އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީ ޖަލްސާއެއްގައި އެމްޕީ ފަލާހު. ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިންތިހާބުތައް މަދުވުމަކީ ހަމަޖެހިގެން ގައުމު ދަތުރުކުރަން ލިބޭ ރަނުގެ ފުރުސަތެއް: ފަލާހު

ދެ އިންތިހާބު އެއްކޮށްލުމަކީ ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ގައުމީ ބޮޑު ޖިހާދެއް ކަމަށް ފަލާހު ވިދާޅުވި؛ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކުގައި ޖެހިގެން އެފަދަ ފުރުސަތެއް ގެއްލުވާނުލުމަށް ފަލާހު އެދިވަޑައިގަތް

ބާއްވަންޖެހޭ އިންތިހާބުތައް މަދުވުމަކީ ހަމަޖެހިލައިގެން ގައުމު ދަތުރުކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.

އެހެންވެ، މި މަހުގެ 16ގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އަންނަ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ނިންމާފަ އެވެ.

މިއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން ސަރުކާރުން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން އަންނަނީ މި ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް ކެމްޕޭންތަކެއް ހިންގަމުންނެވެ.

ތަފްސީލް - އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަމުން އަންނަ ޕީއެންސީގެ 'ގްރޭޓާ އައްޑޫ' ޖަލްސާގައި ފަލާހު ވަނީ، ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ރިޔާސީ އިންތިހާބު ދަންމާލަން ކަމަށް އިދިކޮޅުން ދައްކާ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އެ ދެ އިންތިހާބު އެއްކޮށްލައިގެން ރިޔާސީ އިންތިހާބު ދަންމާލެވޭނެގޮތެއް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ، އެ ހިޔާލު ހޯދުމުގެ ވޯޓަކީ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިންވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމަކީ ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ގައުމީ ބޮޑު ޖިހާދެއްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ޕީއެންސީ މަޖިލިސް މެންބަރުން އެ ގުރުބާނީ ވަނީ، "ރައީސްގެ އެ ޖިހާދުގައި ބައިވެރިވާން" ކަމަށެވެ. 

"ހަގީގަތުގައި މި ހިޔާލު ހޯދުމުގެ ވޯޓަކީ، އިންތިހާބުތައް މަދުވުމަކީ، އަޅުގަނޑުމެންނަށް ނޭވާ ލައިގެން ހަމަޖެހިލައިގެން މި ގައުމަށް އަމާންކަމާއެކު ދަތުރުކުރަން ލިބޭ ރަނުގެ ފުރުސަތެއް ރައްޔިތުންނޭ. މިވަރުގެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ،" ފަލާހު ވިދާޅުވި އެވެ.

އެހެންކަމުން، ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކުގައި ޖެހިގެން އެފަދަ ފުރުސަތެއް ގެއްލުވާނުލުމަށް ފަލާހު އެދިވަޑައިގަތެވެ.

ފަލާހު އިތުރަށް ވިދާޅުވީ:

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާތަނަށް އައިރު ދިވެހިން އެއްބަސްވާ ކަމެއް 

  • ގައުމަށް ގެންނަ މިފަދަ ބަދަލުތަކުން ވަރަށް ގިނަ ކަންކަން އިސްލާހުވެގެންދާނެ؛ ނުބައިކޮށް ކުރެވޭ ކަމެއްގެ ސަބަބުން ވެސް ވަރަށް ގިނަ ކަންކަން ގޯސްކޮށް ހިނގައިދާނެ 

  • ދެ އިންތިހާބު އެއްކޮށްލުމުގެ ފައިދާއަކީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ލުއިވުމެއްނޫން، އެޔަށްވުރެ ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއް

"[ދެ އިންތިހާބު އެއްކޮށްލުމަކީ] ގައުމަށް އަންނަ ރައްކާތެރިކަމާއި ހަމަޖެހުމާއި އަމާންކަމާއެކު، ހަމަޖެހިލައިގެން ނޭވާލައިގެން ދިރިއުޅުމުގެ ފުރުސަތު ވަަރަށް ބޮޑަށް ފަހިވެގެންދާނެ ކަމެއް. މިއީ ވަކި ޕާޓީއަކަށް، ހަގީގަތައް ވިސްނައިފިނަމަ މީގެން އަޅުގަނޑުމެންނަނަށް ވިޔަސް ވާނީ ގެއްލުން،" ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް (2)

ހެހެ

8 މާރިޗު 2026
ހަމަޖެހިގެން ވައްކަން ކޮށްލެވޭނެ
2 0

ކޮސް

8 މާރިޗު 2026
ކާކުތަ ހަމަނުޖެހިގެން އުޅެނީ. .... ޤައުމު ރަނގަޅަށް ހިންގޭނީ އެމް.ޑީ.ޕީއާ ވެރިކަން ހަވާލުވީމަ. ފަލާހުވެސް އަވަހަށް ތިލަފަތާއި އެއްކޮޅަށް ދުއްވައިގަނެބަލަ .....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް