ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުރި ތެލުލި ފަތާއި މަސް މިރުސް ފަދަ ތަކެތި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ސާފުތާހިރުކަން ކުޑަވުމުން 'ބިލެތްމާ ޓޭސްޓީ'ގެ މަސައްކަތް ހުއްޓުވައިފި
އާންމު ސާފުތާހިރުކަން ކުޑަވުމާ ގުޅިގެން ދިވެހިންގެ މެދުގައި މަގުބޫލު ބަންދުކުރި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދާ 'ބިލެތްމާ ޓޭސްޓީ'ގެ މަސައްކަތްތައް ވަގުތުން ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
ތަފްސީލު - ބިލެތްމާ ޓޭސްޓީއަކީ ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު އަދި އެފަދަ ބާވަތްތަކުގެ ބަންދުކުރި ކާބޯތަކެތި އުފައްދައި، މާކެޓު ކުރާ ތަނެކެވެ.
ބިލެތްމާ ޓޭސްޓީގެ ކާބޯތަކެތި ތައްޔާރުކުރާ ތަނަކީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވުނީ އެމްއެފްޑީއޭއަށް ލިބުނު ޝަކުވާއަކާ ގުޅިގެން އެ އޮތޯރިޓީން ގޮސް އެ ތަން ބަލައި ފާސްކުރުމުންނެވެ.
"އެހެންކަމުން ތަނުގައި ކުރަމުން އައި މަސައްކަތް ވަގުތުން ހުއްޓާލުމަށް މި އޮތޯރިޓީން ވާނީ އަންގާފަ އެވެ،" އެމްއެފްޑީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެފަދަ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރުން ލާޒިމްވި ނަމަވެސް، ބިލެތްމާ ޓޭސްޓީއަކީ ރަޖިސްޓްރީ ވެސް ނުކުރާ ތަނެއް ކަމަށް އެމްއެފްޑީއިން ބުނެ އެވެ.
"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަތީގައި ދަންނަވާފައިވާ ނަމުގައި އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގަމެވެ،" އެމްއެފްޑީއޭއިން ބުންޏެވެ.