ހަނގުރާމައިގެ ދަތިތައް ހައްލުކުރުމަށް އެކުލަވާލި ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް (ކ) އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން (ވ) - (ފޮޓޯ/ ރައީސް އޮފީސް)

ޓޫރިޒަމް

މެދުއިރުމަތީ ހަނގުރާމައާއެކު ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

ހަނގުރާމައިން ކުރާނެ އަސަރުތަކަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ކެބިނެޓް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ މިހާރު މަސައްކަތްކުރަމުން ދަނީ ޗައިނާ، އިންޑިއާ އަދި ރަޝިއާގެ މާކެޓުން ފްލައިޓްތައް އިތުރު ކުރަން ކަމަށް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ރޫޓުތަކުގައި ހިމެނޭ ފްލައިޓްތަކުގެ %30 ގެއްލުމުން އެ ކަން ފޫބެއްދުމަށް ޓަކައި އިންޑިއާ، ޗައިނާ، އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާއަށް ފަހު ރައްދުގައި އިރާނުން މެދުއިރުމަތީގެ އެެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށުމުން އެ ސަރަހައްދުގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފަ އެވެ.

މީގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ދަތުރުކޮށްފައިވާ ރޫޓަށް ބަލާއިރު އެއިން %30-%35 ފަތުރުވެރިން އަންނަނީ މެދުއިރުމަތިން ނުވަތަ އެ ސަރަހައްދުގެ އެއާލައިންތަކުންނެވެ. އެ ގޮތުން ރާއްޖެ ޖައްސާ ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާއިރު ކޮންމެ ދުވަހަކު ރާއްޖެއަށް ޝެޑިއުލްކޮށްފައިވާ އެތައް ފްލައިޓެއް ދަނީ ކެންސަލްވަމުންނެވެ.

މި ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އެކުލަވާލި ނުވަ މިނިސްޓަރުން ހިމެނޭ ކެބިނެޓްގެ ކޮމިޓީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ޓޫރިޒަމަށް ގެއްލިގެންދާ އާމްދަނީ އަނބުރާ ހޯދުމަށް އެހެން މާކެޓްތަކުން ފްލައިޓްތައް އިތުރުކުރުމާއި އެ މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މި ވަގުތު އެންމެ ފޯކަސްއެއް ދީގެން މަސައްކަތްތަކެއް ކުރަން ޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ، އަދި ރަޝިއާ ކަމުގައި ވާތީ އެ ތަންތަނުން ވެސް އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައްކޮށް، ކުރިއެރުންތަކެއް ވަނީ ލިބިފައި،" ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން ޓާކިޝް އެއާލައިންގެ ދަތުރުތައް ހޯދުމަށް ތުރުކީ ސަރުކާރާ އެކު ވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިޝްތިހާރުގެ މަސައްކަތްތައް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ކުރަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ބޮޑަށް މާކެޓިން އެފޯޓްތަކެއް ލާނަން، ހަމަ ވަކިން ހާއްސަކޮށް އިންޑިއާއާއި ޗައިނާއަށް އަދި ރަޝިއާއަށް،" ތޯރިގު ވިދާޅުވި އެވެ.

ހަނގުރާމައިގެ ދަތިތައް ހައްލުކުރުމަށް އެކުލަވާލި ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް (ކ) އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން (ވ) - (ފޮޓޯ/ ރައީސް އޮފީސް)

މި ތިން މާކެޓުން ފްލައިޓްތައް އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ އިތުރު ތަފްސީލްތަކެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ. އެ ގޮތުން:

  • ރަޝިއާގެ އެއިރޯފްލޮޓް އާއި އިންޑިއާގެ އެއާ އިންޑިއާއިން ވަނީ ކުރިން ރާއްޖެއަށް ހާއްސަކުރާ އަދަދަށްވުރެ ދެގުނަ އަދަދެއް ފްލައިޓްތަކުގައި ހަމަޖެހޭނެކަމުގެ ޔަގީންކަން ދީފައި

  • މެލޭޝިއާގެ އެއާއޭޝިއާއިން ވެސް ކުރިއަށްހުރި ދުވަސްތަކުގައި ރާއްޖެއަށް ވައިޓް ބޮޑީ އެއާކްރާފްޓް މަތިންދާބޯޓުގެ ދަތުރުތައް ކުރާ ގޮތަށް ދަނީ މަސައްކަތްކުރަމުން؛ އެއީ ގާތްގަނޑަކަށް 500 މީހުންގެ ޖާގަ ހުންނަ މަތިންދާ ބޯޓެއް

  • ޔުއޭއީގެ އިއްތިހާދު އެއާވޭސްއިން ވެސް ކުރިއަށްހުރި ދުވަސްތަކުގައި ދުވާލަކު ދެ ފަހަރަކު ފްލައިޓް ދަތުރުކުރާ ގޮތަށް

  • މޯލްޑިވިއަންގެ މަތިންދާބޯޓުން ބަންގްލަދޭޝްގެ ޑާކާއަށް ވެސް ދަތުރުތައް ފަށާނެ

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓުނު ނަމަވެސް މަތީ ފަންތީގެ މީހުން ޖެޓްތަކުގައި ރާއްޖެ ދަތުރުކުރަމުންދާ ކަން ވެސް އަމީން ފާހަގަކުރެއްވި އެވެ. މި ހާލަތުގައި ވެސް އެއީ ވެސް ރާއްޖޭން މާކެޓްކުރަން ޖެހޭ ދިމާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަނގަޅު ޓްރެންޑެއް މިއީ. މީގެ ކުރިން އާ އަހަރު ނިމިގެން މިދާ މަސްތަކުގައި ބައިވަރު ޖެޓްތަކެއް ހައި އިންޑް ޓުއަރިސްޓުންނެއް ނާދޭ. އެކަމަކު މި ދެތިން ހަތަރު ދުވަހު ފެނިއްޖެ ބައިވަރު ފްލައިޓްތަކެއް ރާއްޖެ އައި ތަން." އަމީން ވިދާޅުވި އެވެ.

ކޮމެންޓް (1)

ައަހުމަދު

20 މާރިޗު 2026
ތި ގެންނަަ ބޯޓުތަކަށްް އަޅާނެެ ޖެޓްފިޔޮލްް އަގުު ހެޔޮކޮށް ހޯދާނެެ ތަންތަންް ވެސްް ހަމަޖައްސަވާާ. އެހެނީީ ރާއްޖެއިންް ތެޔޮޮ ގަނެގެންް ދިއުމުންް ދަތުރުންް ބޮޑުު ފައިދާއެެްް ނޯންނާނެެ. ރާއްޖެއަކީީ ޖެޓްފިޔޮލްް އެންމެެ އަގުބޮޑުު އެއްތަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް