އެމްޑީޕީން ބޭއްވި ކެމްޕެއިން އިވެންޓެއްގައި މުހައްމަދު ރަޝީދު ހުސައިން: ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ނުރަނގަޅު މައުލޫމާތުތަކެއް ސަރުކާރުން ފަތުރަމުންދާ ކަމަށް ވިދާޅުވި - (ފޮޓޯ/ އެމްޑީޕީ)

ހިޔާލު ހޯދުމުގެ ވޯޓުގައި ރަސްގެ ޖަހަންޖެހޭ ކަމުގެ ދޮގު މައުލޫމާތު ސަރުކާރުން ދަނީ ފަތުރަމުން: އެމްޑީޕީ

މި ބިލު ތަސްދީގު ކުރުމަށް ނުފެންނަ މީހުން ވޯޓު ލާން ޖެހޭ ގޮތަކީ ވޯޓު ކަރުދާހުގައި އޮންނަ 'ނޫނެކޭ' ލިޔެފައިވާ ގޮޅި ކައިރީގައިވާ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހައިގެން

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން 6 މަސް އުނިކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވަންޖެހޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.

ވީކިހިނެއް؟ - 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު މެއި 2029ގައި ހަމަ ވުމުގެ ބަދަލުގައި އޭގެ 6 މަސް ކުރިން 1 ޑިސެމްބަރު 2028 ހަމަވާ ގޮތަށް ދައުރު ކުޑަކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް ހުށަހެޅީ ސަރުކާރުންނެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ވަނީ ބިލު ތަސްދީގުކުރަން ފޮނުވައިފަ އެވެ.

މަޖިލީހުގެ އުމުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނުއަސާސީގައި އޮންނާތީ، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމަށް އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގަން ވަނީ ނިންމާފަ އެވެ. އެ ގޮތުން:

  • މި ބިލު ތަސްދީގު ކުރުމަށް ފެންނަ މީހުން ވޯޓު ލާން ޖެހޭ ގޮތަކީ ވޯޓު ކަރުދާހުގައި އޮންނަ 'އާނއެކޭ' ލިޔެފައިވާ ގޮޅި ކައިރީގައިވާ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހައިގެން

  • މި ބިލު ތަސްދީގު ކުރުމަށް ނުފެންނަ މީހުން ވޯޓު ލާން ޖެހޭ ގޮތަކީ ވޯޓު ކަރުދާހުގައި އޮންނަ 'ނޫނެކޭ' ލިޔެފައިވާ ގޮޅި ކައިރީގައިވާ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހައިގެން

ބުނީ ކީކޭ؟ - އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ސަރުކާރާ މެދު ރައްޔިތުންގެ ނުރުހުން ބޮޑުވެ އެ ވޯޓުގައި ސަރުކާރު ބަލިވާނެކަން އެނގޭތީ މިހާރު މަސައްކަތްކުރަމުން ދަނީ ރައްޔިތުން އިތުރަށް އޮޅުވާލައިގެން ކަމަށެވެ.

އެ ގޮތުން، ސަރުކާރުން މީހުން ފޮނުވައިގެން ނުފެންނަ ކަމަށް ވޯޓުލާނަމަ ކުރަން ޖެހޭ ކަމަކީ ރަސްގެ ނުވަތަ ނުބައި ފާހަގަ ލުން ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވި އެވެ.

"މި ކަމަށް ނުފެންނަ ބޭފުޅުންނަށް މުޅި އެތީގެ މާނަ އޮޅޭ ގޮތަށް ސަރުކާރުން މައުލޫމާތު ދެމުންދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ. ނޫނެކޭ ވިދާޅުވާން ބޭނުންވާ ބޭފުޅުން ރަސްގެ ޖަހަން ޖެހޭ ކަމަށް އޮޅުވާލަން މީހުންދާ ކަމަށް އަޅުގަނޑުމެންނަށް ރަށްރަށުންނާއި މާލޭން ވެސް މީހުން މައުލޫމާތު އެބަ ދެމުންދޭ،" އޭނާ ވިދާޅުވި އެވެ.

މިހާ އަވަސް އަރުވަލައިގެން، ނިޒާމަށް ބޮޑު ބަދަލެއް ގެނައުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގުތައް ހަނިކޮށްގެން ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ވަރަށް ބޮޑު އޮޅުމެއްގެ ތެރެއިން މި ވޯޓުގައި ނުކުންނަން މި ޖެހެނީ. ބައިވަރު ނަންތަކާ އެކޭ ދޭތެރޭ ވިސްނަމުން ބޮޑު އެހެން ކަމަކަށް ވޯޓު ދޭން ދަތިވާނެ. ރައްޔިތުންގެ އެތައް ބައެއްގެ ހައްގު ގެއްލޭނެ ގޮތަކަށް މި ކަން ކޮށްގެން ވެސް ނުވާނެ،" މުހައްމަދު ރަޝީދު ހުސައިން ވިދާޅުވި އެވެ.

ކޮމެންޓް (2)

ޙުންގާނު

30 މާރިޗު 2026
ނުފެންނަ އެގޮޅީގައި ނުބައި ފާހަގަ ޖެހީމައި އެބުނެވުނީ ތިމަންނަ ކަމަކަށް ނުރުހުމާ ދެކޮޅޭ..މާނައަކީ ތިމަން އެކަމާ ގަބޫލޭ.. އެމްޑީޕީން ތިބުނަނީ 2026ގައިވެސް ދިވެހިން ހަމަ އެހާ ގަމާރޭތަ؟ ސިޔާސީން ކިޔާ އެއްޗެހި އަޑުއަހައި ބައެއް މީހުންހެން އެވެރިން ކިޔާހާ އެއްޗަކަށް އީމާން ވާކަށް ނުވާނެ. ﷲ ދެއްވި ސިކުނޑީގެ ބޭނުންހިފަންވާނެ
1 1

ތެފައާސާ.

29 މާރިޗު 2026
އަސްލު ނުފެންނަ މީހުން ރަސްގެ ޖެހިއަސް އެ ވޯޓު ބާތިލް ކުރަންޖެހޭ ސަބަބެއް ނުވިސްނޭ. އެ ވޯޓު ލީ މީހާ އެކަމާއިމެދު ދެކޭގޮތް އެއޮތީ އެނގެން. ވޯޓު ކަރުދާހުގެ ބޭނުނަކީ އެއީ. ކޮންމެހެން ތެދަށް ހެޔޮ ފާހަގައެއް ޖަހަން އެނގޭތޯ ބެލުމެއް ނޫން. އެހެނެއް ނޫން، ހެޔޮ ފާހަގަ ނުވަތަ ރަސްގެއަކަށްވެސް ނުވާ ކޮންމެވެސް އެހެން ކުރެހުމެއް ކުރަހާފައި ހުންނަ ވޯޓު ބާތިލް ކުރުން އެންމެ ރަނގަޅު. ސަބަބަކީ އެމީހަކު ބޭނުން އެއްޗެއް ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންއޮންނަ ގޮޅީގައި ކުރަހަން ފުރުސަތު ދީފިނަމަ ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮވެދާނެތީ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް