މީގެ ކުރިން ބޮޑު ކަންނެލި މަސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްވެރިކަން

މަސްދޯނިފަހަރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ބޮޑު ކަންނެލި ޖަމިއްޔާއިން ގޮވާލައިފި

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުވާނެކަމުގެ ޔަގީންކަން މިފްކޯއިން ދިން. އެކަމަކު ބޮޑު ކަންނެލި ޖަމިއްޔާއިން ބުނީ ކުރީގެ އަގަށް ތެޔޮ ނުލިބޭ ކަމަށް

މަސްދޯނި ފަހަރަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނި ނަމަވެސް މިހާތަނަށް އެ އަގުގައި ތެޔޮ ލިބެމުންނުދާ ކަމަށާއި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ސަރުކާރަށް ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބޮޑުކަންނެލި ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ،  މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި ތެލުގެ އަގު ބޮޑުވާ ނަމަ، މަސްވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތެވެ.

ބުނީ ކީކޭ؟ - އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ ތާރީހުގައި ވެސް ތެޔޮ އަގުބޮޑުނުވާ މިންވަރަށް މިދިޔަ ދުވަސްތަކުގައި ތެލުގެ އަގު އުފުލިގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ބުނީ:

  • މަސްދޯނި ފަހަރަށާއި އާންމު ދަތުރުފަތުރުކުރާ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން މީގެ ދެ ދުވަސް ކުރިން ބުނެފައިވޭ

  • އެކަމަކު މިއަދާ ހަމަޔަށް ވެސް މާލެ ސަރަހައްދުން މަސްދޯނި ފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބިފައެއް ނުވޭ

  • ތެލުގެ އަގު ހެޔޮވެގެން ނޫނީ މަސްވެރިންނަށް މަހަށް ފުރޭކަށް ނެތް؛ މިއީ މަސްވެރި އާއިލާތަކަށް ލިބިގެންދާ ވަރަށް ބޮޑު ދަތިކަމެއް

"މި ހިނދުން މިހިނދަށް މަސްދޯނި ފަހަރަށް މަހަށް ފުރޭ ގޮތަށް، އެކަށީގެންވާ ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

އެނގުން މުހިންމު - މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ވެސް ބޮޑުކުރި އެވެ. 

އެކަމަކު، މިފްކޯއިން މިދިޔަ އަންގާރަ ދުވަހު ޔަގީންކަން ދީފައިވާގޮތުގައި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް އޭގެ ސަބަބުން ބަދަލެއް ނާންނާނެ އެވެ. އެގޮތުން، ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހި ހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

މި ބަދަލާއެކު، މިމަހުގެ 5 ގައި މިފްކޯއިން އިއުލާންކުރި އަގުތައް ކުރިއެކޭ ވެސް އެއްގޮތަށް ދެމިއޮންނާނެ ކަމަށް އެކުންފުނިން އޭރު ބުންޏެވެ.

އެގޮތުން:

  • މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ

  • ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ 

  • އާންމު ފަރާތްތަކަށް 17.54 އަށް ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް