބަދަލު ކުރެވޭނެ އެއްޗެއްނޫން! މިކަމުގެ ހިތި އިހުސާނުމެން ދެކޭނެ! މިކޮމެންޓް ސޭވް ކޮށްލާތި!!
0 0

ސިރާޖު

5 އޭޕްރީލު 2026
ކުރިއަށްއޮތް ތިން އަހަރު ތެރޭ އަދި އިތުރު 3 މީހުން ތިޔަ މަގާމުން 'ޝަރަފާއި' އެކު 'ރިޓަޔަރ' ކުރާނެ! އެއީ ހަމަ ހުސް ބޯކިރު ފަދަ ސާފު ތާހިރު ބަޔެއް!
0 0

ދޮންކަލޯ

5 އޭޕްރީލު 2026
ރައްޔިތުން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނިތާ 24 ގަޑިއިރު ނުވަނީސް، ސީރިއަސް ބޮޑެތި ކުއްތަކަށް ތުހުމަތު ކުރެވޭ މީހަކު އެލީ ޕޮލިސް ކޮމިޝަނަރު ކަމަށް.
4 0

ތެފައާސާ.

5 އޭޕްރީލު 2026
އިންތިޚާބުން ރައީސް ފިލާވަޅު ލިބިގަނެގެން ކަންކަން ރަނގަޅު ކުރަން ހިފިކަމުގެ ލާމަސީލު މިސާލެއް. ކީކޭ ދެން ބުނާނީވެސް؟
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް