1224 ފްލެޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ ރައީސް އޮފީސް)

ބޯހިޔާވަހިކަން

ބީއެމްއެލްއިން އަޅާ އަގުހެޔޮ ފްލެޓުތަކުގެ ކުއްޔަކީ ގާތްގަނޑަކަށް 10،000 ރުފިޔާ: ޝަރީފް

ލީސް ޓު އޯން މޮޑެލް ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ ގޮތަށް ކުއްޔަށް ދޭން ބީއެމްއެލްއިން މާލެ ސަރަހައްދުގައި ތިން ކޮޓަރީގެ 3،260 ފްލެޓު އަޅަން ވަނީ ނިންމާފައި. އޭގެ ތެރެއިން އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅާފައި

ބީއެމްއެލްއިން އަޅާ އަގުހެޔޮ، ތިން ކޮޓަރީގެ ފްލެޓުތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000ރ.ގައި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި ބޭންކާ ގުޅިގެން މިފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި، އެފޯޑަބަލް ހައުސިން ކެޓަގަރީގައި ހިމެނޭ މީހުންނަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ކަމަށެވެ.

ބީއެމްއެލްއިން އަޅާ ފްލެޓުތަކުގެ ކުލި އަދި މުޅިން ފައިނަލް ނުކުރި ނަމަވެސް، ބޭންކުން މިހާރު ހަދަމުން އަންނަ ހިސާބުތަކުގެ އަލީގައި ލަފާކުރެވޭ އަދަދެއް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއް، އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި އުޅެނީ 25،000ރ. އާއި 30،000ރ.އާ ދެމެދުގައި ކަމަށެވެ.

"އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ނޫންތޯ؟ އަނެއްކާ މުޅިން މި ހަދަނީ ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތައް،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިއްމު - މާލެ ސަރަހައްދުގައި ޖުމުލަ 3،260 ފްލެޓް އަޅަން ބީއެމްއެލުން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން އެފޯޑަބަލް ހައުސިން ޔުނިޓްގެ ކެޓަގަރީގައި ހިމެނޭ 1،224 ފްލެޓުގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅާފަ އެވެ.

އެ މަޝްރޫއު ހަވާލުކުރީ ޗައިނާ މެޝިނަރީ އިިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެވެ. އެއީ 2028ގެ މެދެއްހާ ހިސާބުގައި ނިންމާ ގޮތަށެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންް ސްކީމް (އައިއެންއޭއެޗް)ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ހިންގާ މަޝްރޫއުއެކެވެ.

ބީއެމްއެލްއިން އަޅާ ފްލެޓުތައް ކުއްޔަށް ދެނީ ލީސް-ޓު-އޯން މޮޑެލް ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ ގޮތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް