އައިޖީއެމްއެޗްގެ އެމްބިއުލާންސްތަކެއް. (ފޮޓޯ/އައިޖީއެމްއެޗް)
7 ހާލަތެއްގައި އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް މާދަމާއިން ފެށިގެން ލިބޭނެ
މާދަމާއިން ފެށިގެން ހާއްސަ ހަތް ހާލަތެއްގައި އެމްބިއުލާންސްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭ ގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ވަކި ހާލަތްތަކެއްގައި އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ދޭން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.
ތަފްސީލް - 'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު'ގައި މިކަން ހިމަނައި މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ. އެއީ:
-
އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުމަށް
-
މައްޔިތުން އުފުލުމަށް
-
އެނދުމަތިވެފައިވާ ބަލިމީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދަން
-
ގޮނޑީގައި ގެންގުޅެންޖެހޭ މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް؛ މީގެތެރޭގައި އޯޓިޒަމް އަދި ޑައުންސިންޑްރޯމް ހުންނަ މީހުން ވެސް ހިމެނޭ
-
އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން ބަލިމީހާ އުފުލުމަށް
-
ރާއްޖެއިން ބޭރަށް ބަލިމީހާ ފުރުވާއިރު ނުވަތަ އެހެން ރަށަކަށް އިތުރު ފަރުވާއަށް ފުރުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިޔުމަށް
-
ތެލަސީމިއާ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު
މި އިސްލާހުގައިވާ ގޮތުން މިގޮތަށް އަމަލުކުރަން ފަށާނީ މާދަމާ އެވެ.