ހަނގުރާމަައިގެ ދަތިތައް ހައްލުކުރުމަށް އެކުލަވާލި ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ހަނގުރާމައަށް ދިވެހި ވައިގެ ސަރަހައްދު ބޭނުންކުރަން އިންކާރުކުރިން: ހަލީލު

މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް ހަމަލާ ދިނުމުގައި މިހާތަނަށް ވެސް ބޭނުންކުރެވިފައިނުވާ ކަމަށް

މެދުއިރުމަތީގެ ގައުމުތަކުގައި މި ވަގުތު ހިނގަމުންދާ ހަނގުރާމާގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ހަމަލާތައް ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ނަމަވެސް އެ ކަމަށް އިންކާރުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާއަށް ފަހު ރައްދުގައި އިރާނުން މެދުއިރުމަތީގެ އެެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށުމުން އެ ސަރަހައްދުގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފަ އެވެ. އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ވެސް އަސަރުތައް ކުރާނެތީ، އެ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ކެބިނެޓްގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ހަލީލު ވަނީ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސޯދީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުންތަކަށް ސަރުކާރުން ގެންގުޅޭ ސްޓޭންޑް އޮތް ގޮތް ކޮންމެ ވެސް ވަރަކަށް ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް ހަމަލާ ދިނުމުގައި މިހާތަނަށް ވެސް ބޭނުންކުރެވިފައިނުވާ ކަމަށެވެ. އަދި އެ ކަމަށް ދިވެހި ސަރުކާރުން ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެފަދަ އަންނަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓްކުރަމުންދާކަން މައުލޫމާތަށްޓަކައި ދަންނަވާލަން. އެފަދަ ކަމަކަށް އެއްވެސް ގައުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައެއް ނުދޭނަން،" ހަލީލު ވިދާޅުވި އެވެ.

މީގެ އިތުރުން ތެލާއި ކާބޯތަކެތި ހޯދުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށާއި ޓޫރިސްޓުން އަންނަ މައިގަނޑު ރޫޓުތައް ބަންދުވުމުން އެ ކަންކަމަށް ހައްލު ހޯދުމަށް ޓަކައި އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަލީލު ވިދާޅުވި އެވެ.

ހަމަލާތައް ރައްދު ކުރުމަށް ޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް އެދި ހުށަހެޅި ހުށަހެޅުންތަކެއް އިންކާރުކުރި ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ގޮތަށް އެދުނީ ކޮން ގައުމަކުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް