ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބޯހިޔާވަހިކަން

ބިންވެރިޔާ ގޯތި ދޫކޮށްލުމުން ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ގޯތި ހެދުމަކީ އަމިއްލައަށް ކުރަން ޖެހޭ ކަމަކަށް ވެފައި، ގުޅިފަޅާއި ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި އިތުރު މަސައްކަތްތައް ނިންމަން ވަގުތު ނަގާނެތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ރައީސް ވިދާޅުވި

'ބިންވެރިޔާ' ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު މި ސަރުކާރުން އަޅަން މަސައްކަތްކުރާ ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު ސަރުކާރުން މިހާރު އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ ވަރަށް ގިނަ ރައްޔިތުން އެދެމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ ތަނަކަށްވާއިރު، ފްލެޓަކީ އަޅާ ނިމުމުން ވަރަށް ފަސޭހައިން ލިބޭނެ ނުވަތަ ދިރިއުޅެން ފެށޭނެ ތަނެއް ކަމަށެވެ.

ގުޅިފަޅާއި ގިރާވަރުފަޅުން ވެސް ގޯތި ދީފައިވާއިރު، ރައީސް ވިދާޅުވީ އެތަނުގައި ވެސް އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި އެ ނޫނަސް ކުރަން ހުރި މަސައްކަތްތަކަށް ވަގުތު ނަގާނެތީ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަންބޮޑުވުންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު އެކަމަށް މިހާރު ހައްލެއް ހޯދިފައިވާ ކަމަށެވެ.

"މާނައަކީ މާލެ ސަރަހައްދުން، ހައުސިން ސްކީމަކުން ލިބިފައި އޮތް ގޯތި، ދޫކޮށްލުމަށްފަހު ފްލެޓު ހޯދުމަށް ފުރުސަތު ދޭން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ތަފްސީލު - ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، ގޯތި ލިބިފައިތިބި މީހުންނަކީ ކުރިން ގޯއްޗެއް ލިބިފައި ނެތް މީހުންނަށް ވުރެ ރަނގަޅު ހާލަތެއްގައި ތިބި ބަޔަކަށް ވުމުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ.

"[ހާލަތަށް] ރިއާޔަތްކޮށް، އެހެން ނަމަވެސް އެޕްލައި ކުރެވި، ފެއާ ޕްރޮސެސްއެއްގެ ތެރެއިން ފްލެޓު ހޯދުމަށް ފުރުސަތު ދޭން ގަސްތުކޮށްފައި މި ވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފުރުސަތު ދިނުމަށްޓަކައި ޕޯޓަލްގެ ތެރެއިން ޖާގަ ހަދަން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

"ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން ނިންމާފައި، ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބިފައި ތިބި ފަރާތްތަކަށް [މިދިޔަ ސަރުކާރުތަކުން ގޯތި ލިބިފައި ތިބި ފަރާތްތަކަށް]، އެ ގޯތިތައް ދޫކޮށްލާފައި ފްލެޓު ހޯދުމުގެ ފުރުސަތު ހުޅުވާލާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ސަރުކާރުގެ މިހާރުގެ ޕްލޭނަކީ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި، މާލެ ސަރަހައްދުގައި 12،000 ހައުސިން އަޅައި ދޫކުރުމެވެ. އޭގެ ތެރެއިން ސޯޝަލް ހައުސިންއަކީ 7،700 އެވެ.

ކޮމެންޓް (2)

ކުރިކީލަ

30 މާރިޗު 2026
އަނެއްކާ ރައްޔިތުންނަށް އޮޅުވާލާ ، މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން ބިންތައް ނުދިނުމަށް މިއުޅެނީ. ގޯތި ހޯދަން ބޭނުންމީހުންނަށް އެނގެޔޭ ހުސް ބިމަކަށްކަން ދަނީ. ދެން މިއުޅެނީ ފުލެޓުދޭނަމޭ ކިޔައިގެން ބިންތައް އަތުލަން. މިހެން ހެދީމަ ވާނީ ދެމީދާފެހި ބުޅަލަށްވީގޮތް.....
2 0

އާސާފަތެ.

30 މާރިޗު 2026
ގޯތި ހޯދި މީހުން ހޯދީ ބޯހިޔާވަހިކަމަކަށް ނޫންކަން މިހިރަ ސާފުވަނީ. އެމީހުން ހީކުރީ ގޯއްޗެއް ލިބޭ އިރަށް އެތަން ހަދައި ނުވަތަ ދިގުމުއްދަތަކަށް ބަޔަކަށްދީ އެތަން ހަދައި ކުއްޔަށްދީ ތަނަވަސްކަމުގައި އުޅެވޭނެކަމަށް. އެކަމަކު އެހެނެއް ނުވި. ގޮތިތަށް ގިނަކަމުން ތިތަން ޢިމާރާތްކުރަން އެކަކުވެސް ބޭނުމެއް ނުވޭ. މިހާރު ވިސްނިއްޖެ. ކުރިޔަށް އޮތް 20 އަހަރަށް ކިރިޔާ ގުޅީފަޅުގަވެސް އެކަށީގެންވާ ގޮތެއްގައި ދިރިއުޅެވޭ ވަރުވާނީ. އުމުރުގައި ބާކީ އެހައިތަނެއް ނެތް. އަވަހަށް ފުލެޓު ހޮދައި ކުއްޔަށްދޭންވީ. މިއީ މާލޭ މީހުންނަށް ދަސްކޮށްދީފައި އޮތް ކަމަކީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް