ބ. ފުޅަދޫ މަތިން (ފޮޓޯ/ ޔަންތްރަމަންތްރާ)

ލޯކަލް ޓޫރިޒަމް

ފުޅަދޫގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅާ ނަމަ ގެސްޓްހައުސް 750ރ. އިން ޖޫރިމަނާކުރަނީ

ބ. ފުޅަދޫ ކައުންސިލްގެ ޖަލްސާއަކުން ކައުންސިލްގެ މެންބަރުން އެ ގޮތަށް ނިންމީ އާންމު މިންގަނޑުތަކާ ހިލާފަށް ފަތުރުވެރިން އެ ރަށުގެ އާންމު ތަންތަނުގައި އުޅޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް އެ ރަށު ކައުންސިލަށް ލިބެމުންދާތީ ކަމަށް ބުނެ

ބ. ފުޅަދޫގައި ފަތުރުވެރިން ބިކިނީ ފަދަ ނިވާކަން ކުޑަ ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ ނަމަ އެ ފަތުރުވެރިޔާ ރަށަށް ގެނެސް ހިދުމަތް ދެމުންދާ ގެސްޓްހައުސްއެއް 750ރ. އިން ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ވީކިހިނެއް؟ - އެ ރަށުގެ އާންމު ތަންތަނުގައި ފަތުރުވެރިން އާންމު މިންގަނޑުތަކާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ކަމުގެ ޝަކުވާ އެ ރަށު ކައުންސިލަށް ލިބުމާ ގުޅިގެން މިއަދު އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް އިއުލާނެއް ނެރެފައިވެ އެވެ.

ތަފްސީލް - ފުޅަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ ކައުންސިލްގެ ޖަލްސާއިން ނިންމާފައިވަނީ، ކުރިއަށް އޮތް ތަނުގައި އެ ގޮތަށް އާންމު މިންގަނޑުން ބޭރުން ފަތުރުވެރިއަކު ހެދުން އަޅައިގެން އުޅޭ ނަމަ އޭނާ ނިސްބަތްވާ ގެސްޓްހައުސް ބަލައި އެ ގެސްޓްހައުސްއެއް 750ރ. އިން ޖޫރިމަނާކުރުމަށެވެ.

ގުޅުން ހުރި - ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެފައިވާ ރަށްރަށުގައި ފަތުރުވެރިންގެ ހެދުން އެޅުން ހުންނަ ގޮތާ ގުޅޭ ގޮތުން އެ ރަށްރަށުގެ މީހުންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށް މި ފަހުން ރައީސް މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވެ އެވެ. އެހެންވެ މިހާރު އޮތް ގަވާއިދުގެ ތެރެއަށް ފަތުރުވެރިން ހެދުން އެޅުމުގެ މިންގަނޑު ހިމަނައި އިސްލާހުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މި ކަމަށް ހައްލެއް ގެނެސްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހަށް ހުށަހަޅާފައިވާ އީޕެޓިޝަނަށް މިހާތަނަށް 1300އަށް ވުރެ ގިނަ ސޮއި ލިބިފައިވާއިރު، 2100 ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގައި އެ ކަމަށް ބަހުސްކުރަން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް