ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

މަރުގެ އަދަބު ތަންފީޒުކުރުމަށް ވަރަށް އަވަހަށް ގާނޫނެއް ހަދާނަން: ރައީސް

ޝަރުއީ ތިން މަރުހަލާ ވެސް ނިމިގެން މަރުގެ ހުކުމް ދަމަހައްޓާފައިވީ ނަމަވެސް ހުކުމް ތަންފީޒުނުކޮށް މިވީހާ ޒަމާން އޮތް ނަމަވެސް އެ ގޮތަށް ދެމިގެން ދާން ބޭނުންފުޅު ނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި

މަރުގެ އަދަބު ތަންފީޒު ކުރުމަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރެވެނީ ޝަރުއީ ތިން މަރުހަލާ ނިމިގެނެވެ. ތިން މަރުހަލާއިން މަރުގެ ހުކުމް ދެމެހެއްޓި ތިން މީހަކު ހުރި ނަމަވެސް، ގާނޫނުގައިވާ ގޮތުގެ މަތިން މަރުގެ ހުކުމް މިފަހުން ތަންފީޒުކޮށްފައެއް ނުވެ އެވެ.

ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ކަމަކީ ގަވާއިދެއް ނުވަތަ އުސޫލެއްގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެހެންވެ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ބިލު އެކުލަވާލުމުގެ މަސައްކަތް އޮތީ ވެސް އެންމެ ފަހުގެ މަރުހަލާގައި ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"ބަންޑާރަ ނައިބުގެ އޮފީހުން އެބަ ކުރިއަށް ގެންދަން، މިފަދަ ފަރާތްތަކަށް މަރުގެ ހުކުމް ތަންފީޒުކުރަން ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާ ބެހޭ ބިލެއް ތައްޔާރުކުރަން. އެ ބިލު މިހާރު ނިމުމުގެ މަރުހަލާގައި ވަނީ،" ރައީސް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ބިލު ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ ސަރުކާރާއި އެ މަނިކުފާނަށް ލިބިދޭ އިހުތިޔާރެއް ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސްއެއް ނޫން. މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ ފަރާތަކަށް، ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހަކު މަރުގެ ހުކުމް ތަންފީޒުނުކޮށް ބޭއްވުމަކީ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (3)

ތެފައާސާ.

24 މާރިޗު 2026
އަސްލު ކޮންމެ އިންތިޚާބަކާއި ދިމާކޮށް މަރުގެ ހުކުމް ތަންފީޒު ކުރަން ގާނޫނު ހަދާނަމޭ އުސޫލު ހަދާނަމޭ ކިޔައިގެން މި ދައްކާ ވާހަކައިގެ ހަގީގަތް އެބަޖެހޭ އެނގެން. މަރަށް މަރު ހިފުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ސާފު ބަހުން މިހާރުވެސް ކަނޑައަޅައިފައިވާ ހުކުމެއް. އަދި އެ ހުކުމް ތަންފީޒު ކުރާނޭގޮތުގެ ގަވައިދުވެސް އޮތީ ލިޔެ ގެޒެޓުކޮށްފައި. މަރުގެ އަދަބު ދޭންޖެހޭކަމަށް ސުޕްރީމް ކޯޓުން ނިހާއީ ހުކުމް ކޮށްފައިވާ 3 މީހަކު މިހާރުވެސް ޖަލުގައި އެބަތިބި. އެހެންވީމާ މަރުގެ ހުކުމް ތަންފީޒު ކުރަން ގާނޫނަކުންވެސް ގަވައިދަކުންވެސް އަދި ކޯޓު ހުކުމަކުންވެސް އިތުރަކަށް ކުރަންޖެހޭ އެއްވެސް ކަމެއް ނެތް. އޮތީ އެކަން ކުރުން. އެހެން އޮތް ކަމެއްގައި، ހަމަ ކޮންމެ އިންތިޚާބަކާއި ދިމާކޮށް މަރުގެ ހުކުމް ތަންފީޒު ކުރަން ގާނޫނު ހަދަނީއޭ ކިޔައިގެން މި ކުރާކަމަކީ ދީނުގެ ހުކުމެއް ބޭނުންކޮށްގެން ކެމްޕޭނު ކުރުން!!
1 0

ސިކުނޑި

23 މާރިޗު 2026
ރައީސް ތަންދޮރު ނޭނގުނަސް ރައްޔިތުންނަށް އިނގޭ، ތަހުގީގާއި ހެއްކާއި ގަރީނާ އަދި ހުކުމް ގަންނަން ލިބޭ ތަނެއްގައި މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެކަން! ގާނޫނެއް ތިކަމަކަށް ބޭނުމެއްވެސް ނުވާނެ! އުސޫލެއް ހަދާލީމާ ނިމުނީ! ރައްޔިތުން ގުނބޯހައްދަން އުޅެ ތިމާ މީހާ ގުނބޮލަކަށްވެދާނެ!!
1 0

ހުމޭރު

23 މާރިޗު 2026
ކިތަންމެ އަވަހަށް ޤާނޫނެއް ހެދިއަސް ތިކަމެއްނުވާނެ މަނިކުފާނަކަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް