އިންތިހާބެއްގައި ވޯޓު ކަރުދާސްތައް އީސީގެ އޮފިޝަލުން ގުނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކައުންސިލާއި ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސް އެއް ކުލައެއްގައި އޮތުމުން ސުވާލު އުފައްދައިފި
އިލެކްޝަންސް ކޮމިޝަން (އީސީ)ން މީގެ ކުރިން ހާމަކޮށްފައިވާ ގޮތާ ހިލާފަށް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ކަރުދާސް އެއް ކުލައަކުން އޮތުމުން ކަންބޮޑުވުން ފާޅުކޮށް، އެހެން އެކަންވީ ސަބަބު ސާފުކޮށްދިނުމަށް އެ ކޮމިޝަނުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ދެކޭ ގޮތް ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ވެސް އޮންނާނެ އެވެ.
އީސީން މިރޭ އާންމުކޮށްފައިވާ ވޯޓު ކަރުދާސްތަކުގެ ނަމޫނާގައި ވާގޮތުން، އެ ތިން ވޯޓުގެ ވެސް، ވޯޓު ކަރުދާސް އޮންނާނީ ދާދި އެއްގޮތަކަށް ހުދު ކުލައިގަ އެވެ. އަދި ތިން ކަރުދާހުގައި ވެސް ލިޔުންގަނޑު އޮންނަނީ ކަޅުކުލައިންނެވެ.
ތަފްސީލް - މިކަމާ ކަންބޮޑުވުން ފާޅުކޮށް، ވޯޓު ކަރުދާސްތައް އެގޮތަށް އޮތް ސަބަބު ސާފުކޮށްދިނުމަށް އީސީގައި އެދިވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދަށް ފޮނުއްވި ސިޓީއެއްގައި މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ، އީސީން އާންމުކޮށްފައިވާ 'ވޯޓުލުމަށް މަގެއް'ގެ އަތްމަތީ ފޮތުގައި، ތިން ފޮއްޓަށް ލާންޖެހޭ ތިން ވޯޓު ކަރުދާސްކޮޅު ހުންނާނެ ގޮތް ކަމަށް ދައްކާފައިވަނީ ތަފާތު ތިން ކުލައެއް ކަމަށެވެ. އަދި ޓްެރޭނިން ޕްރޮގްރާމުތަކުގައި ވެސް ވޯޓުކަރުދާހުގެ ކުލައިގެ ގޮތުގައި ކިޔައިދީފައިވަނީ ތަފާތު ތިން ކުލައެއް ކަމަށް އެ ސިޓީގައިވެ އެވެ.
އެއަށް ފަހު، ހޮނިހިރު ދުވަހު ބޭނުންކުރާ ތިން ވޯޓު ކަރުދާސް ވެސް ހުދުކުލައިގައި ހުރީ ކީއްވެތޯ އެ ސިޓީގައި ސުވާލުކޮށްފައިވެ އެވެ.
މީގެ އިތުރުން ދެން ސާފުކޮށްދޭން އެދިފައިވާ ކަންކަމަކީ:
-
އިންތިހާބީ އޮފިޝަލުން ތަމްރީނުކުރިއިރު ތިން އިންތިހާބުގެ ވޯޓު ކަރުދާސް ހުންނާނީ ތަފާތު ކުލަތަކެއްގައި ކަމަށް ބަލައިގެން ތަމްރީންދީފައިވާއިރު މި ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކީ ކޮބައިތޯ؟
-
ވޯޓު ކަރުދާހުގައި ހުރި ކުޑަ ތަފާތެއްގެ ސަބަބުން، ވޯޓުލާ މީހާ ކަރުދާސް ފަތްޖަހާ ގޮތަކުން ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމުގެ ބިރު އޮތްއިރު މިކަމާމެދު ހަދާފައި އޮތީ ކޮން އުސޫލެއްތޯ؟
-
ވޯޓު ކަރުދާސް ތައްޔާރުކުރުމާއި ޗާޕުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ؟ އެކަމުގެ ހަގީގަތަކީ ކޮބައިތޯ؟
"އިންތިހާބުތަކުގައި ލާ ވޯޓުގެ ސިއްރުކަމާއި ސައްހަކަން ކަށަވަރުކުރުމަކީ އީސީގެ ޒިންމާއަކަށްވީ ހިނދު، މިކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ގުޅުންހުރި - އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން އަމަލު ކުރަމުންދާކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އީސީން މިރޭ ބުނީ، އެއީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ވޯޓުލުމުގެ މަރުހަލާތައް ރާވާފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށާއި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށެވެ.