ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ހާމަނާއީ އަވަހާރަކޮށްލުން މައުމޫން ކުށްވެރިކުރައްވައިފި

ކުރީގެ ރައީސް ވިދާޅުވީ އީރާނުގެ ލީޑަރު އަވަހާރަކޮށްލުން ކުށްވެރިކުރައްވަނީ 'އިހުލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން' ކަމަށް

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ކުށްވެރިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހާމަނާއީ އަވަހާރަކޮށްލީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ހޮނިހިރުދުވަހު އީރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކުގައި އެމަނިކުފާނުގެ އޮފީހަށް އަމާޒުކޮށްދިން ހަމަލާއެއްގަ އެވެ. އުމުރުން 86 އަހަރުފުޅުގައި ހާމަނާއީ އަވަހާރަވިއިރު، އެދުވަހުގެ ހަމަލާއިން ޒަހަމުވެވަޑައިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް، ހާމަނާއީގެ އަނބިކަނބަލުން ވެސް ވަނީ އަވަހާރަވެފަ އެވެ.

ހާމަނާއީގެ 14 މަހުގެ ކާފަ ދަރިކަލުން ހިމެނޭހެން އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް އަވަހާރަވި އެވެ.

ބުނީ ކީކޭ؟ - މައުމޫން މިރޭ އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަހުމް ކުޑަކޮށް އީރާންގެ ސުޕްރީމް ލީޑަރު ހާމަނާއީ އަވަހާރާކޮށްލުން 'އިހުލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން' ކުށްވެރިކުރައްވާ ކަމަށެވެ.

"މި ފުން ހިތާމައިގެ ދަނޑިވަޅުގައި ހާމަނާއީގެ ފުރާނައަށް ރަހުމަތްލައްވާ އާއިލާއަށާއި އީރާންގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވާށި،" މައުމޫންގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެނގުން މުހިންމު - ހާމަނާއީ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން މިހާތަނަށް ކުށްވެރިކޮށްފައެއް ނުވެ އެވެ. އަދި ތައުޒިޔާ ކިޔާފައެއް ވެސް ނުވެ އެވެ. މިކަމަށް އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެ އޮތީ އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރަމުންދާ އަރަބި ގައުމުތަކާ އެކު ކަމަށެވެ. ހާމަނާއީ އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމާ މެދު ގޮތެއް ނިންމާނީ ވެސް، އެ ގައުމުތަކާ މަޝްވަރާކޮށްފައި ކަމަށް ވިދާޅުވި އެވެ. 

އެކަމަކު މެދުއިރުމަތީގެ އަރަބި ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ރައީސް މުއިއްޒު ވަނީ ކުށްވެރިކުރައްވައިފަ އެވެ. 

ކޮމެންޓް (1)

ތެފައާސާ.

3 މާރިޗު 2026
މައުމޫނަށް ކޮށްލެވުނުވަރުވެސް ސަރުކާރަށް ކޮށްނުލެވުނު!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް