ގާނޫނީ ފޯރަމެއްގައި ޝަމްސުލް ފަލާހު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަޖިލިސް އިންތިހާބުކުރާ ގޮތަށް ގެންނަ ބަދަލުން ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުން އަރާނެ: ޝަމްސުލް ފަލާހު

ގާނޫނުއަސާސީގެ އޮނިގަނޑުގެ މުހިންމުކަމާއި އެ އޮނިގަނޑަށް ބަދަލު އަންނަ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލުތައް ނުގެނެވޭނެކަން ކުރީގެ ނިންމުންތަކުން އެނގޭ ކަމަށް ވެސް ވިދާޅުވި

ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރާ ގޮތަށް ބަދަލެއް ގެނެސްފި ނަމަ ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުން އަރާނެ ކަމަށާއި އެއީ ގާނޫނުއަަސާސީގެ އަސާސީ އޮނިގަނޑަށް ވެސް ބަދަލު އަންނާނެ ކަމެއް ކަމަށް ދުސްތޫރީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ޑރ. ޝަމްޝުލް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ބެހޭ ގޮތުން އަންނަ މަހުގެ 4ގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ބާ ކައުންސިލުން މިއަދު ބޭއްވި ހާއްސަ ފޯރަމުގަ އެެވެ.

ގާނޫނުއަސާސީ އެކުލަވާލުމުގައި މަސައްކަތްކުރެއްވި މަޝްހޫރު ގާނޫނީ ބައެއް ބޭފުޅުން ވެސް ބަހުސްކުރެއްވި މި ފޯރަމްގައި އެންމެ ފުރަތަަމަ ވާހަކަދެކެވުނީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ އޮނިގަނޑަށް އެއްވެސް ބަދަލެއް އަތުވެދާނެތޯ އެވެ.

ގާނޫނުއަސާސީގެ އޮނިގަނޑަަށް ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުކުރައްވާ ވާހަކަދެއްކެވީ ޝަމްސުލް ފަލާހު އެކަންޏެވެ.

ބުނީ ކީކޭ؟ - ރާއްޖޭން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް މި ފޯރަމްގައި ބައިވެރިވެވަޑައިގަތް ޝަމްސުލް ފަލާހު ވިދާޅުވީ ގައުމެއްގެ ނިސްބަތުން އަދި ގައުމެއްގެ ދުސްތޫރީ އޮނިގަނޑެއްގެ ނިސްބަތުން ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

މަޖިލީހާއި ސަރުކާރު ހިންގާ ފަރާތަކީ ވަކި ދެ ބާރު ކަމަށް ވާއިރު، އެ ދެ ފަރާތުގެ އިންތިހާބާ ގުޅިގެން ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެވޭ ކަމަށްވާ ނަމަ އެވާނީ ވަރަށް ބޮޑު މުހިންމު ބަދަލަކަށް ކަމަށް ވެސް ވިދާޅުވި އެވެ. 

"ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ގުނަވަނެއް. އެ މަޖިލިސް އިންތިހާބުކުރެވޭ ގޮތަށް ބަދަލެއް ގެނެވޭ ނަމަ އެއީ އޭގެ ސަބަބުން ބާރުތަކުގެ ނިޒާމަށް ވެސް އޭގެން އަސަރު ފޯރާނެ. އަދި ގާނޫނުއަސާސީގެ އޮނިގަނޑަށް ބަލައިލީމާ ވެސް އެއީ ބާރުތަކުގެ ނިޒާމަށް ލޮޅުންއަރާ ކަމެއް،" ޝަމްސުލް ފަލާހު ވިދާޅުވި އެވެ.

"އެ ސަބަބުތަކާ ހުރެ އަޅުގަނޑަށް ދެންނެވޭނީ [ދެ އިންތިހާބު އެއްކޮށްލާ އިސްލާހަކީ] ގާނޫނުއަސާސީގެ އަސާސީ އޮނިިގަނޑަށް ބަދަލު އަންނަ ކަމެކޭ. އެހެންނޫން ނަމަ ރައްޔިތުން ކުރެ މި ސުވާލު ކުރާކަށް ވެސް ނުޖެހޭނެ. ހަމަ ބަދަލު މަޖިލީހުން ބޭނުންވީމާ ގެންނަންވީ. އެކަމަކު އެގޮތަކަށް ނޫން [ގާނޫނުއަސާސީގައި] އޮތީ. ގާނޫނުއަސާސީގެ 60 މާއްދާއަށް ބެލީމަ ވެސް އެބަ އެނގޭ މިއީ އާދައިގެ ކަމެއް ނޫން ކަން، މިއީ ބޮޑު ކަމެއްކަން."

ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ނުވެ ހިނގާދާނެ ކަމަށާއި އުސޫލުތަކުގެ ތެރެއިން އެއަށް ބަދަލެއް ގެނައުމަކީ މައްސަލައެއް ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެކަމަކު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމުގައި މަޖިލީހަށް ލިބޭ ބާރުތަކުގައި ވަކި އިންތަކެއް ވާކަން ގާނޫނުއަސާސީއަށް ބެލުމުން އެނގޭ ކަމަށެވެ.

އެގޮތުން ގާނޫނުތައް ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބުނަސް ގާނޫނުއަސާސީއަށް ބަދަލުގެނައުމުގައި މަޖިލީހަށް އެ ބާރުތައް ނުލިބޭ ކަމަށާއި ގާނޫނުއަސާސީއަށް ގެނެވޭނީ އިސްލާހު ކަމަށް ޝަމްސުލް ފަލާހު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ އޮނިގަނޑުގެ މުހިންމުކަމާއި، އެ އޮނިގަނޑަށް ބަދަލު އަންނަ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލުތައް ނުގެނެވޭނެކަން ސުޕްރީމް ކޯޓުން 2012ގައި ނިންމާފައިވާ ބައެއް ނިންމުންތަކުގައި ވެސް ފާހަގަކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފާހަގަކުރެއްވީ:

  • ގާނޫނުއަސާސީގެ އަސާސީ އުސޫލުތަކަކީ ދިވެހި ދައުލަތް އޭގެ މައްޗަށް ބިނާވާ ކަމެއްކަމާއި އެއިން އެއްވެސް އަސާސެއް މުގުރާލައިފި ނަމަ މުޅި ދައުލަތުގެ ވުޖޫދަށް ބުރޫއަރާނެކަން

  • ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ވެރިކަމުގެ ބާރުތައް ވަކިވެފައި އޮންނަ އޮތުން ދެމެހެއްޓުމަށާއި ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރަން އިސްކަންދޭންވާނެ ކަމަށް ބަޔާންކުރުން

  • ގާނޫނުއަސާސީ އެކުލަވާލުމުގެ މަގުސަދަކީ ވަކި ގޮތަކަށް ދައުލަތް ހިންގުން ތަރުތީބުކުރުން ކަމަށް ވާތީ ގާނޫނުއަސާސީ މާނަކުރަންވާނީ އޭގައިވާ މާއްދާތަކަކީ ގުޅިލާމެހިފައިވާ ކަންކަން ބަލައިގެން ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ނުދާ ގޮތަށް ކަމަށް ފާހަގަކުރުން

  • ގާނޫނުއަސާސީން އެކި ކަންކަމަށް ލިބިދީފައިވާ ހިމާޔަތް ބަލިކަށިވެއްޖެ ނަމަ ގާނޫނުއަސާސީގެ އޮނިގަނޑު ވަކި ގޮތަކަށް އޮތް އޮތުން ނުއުޅިގެންދާނެ ކަމަށް ބަންޑާރަ ނައިބު ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައެއްގައި ވެސް ބުނެފައިވުން

ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ގޮތުން ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެެއް ގެނައި އިރު، އެ އިސްލާހު ފާސްކުރީ އެކަމަށް މަޝްވަރާކުރުމާއި ހިޔާލު ބަދަލުކުރަން އެކަށީގެންވާ މުއްދަތެއް ނުދީ އަވަސް އަރުވާލައިގެން ކަމުގެ ކަންބޮޑުވުން ވެސް ޝަމްސުލް ފަލާހު ފާޅުކުރެއްވި އެވެ.

އޭނާ ދެން ވިދާޅުވީ ހިނގަމުންދާ މަޖިލީހަކުން އެ މަޖިލީހެއްގެ އުމުރު ކަނޑައެޅުން ރަނގަޅު ނޫން ކަމަށެވެ.

ކޮމެންޓް (3)

ސިކުނޑި

29 މާރިޗު 2026
ވަރަށް ހިކުމަތްތެރި ވާހަކައެއް! ހަގީގަތުގައި ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން މަޖިލީހުގައި މަޝްވަރާ ކުރަންޖެހޭނީ ރައްޔިތުން އެކަމެއް ބޭނުންވެގެން އެ ވާހަކަ ދައްކާނަމަ! އެނޫންގޮތަަކަށް އެކަން ކުރުމަކީ ދުސްތޫރީ ނިޒާމަށް ބުރޫ އަރާނެކަމެއް! ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި އިރުވެސް އެންމެ ރައްޔިތަކުވެސް ދެންތިޚާބު އެއްކޮށްލަން އެދުނުތޯ! އަނެއްކާ އަނެއްކަމަކީ، މަޖިލީހުގެ ދައުރު އިސްލާހު ކުރަނީ ދައުރުގައި މައްސަލައެއް އުޅެގެނެއްނޫން! ދެ އިންތިޚާބެއް އެއްކޮށްލަންވެގެން! މިއީ ގާނޫނު އަސާސީގެ މަފްހޫމާއި ތަޢާރުޒުވާކަމެއް! ހަމައެހެންމެ ކަނޑައެޅިގެން ވަކި ތާރީޚެއް ގާނޫނު އަސާސީގައި ޖެހުމަކީވެސް އައިބު ކަމެއް! 1 ޑިސެމްބަރުގައި މަޖިލިސް ނުހުޅުވިއްޖެނަމަ ގާނޫނު އަސާސީއާ ޚިލާފުވީ! އަނެއްކާ އެކަމަށް ފަރުވާއެއް ހޯދަންވީ! ގައުމުގެ ދުސްތޫރަކީ އޭގެ ޒާތުގައި ލިޔުމެއް! އެ ނަގަހައްޓައި ދަމަހައްޓަންޖެހޭނީ ރައްޔިތުން!
0 1

ކޮސް

29 މާރިޗު 2026
ފަލާހުގެ ވާހަކައިގާ ފެކުޓު އެބަހުރި . އުއްތަމަ ފަނޑިޔާރަކަށް މިބޭޅާ ގެންނަންވީ ބޮޑު މުސާރައެއް ދީގެންވެސް. ޝާހީން މިހާރު އެހެރީ ގަނެފަ. އެހެންވީމަ ޤާޞިމް އިބުރާހީމާއި އަބުޅާހި ޖާބިރު ދައްކާކަހަލަ ވާހަކަ ދައްކަނީ...
2 1

އިފާ

28 މާރިޗު 2026
ޝަމްސުލްފަލާހަށް ރާއްޖޭގައި ނޫޅޭތީ، ރާއްޖޭގެ ކޮންޓެކްސްޓްގައި މިކަން އަންޑަސްޓޭންޑް ނުވަނީހެން ހީވަނީ.
5 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް