ސ. ހުޅުދޫގެ ކައުންސިލް ކެމްޕޭންގައި އެރަށުގައި ބޭއްވި ދޮރުން ދޮރަށް ހަރަކާތުގައި ޝާހިދު އާންމުންގެ މީހަކާ ސަލާން ކުރައްވަނީ(ފޮޓޯ/އެމްޑީޕީ)

އަބްދުﷲ ޝާހިދު

ފެނޭހޭ، ނުފެނޭހޭ އަކީ ސަރުކާރުން އިންތިހާބުތަކުގައި މަކަރާ ހީލަތް ހަދަން ގެނައި ސުވާލެއް: ޝާހިދު

ރައްޔިތުންގެ އަޑުއިއްވަން އޮތް ފުރުސަތެއް ދޫކޮށްލަން އެއްބަސްވަންތޯ، ހަމަ އެ ރައްޔިތުންގެ ގާތަށް ގޮސް އަހަން ކެރުނީތީ ވެސް ހައިރާންވާ ކަމަށް ޝާހިދު ވިދާޅުވި

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ނަމުގައި ސަރުކާރުން ނަގާ ވޯޓުގައި، "ފެނޭތޯ ނުވަތަ ނުފެނޭތޯ" ކުރާ ސުވާލަކީ އިންތިހާބުގެ ކަންކަމުގައި މަކަރާ ހިލާތް ހަދަން ގެނައި ސުވާލެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު:

  • އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭ 

  • އެހެންވެ، މި މަހުގެ 16ގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އަންނަ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ނިންމާފައި 

ބޮޑުކޮށް [ރައީސް މުހައްމަދު] މުއިއްޒުގެ [ހިޔާލު ހޯދުމުގެ] ވޯޓުގައި ނޫނެކޭ ޖައްސަވާ. ކީކޭ ތިބޭފުޅުން ޖައްސަވާނީ؟ ނުފެނޭ، ނުފެނޭ، ނުފެނޭ، އެއީ ޖަހަންވާ އެއްޗަކީ 

އަބްދުﷲ ޝާހިދު، ކުރީގެ ފޮރިން މިނިސްޓަރު

ބުނީ ކީކޭ؟ -  ކައުންސިލް އިންތިހާބުގެ ކެމްޕޭން އައްޑޫގެ ހުޅުދޫ އަދި މީދޫގައި ފެށުމަށް އެ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދޫ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ޝާހިދު ވިދާޅުވީ، އެކަމަށް ދިވެހިން އާއެކޭ ބުނާނެކަމަށް ސަރުކާރަށް ހީވާ ހީވުމަކީ ކުށްހީއެއް ކަމަށެވެ.

"އިންތިހާބުގެ ކަންތައްތަކުގެ ތެރޭގައި އެބައޮތް ހަމަ މި ސަރުކާރުން އޮޅުވާލުމާއި މަކަރާއި ހީލަތުގެ ތެރޭގައި ގެނެސްފައި އޮންނަ ސުވާލެއް. އެ ސުވާލުގައި މި އޮންނަނީ ފެނޭހޭ، ނުފެނޭހޭ؟ ފެންނަ ނުފެންނަ ވޯޓެއް، ފެނޭހޭ ނުފެނޭހޭ؟ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ފެނޭހޭ ނުފެނޭހޭ އައްސަވާ ކަމަކާ ދޭތެރޭގައި ވެސް އެމްޑީޕީގެ ބޭފުޅުން ވިސްނަވާވަޑައިގަންނަވާނެ ކަމެއް ނެތޭ،" ޝާހިދު ވިދާޅުވި އެވެ.

ދެން ޝާހިދު ސުވާލުކުރެއްވީ އައްޑޫގެ ތަރައްގީ ފެނޭތޯ އާއި ފަށާފައިވާ މަޝްރޫއުތައް ކުރިޔަށްދާތަން ފެނޭތޯ އެވެ. އައްޑޫގައި ކަނޑުއަޑިން އަޅަން ބުނި ބްރިޖު ކޮބައިތޯ ވެސް ޝާހިދު ސުވާލުކުރެއްވި އެވެ.

އެގޮތުން މަޒާޖީކޮށް ވިދާޅުވީ:

  • އެ ބްރިޖަކީ ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ ސުވާލުކުރެއްވި

  • ކަނޑުރަސްގެފާނާއި ވާހަކަދައްކަވައިގެން ކަނޑުގެ އަޑިން ކަމެއް ކުރައްވާކަމެއް ނުވަތަ  ނުކުރައްވާކަމެއް ނޭނގޭ؛ ގައިމު ވެސް އިންސާނަކު އޭގެ މަސައްކަތްކުރާތަން ނުފެނޭ

  • ބާކީ މިއޮތް ވެރިކަމުގެ މުއްދަތުގެ ތެރޭގައި ވެސް އެކަމެއް މި ސަރުކާރަކަށް ނުވާނެ؛ ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލައްވަން ގޮވާލެއްވި

  • އެހެންވީމާ އައްޑޫއަށް ރައީސް މުއިއްޒު އައްސަވާ އެއްވެސް އެއްޗެއް ނުފެންނާނެ ކަމަށް ވިދާޅުވި

"ކުރައްވާފަ މިއޮތް ސުވާލަކީ، ދެ އިންތިހާބު އެއްކޮށްލަން ފެނޭހޭ؟ ކިހިނެއްތޯ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ އައްސަވަން އެބޭފުޅުންނަށް ކެރިވަޑައިގަތީ؟ އާންމު އާދައިގެ އިބާރާތަކުން ދަންނަވަންޏާ، ލަދެއް ހަޔާތެެއް ނެތީ. އަހާފާނެތާ އެކަހަލަ މީހަކު،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް މީގެކުރިން ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.

"އެހެންނޫނީ ކީއްވެގެންތޯ ރައްޔިތުންގެ އަޑުއަހަން އޮތް ފުރުސަތެއް، އެ ދޫކޮށްލަވަން ރައްޔިތުންނަށް ފެނޭތޯ މީހަކު އަހާނީ؟ އެކަމަކު މި ބޭފުޅުން އައްސަވައިފި ރައްޔިތުންނޭ ކަލޭމެން ކައިރިއަށް ތިމަންނަމެން ގޮސް ކަންކަމުގައި ފެންނަ ނުފެންނަ އަހާލަން ލިބޭ ފުރުސަތު ދޫކޮށްލަން އެއްބަސްވަމު ހެއްޔޭ؟"

އެކަން ކުރަން ސަރުކާރުން ދައްކާ ބަހަނާއަކީ ހަރަދު ކުޑަކުރުން ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ސަލާމަތްވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން އެބުނާ 50 މިލިއަން ރުފިޔާ ސަލާމަތްވާނެ ގޮތްތައް ސަރުކާރަށް "ދައްކާދީފާނަން" ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އެހާވަރަށް ހަރަދު ކުޑަކުރަން ބޭނުންވާނަމަ ބޭކާރުގޮތުގައި ސަރުކާރުން ކުރާ ހަރަދުތަކާއި ބޭކާރު މިނިސްޓްރީތައް އަދި މަގާމުތައް އުވާލުމަށް ޖެހޭ 

  • އޭގެތެރޭގައި ކައުންސިލްގެ ބެލެނިވެރި ފަރާތް، އެޓޯލްސް މިނިސްޓްރީ އުވާލުމަށް ގޮވާލެއްވި

މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، އެޓޯލްސް މިނިސްޓްރީން ކުރާ ހަމައެކަނި މަސައްކަތަކީ އީދަށް ބޮކި ދިއްލުމާއި މަސްދަޅު ބެހުން ކަމަށެވެ. އެކަން މާފުރިހަމައަށް ކައުންސިލުތަކުން ވެސް ކުރާނޭ ކަމަށް ވިދާޅުވި އެވެ.

"މުޅި ވިސްނުމުގައިވެސް މިހުރީ ހުދުމުހުތާރު އަނިޔާވެރި ވެރިކަން. އެ ފުރުސަތު ނުދެއްވާ. ބޮޑުކޮށް [ރައީސް މުހައްމަދު] މުއިއްޒުގެ [ހިޔާލު ހޯދުމުގެ] ވޯޓުގައި ނޫނެކޭ ޖައްސަވާ. ކީކޭ ތިބޭފުޅުން ޖައްސަވާނީ؟ ނުފެނޭ، ނުފެނޭ، ނުފެނޭ، އެއީ ޖަހަންވާ އެއްޗަކީ،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް (2)

ބޮޑުކުރާށޭ

27 ފެބްރުއަރީ 2026
މާލެ އާއި ހުޅުލެ އާއި ދެމެދު އޮތް ތިލަ ކަނޑުހިއްކާ ލޮނުޒިޔާރަތް ކޮޅު ވެސް ހިއްކާލާ އެތަނުން ބިން ވިއްކަންވީއޭ ދުނިޔޭގެ އޭއައި ޗިޕް އުފައްދާ ކުންފުނި ތަކަށް ޑޭޓާ ސެންޓަރު ހަދަން މާލެ އަށް ވުރެން ރަނގަޅު ލޮކޭޝަނެއް ނުހުންނާނެއޭ ޑޭޓާ ސެންޓަރު ހަދަން މާލޭ އިރުމަތީ ފަރާތް ހިއްކާ ބޮޑުކުރާށޭ ގޮސް ހުޅުލެ އާއި ޖެހެންދެން މާލޭ އިރުމަތީ ފަރާތް ހިއްކާ ބޮޑުކުރާށޭ
1 0

އޮނަރަބަލް ކާޕެޓް

27 ފެބްރުއަރީ 2026
ދެން ކަލޭ އެންޑީޓީވީއަށް އަރާ މިތަނަށް ހިންދޫ ސިފައިން ގެންނަން އާދޭސް ދަންނަވަން ވީނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް