ރާއްޖޭގެ އިޝްތިހާރެއް ރަޝިއާގައި (ފޮޓޯ/ވިޒިޓް މޯލްޑިވްސް)

ހާދިސާތަކުގައި އަމަލުކުރާނެ ފަތުރުވެރިކަމުގެ ސްޓްރެޓެޖީއެއް ހަދަނީ

ވިޒިޓް މޯލްޑިވްސްއިން ބުނީ، ކަމާ ބެހޭ އިދާރާތަކާއި ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތްތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުސްތަގުބަލުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަތުވެދާނެ ލޮޅުމަކަށް ތައްޔާރުވެތިބުމަށް، ފަތުރުވެރިކަމަށް ހާއްސަ 'ކްރައިސިސް ރެސްޕޮންސް ސްޓްރެޓެޖީ'އެއް އެކުލަވާލުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު އަދި އީރާނުގެ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ އެމިރޭޓްސް، ގަތަރު އެއާވޭސް، ފްލައިދުބާއީ އަދި އިއްތިހާދު ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ވަނީ ބުރޫއަރާފަ އެވެ. އެހެންވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދަށް ވެސް ފާއިތުވި ހަފްތާއެއް ތެރޭ ވަނީ އަސަރުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ވިޒިޓް މޯލްޑިވްސްއިން މިއަދު ބުނީ، ދަތުރުތައް މެދުކެނޑުމުގެ ސަބަބުން ފަތުރުވެރިންނަށާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، އެ ކޯޕަރޭޝަނުން އިސްކަންދެނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން، މުސްތަގުބަލަށް ރޭވުމުގެ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ 'ކްރައިސިސް ރެސްޕޮންސް ސްޓްރެޓެޖީ'އެއް އެކުލަވާލަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

"މި މަސައްކަތުގެ ދަށުން، ސިނާއަތުގެ ބައިވެރިންނާ ބައްދަލުކޮށް، މައުލޫމާތު ހިއްސާކުރުމާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައި،" ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

މީގެ އިތުރުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރަން ކަމާ ގުޅޭ ވުޒާރާތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ހަރަކާތްތަކެއް ހިންގައި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  • ވިޒިޓް މޯލްޑިވްސްގެ އެހީތެރިކަމާ އެކު ޖަރުމަނާއި ފްރާންސް ހިމެނޭހެން ޖުމްލަ 8 ރިޕެޓްރިއޭޝަން ފްލައިޓް ބާއްވާފައިވޭ

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ޓޫރިޒަމް މިިިނިސްޓްރީގެ އެހީތެރިކަމާ އެކު ހާއްސަ 'ހެލްޕް ޑެސްކް'އެއް ގާއިމުކޮށްފައިވޭ؛ މި ޑެސްކު މެދުވެރިކޮށް ދަތުރުވެރިންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ދަނީ ފޯރުކޮށްދެމުން

  • އެކި އެއާލައިންތަކާ އެކު މަޝްވަރާކޮށް އިތުރު ފްލައިޓްތައް ބޭއްވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުން 

  • ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމަށްޓަކައި، ދަތުރުފަތުރަށް މާބޮޑު ބުރޫއެއް އަރާފައިނުވާ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް އަމާޒުކޮށްގެން ހާއްސަ ކެމްޕޭންތަކެއް ހިންގުމަށް ސިނާއަތުގެ ބައިވެރިންނާއެކު ވަނީ މަސައްކަތް ފަށާފަ

ވިޒިޓް މޯލްޑިވްސްއިން ބުނީ، ޓުއާ އޮޕަރޭޓަރުންނާއި އެޖެންޓުންނާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަމާޒަކީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާ އެކު މި ދަތި ވަގުތުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދިއުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ކޮމެންޓް (2)

66432

8 މާރިޗު 2026
އަދި ކިރިޔާ؟ ސާބަހޭ
0 0

ޱރ ޖުހާ

8 މާރިޗު 2026
ރަންބިސް އަޅާ ކުކުޅުގެ އުމުރުން ވީކިހާދުވަހެއްތޯ މިހާރު؟ އަދި ކިރިޔާތޯ އުފަންދުވަހުގެ ސެޓުފިކެޓް ހަދަން މިއެންގުނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް