މަޓާޓޯއިން 16 އޮކްޓޫބަރު 2023 ވަނަ ދުވަހު ބޭއްވި ފޯރަމެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ހުސެން ސުނޭން)

މަޓާޓޯ

ޓްރެވަލް އެޖެންސީތަކާ ބެހޭ ގަވާއިދު ހެދުން މަޑުޖައްސާލައި އިތުރަށް މަޝްވަރާކުރަން އެދިއްޖެ

މަޓާޓޯއިން ބުނީ މިހާރު އެކުލަވާލާފައިވާ ޑްރާފްޓުގެ ބައެއް މާއްދާތައް އިތުރަށް ސާފުކުރަން ބޭނުންވާކަން އެޖެންޓުން ފާހަގަކޮށްފައިވާ ކަމަށް؛ މިފަދަ އާ ގަވާއިދުތަކެއް ތައާރަފުުކުރުމުގައި ވަގުތާއި ހާލަތަށް ބެލުން މުހިންމު ކަމަށް ވެސް ބުނި

ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމަށް ސަރުކާރުން އެކުލަވާލި ޓްރެވަލް އެޖެންސީއާ ބެހޭ ގަވާއިދުގެ ޑްރާޕްޓް ތަންފީޒުކުރުން ފަސްކޮށް، އެކަމާމެދު އިތުރަށް މަޝްވަރާކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެދިއްޖެ އެވެ.

ތަފްސީލް - އެ ގަވާއިދުގެ ޑްރާފްޓު މުތޯލިއާކުރުމަށް ފަހު، އޭގައި ހުރި ބައެއް ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޑްރާފްޓާ ގުޅޭގޮތުން މެންބަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިއާޔަތްކޮށް، ގަވާއިދު ފައިނަލް ކުރުމުގެ ކުރިން ދާއިރާގެ ހިއްސާދާރުންނާ އެކު އިތުރު މަޝްވަރާތައް ބޭއްވުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.

އެގޮތުން ބުނީ:

  • މިހާރު އެކުލަވާލާފައިވާ ޑްރާފްޓުގައި ހިމެނޭ ބައެއް މާއްދާތައް އިތުރަށް ސާފުކުރަން ބޭނުންވާކަން އެޖެންޓުން ވަނީ ފާހަގަކޮށްފައި

  • އިދާރީ ގޮތުން ކުރިމަތިވެދާނެ ބުރަތަކާމެދު މެންބަރުންގެ ކަންބޮޑުވުންތައް އެބަހުރި

  • ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެތީ، އެކަންކަން ވަރަށް ބޮޑަށް މުރާޖައާ ކުރަންޖެހޭ 

  • ހަަމައެއާއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް މިވަގުތު ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކަށް ބަލާއިރު، މިފަދަ އާ ގަވާއިދުތަކެއް ތައާރަފުުކުރުމުގައި ވަގުތާއި ހާލަތަށް ބެލުމަކީ މުހިންމު ކަމެއް 

"އެހެންކަމުން މި ގަވާއިދު ތަންފީޒުކުރުން ވަގުތީގޮތުން ފަސްކޮށް، ދާއިރާގެ ހިއްސާދާރުންނާއެކު އިންތިޒާމުވެގެން ބޭއްވޭ މަޝްވަރާތަކެއްގެ ތެރެއިން މި ޑްރާފްޓް އިތުރަށް މުރާޖައާކުރަން ލަފާދެެމެވެ. މިއީ ދިވެހި ޓްރެވަލް އެޖެންޓުންގެ ކުރިއެރުމާއި ވާދަވެރިކަން ދެމެހެއްޓޭނެ ފަދަ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ،" މަޓާޓޯގެ ބަޔާނުގައިވެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ޕްރޮފެޝަނަލިޒަމް އާއި ޓްރާންސްޕޭރެންސީ އަދި ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް ކުރާ މަސައްކަތަތަކަށް މަޓާޓޯއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި، އެ ދާއިރާ ރެގިއުލޭޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.

އެ ޖަމްއިއްޔާ އިން އިތުރަށް ބުނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ދިވެހި ވިޔަފާރިތަކަށް ހިމާޔަތާއި ބާރުވެރިކަން ލިބޭނެ ފަދަ ގަވާއިދެއް އެކުލަވާލުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކާ އެކު ގާތުން މަސައްކަތްކުރުމުގައި މަޓާޓޯ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް