2017ވަނަ އަހަރުތެރޭ ކުނޫޒުގައި ބޭއްވި އިދިކޮޅު ޖަލްސާއެއްގެ ތެރެއިން

ސުޕްރީމް ކޯޓު

ކުނޫޒު ގޮއްވާލަން އުޅުން މައްސަލަ ކޯޓުގައި އޮންނަތާ 8 އަހަރު؛ ސުޕްރީމް ކޯޓުން ވެސް ނިންމީ ދައުވާ ބާތިލު ނުކުރަން

މި މައްސަލައިގެ ދައުވާތައް ބާތިލުކޮށްދޭން މައްސަލައިގެ ދައުވާ ލިބޭ މީހެއްގެ ފަރާތުން ހުށަހެޅީ އެ މައްސަލައިގެ ޝަރީއަތް ވަރަށް ބޮޑަށް ލަސްވެފައިވާތީ

ކްރިމިނަލް ކޯޓުގައި އޮންނަތާ އަށް އަހަރުވެފައިވާ ޖުމްހޫރީ ޕާޓީގެ މައިޖަގަހަ، މ. ކުނޫޒުގައި ބޮމެއް ގޮއްވާލަން ރޭވި މައްސަަލަ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މއ. އެނބޫދޫގޭގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތެރޭގައި އައިއީޑީއެއް ތައްޔާރުކުރަން އުޅުމުގެ ތުހުމަތުގައި 2017 ވަނަ އަހަރު، ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލި އެވެ. އެ ހަތަރު މީހުންނަކީ:

  • އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ގދ. މަޑަވެލި

  • ނާސިއު މުހައްމަދު، ވިދުވަރުގެ/ހއ. ހޯރަފުށި

  • ޝިމާން ޝަރީފް، ރިވެލި/ހދ. ނާވައިދޫ

  • މުހައްމަދު ތަސްލީމް، އަލަނާސިގެ/ހއ. ހޯރަފުށި

މި މީހުންގެ ތެރެއިން ނާސިއު ފިޔަވައި ދެން ތިބި މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ޝަރީއަތްކޮށް ނިންމުމުގެ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް ބުނެ ދައުވާތައް ބާތިލުކޮށްދިނުމަށް ހުށަހެޅީ، މި މައްސަލާގައި ހިމެނޭ އިއުތިސާމް އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަސްތެރޭ އޭނާ އެގޮތަށް ހުށަހެޅި ނަމަވެސް، ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމީ ދައުވާތައް ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުން - މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ، ހައި ކޯޓުން މީގެ ކުރިން ނިންމި ނިންމުމުގައި ވެސް ވާގޮތަށް، މި މައްސަލަ ލަސްވެފައިވަނީ ހަމައެކަނި ދައުލަތުން އަމަލުކުރި ގޮތުން ނޫން ކަމަށެވެ.

އެގޮތުން މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ރިޔާސަތު ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވީ:

  • މައްސަލަ މިހާ ގިނަ ދުވަސް ވަންދެން ނުނިމި އޮތުމުގެ ފަހަތުގައި މައްސަލަ ބަލާ ފަނޑިޔާރުން އެކި ފަހަރުމަތިން ބަދަލުވެ އަލުން ފެށުމަށް ނިންމުން ހިމެނޭ

  • އިދާރީ އެކި ސަބަބުތަކާހުރެ އަޑުއެހުންތައް ކެންސަލްވުމުގެ އިތުރުން އިއުތިސާމްގެ ވަކީލުން ހާޒިރުނުވެގެން ބައެއް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ

އެހެންކަމުން މައްސަލަ ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އެކަމަކު، ހައްގެއް ގެއްލިފައިވާނަމަ ވަކި ދައުވާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ޝުޖޫންގެ ރައުޔުގައިވެ އެވެ.

ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވި އެވެ.

މި މައްސަލާގައި އިއުތިސާމް ފުރަތަމަ ހައްޔަރުކުރީ 25 އެޕްރީލް 2017ގަ އެވެ. އެކަމަކު 8 އޮކްޓޫބަރު 2018ގައި ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލި އެވެ.

ޓެރަރިޒަމްގެ އެހެން މައްސަލައެއްގައި 2021ވަނަ އަހަރުތެރޭ މޭ މަސް ތެރޭ ވެސް އޭނާ ބަންދުކުރި  އެވެ. ނަމަވެސް، އެއަހަރުގެ އޮކްޓޫބަރުގައި ދޫކޮށްލިތަނާ ކުނޫޒު މައްސަލާގައި ހަމަ އެދުވަހު އޭނާ އަލުން ބަންދުކުރި އެވެ.

އެހެންކަމުން، މި މައްސަލާގައި އޭނާ ގާތްގަނޑަށް ހަ އަހަރު ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ ކުށް ސާބިތުނުވެ އެހާ ދިގު މުއްދަތަކަށް ބަންދުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އައިޝާ ޝުޖޫންގެ ރައުޔުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު، އެއީ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލައަކަށް ނުވާތީ އެކަމާމެދު ގޮތެއް ނިންމާފައެއް ނުވެ އެެވެ.

އެނގުން މުހިންމު - ކުނޫޒުގައި އޭޕްރީލް 2017ގައި ބޮމެއް ގޮއްވާލަން އުޅުނު ކަމަށް ދައުލަތުން ބުނާ އިރު، އޭރު އިދިކޮޅުގެ ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުން ދިޔައީ އެ ތަނުގަ އެވެ.

އޭރުގެ އިދިކޮޅު ކޯލިޝަނުގައި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސިޔާސީ ހަރަކާތުން ބައިވެރިވެފައިވެ އެވެ. ސިޔާސީ އިސް ލީޑަރުން ވެސް އެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް