އައްޑޫ ހުޅުދޫ - މީދޫގައި ރޭ އެމްޑީޕީން ބޭއްވި އުންމީދެއްގައި ޖަލްސާގެ ތެރެއިން

ފުރާނަ ގުރުބާންކޮށްގެން ވިޔަސް 2028ގައި ރިޔާސީ އިންތިހާބު ބާއްވާނަން: ގަފޫރު

ގަފޫރު ވިދާޅުވީ، 2028ގައި މިވެރިކަން ރައްޔިތުން ބަދަލުކުރާނެ ކަމަށް؛ އަންނަ މަހުގެ 4ގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަކީ، އެކަމާ ބިރުން ޖަހަމުންދާ "ޗައްކަރު" ކަމަށް އޭނާ ވިދާޅުވި

އަންނަ މަހު އޮންނަ ހިޔާލު ހޯދުމުގެ ވޯޓަކީ، 2028ގެ ރިޔާސީ އިންތިހާބު ނުބާއްވާނެ ގޮތެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށާއި ފުރާނައިން ގުރުބާން ވެގެން ނަމަވެސް 2028ގައި އެ އިންތިހާބު ބާއްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ބިލު ތަސްދީގުކުރަން ވަނީ ފޮނުވާފަ އެވެ.

އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.

އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.

ބުނީ ކީކޭ؟ - އައްޑޫ ހުޅުމީދޫގައި އެމްޑީޕީން ރޭ ބޭއްވި 'އުންމީދެއްގައި' ޖަލްސާގައި ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ، ވެރިކަމުގައި މިވަގުތު ތިބީ "ދަމާ، ފޭރޭ، ވީދާ ބައެއް" ކަމަށެވެ. އެކަމަކު 2028ގައި މިވެރިކަން ރައްޔިތުން ބަދަލުކުރާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.

ސަރުކާރުން އުޅެނީ، އެކަމުގެ ބިރުވެރިކަމުގައި ރިޔާސީ ދައުރު ދަންމާލަން ކަމަށާއި އަންނަ މަހުގެ 4ގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަކީ، އެކަމަށް ޖަހަމުންދާ "ޗައްކަރު" ކަމަށް ގަފޫރު ވިދާޅުވި އެވެ. އެޔަށް ހެއްލިގެން ހިޔާލު ހޯދުމުގެ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން އާއެކޭ ނުބުނުމަށް އޭނާ އެދިވަޑައިގަަތެވެ.

"ހީނުކުރާތި ރައްޔިތުންނަށް އޮޅުވާލައިގެން 2028ގައި ރިޔާސީ އިންތިހާބު ނުބާއްވައި އިންތިހާބު ދަންމާލަން ތިޖަހާ ޗައްކަރުގައި ދިވެހި ރައްޔިތުން ޖެހޭނޭ. ނުޖެހޭނެ. އަޅުގަނޑުމެނެއް މިނިވަންކަމުން އަޅުވެތި ކަމަކަށް ނުދާނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލައިގެން ނަމަވެސް 2028ގައި ރިޔާސީ އިންތިހާބު ބާއްވާނަން،" ގަފޫރު ވިދާޅުވި އެވެ.

އައްޑޫ ހުޅުދޫ - މީދޫގައި ރޭ އެމްޑީޕީން ބޭއްވި އުންމީދެއްގައި ޖަލްސާގައި އަބްދުލްގަފޫރު މޫސާ ވާހަކަދައްކަވަނީ

ގަފޫރު ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓަކުން ވެސް އަދި ގާނޫނުތަކަށް ބަދަލުގެނެސްގެން ވިޔަސް 2028ގައި ރިޔާސީ އިންތިހާބު ނުބޭއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށެވެ. އެކަން ކުރެވޭނީ ޑިމޮކްރަސީއަށް ލޯބިކުރާ މީހުންގެ ފުރާނަ ދުއްވާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާފުކޮށް މި ދަންނަވަނީ އިންތިހާބު ބާއްވާނަމޭ. ކޮންމެ ވޯޓެއް ލިޔަސް، ކޮންމެ ކަމެއް ކުރިޔަސް 2028ގައި ރިޔާސީ އިންތިހާބު މި ގައުމުގައި ނުބޭއްވޭނެ ގޮތެއް ނުހެދޭނެ. އެއީކީ ކުރެވޭނެ ކަމެއް ނޫން. މި ގައުމުގައި ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ މީހުންގެ ފުރާނަ ދުއްވާލާފައި އެކަން ކުރަން ޖެހޭނީ. އެނޫން އެއްވެސް ގޮތަކަށް ލާހިކެއް ނޫން ތިޔަ ނުބައި ހުދުމުހުތާރު ވެރިކަން ދަމަހެއްޓުމަށްޓަކައި މި ސަރުކާރަކުން ތިޔަކަން ކުރާކަށް. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާނަން އެނޫން ގޮތަކަށް ތިކަން ކުރާނަމަ،" ގަފޫރު ވިދާޅުވި އެވެ.

ކޮމެންޓް (2)

ސިކުނޑި

26 މާރިޗު 2026
އިންތިޚާބު ލަސްކުރާގޮތެއް ޗެއާ ބުނެދިންނަމަ ވަރަށް ރަނގަޅުވީސް! މިހާރުގެ އިސްލާހާއި ރިޔާސީ އިންތާޚާބާއި އެއްވެސް ގުޅުމެއްނެތް! އެކަމަކު މަޖިލީހުގެ ދައުރުގެ އިސްލާހަކީ ތާކުންތާކު ނުޖެހޭ އިސްލާހެއް!
1 0

ތެފައާސާ.

26 މާރިޗު 2026
@ސިކުނޑި ގުޅޭ ގޮތަކީ ހިނގަމުންދާ ދައުރެއްގެ ތެރެއިން ދައުރުގެ ކުޑަބޮޑު މިނާއި ކުޅެ ބަދަލުކުރުމުގެ ޕްރެސީޑެންސެއް ގާއިމުކުރަނީ. މޭބީ ދެޓްސް ވަޓް ގަޕޯ އިޒް އޮން އެބައުޓް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް