ފިޝަރީޒް މިނިސްޓަރު ޝިޔާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އަމާޒަކީ ހުޅުމާލޭގައި އަޅާ ބޮޑުކަންނެލި ކާރުހާނާ މި އަަހަރު ހުޅުވުން: މިނިސްޓަރު

އެ ކާރުހާނާ އެޅުމަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއު ވަރަށް އަވަަހަށް ފެށޭނެ ކަމަށް މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވި

ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށް ހުޅުމާލޭގައި އަޅާ ކާރުހާނާ މި އަހަރު ތެރޭ ހުޅުވައި ހިދުމަތް ދޭން ފަށަން މަސައްކަތްކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް މިދިޔަ ޑިސެމްބަރުގައި ސިލްސިލާ އިހުތިޖާޖުތަކެއް ކުރި އެވެ. އެ އިހުތިޖާޖުތައް ހޫނުވެ، 15 ޑިސެމްބަރުގައި ޝިޔާމް ވަނީ އެ ޔޫނިއަންގެ މަސްވެރިންގެ ޓީމާ ބައްދަލުކޮށް އެ މަސްވެރިންގެ ޑިމާންޑުތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެ މީހުންގެ ޑިމާންޑަކީ:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން

  • މަސްވެރިންނަށް އެންމެ ކުޑަ އަގުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުން

  • މިފްކޯއަށް ބޮޑު ކަންނެލި ގަނެވޭނެގޮތް ހަދަން މަސައްކަތް ކުރަމުންދާ ކަމަށާއ ިކަނޑުއޮތްގިރި ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެނާންނެ ކަމުގެ ޔަގީންކަން އެދުވަހު ޝިޔާމް ދެއްވި

ބުނީ ކީކޭ؟ - ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރަށް ބޮޑުކަންނެލި ގަތުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އެ ވައުދުފުޅާ އެއްގޮތަށް، ބޮޑުކަންނެލީގެ މަސްވެރިންގެ ހުރި ޑިމާންޑުތަަކަށް ބަލައި މިދިޔަ 14 ޑިސެމްބަރުގައި މިފްކޯއިން ބޮޑުކަނި ގަންނަން ފަށާފައިވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި މިދިޔަ މަހުގެ 20ގައި ރަސްމީކޮށް ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެކަމަކު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންގެ ޑިމާންޑުތަކަށް ހައްލު ގެނައުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރެވޭނެ ކަމަކީ، ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކޮށް ވިއްކޭނެ ގޮތެއް ހެދުން ކަމަށެވެ. މިހާރު އަމާޒު ހިފާފައިވަނީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް ކަމަށް އޭނާާ ވިދާޅުވި އެވެ.

"ހުޅުމާލެއިން ލިބިފައި އޮތް ބިމުގައި ބޮޑުކަންނެލި ޕްރޮސެސް ކުރާނެ ކާރުހާނާއެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެ މަޝްރޫއު ފެށި، އަޅުގަނޑުމެންގެ އަމާޒަކީ ބޮޑުކަންނެލި މަސްވެރިންނަށް މިތަނުން ހިދުމަތް ލިބިގެން ދިއުން،" ޝިޔާމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް