ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
ކެމިކަލާއި ގަސްކާނާ ބަހައްޓާ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދައިފި
މާފަންނުގައި ހުރި ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ބަހައްޓާ ގުދަނެއްގައި މިރޭ ވަރަށް ބޮޑަށް އަލިފާން ރޯވެ، އެ ތަން އަނދައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން ބުނި ގޮތުގައި، އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ.
މިއީ ޕްރައިމް ފާޓިލައިޒާސް ކުންފުނީގެ މައި ގުދަނެވެ. މި ގުދަނުގައި ބަހައްޓަނީ، އެނގިފައިވާ ގޮތުގައި، ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެއްޗެވެ.
ތަފްސީލް - ގުދަނުގައި ވަރަށް ބޮޑަށް ރޯވެ، އަނދާފައިވާއިރު، ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި އެމްއޭސީއެލްގެ ފަޔަ ލޮރީ ވެސް އެ ތަނުގައި ހަރަކާތްތެރިވެ އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވިޔަސް، އަދިވެސް ގުދަނުގެ ތެރޭގައި އަލިފާން އެބަހުއްޓެވެ. އެހެންވެ، ފަޔާ އެންޑް ރެސްކިއުގެ ފަޔަފައިޓަރުން އަދިވެސް ދަނީ ގުދަނުގެ ތެރެއަށް ފެން ޖަހަމުންނެވެ.
މުޅި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން ފެތުރިފަ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށް، ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.