ވެމްކޯގެ މުވައްޒަފެއް މަސައްކަތުގައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
އެޗުއާރުސީއެމްއިން ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ ތަހުގީގު ފަށައިފި
ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކަމުގެ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާލޭގެ ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފަކު އެ ތަނުގެ ވެހިކަލެއް ތެރެއަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނީ، ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރުގަ އެވެ.
ބުނީ ކީކޭ؟ - އެޗުއާރުސީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަކުރާރުކޮށް ވެމްކޯގެ މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް އަނިޔާ ލިބޭކަން ފާހަގަވުމުގެ އިތުރުން މުވައްޒަފެއްގެ ފުރާނައަށް ގެއްލުންވި ހާދިސާތަކެއް އެ ކޮމިޝަނަށް ރިޕޯޓުކޮށްފައިވާތީ މުވައްޒަފުންގެ ރައްކާތެރިކަމާ މެދު އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން ވެމްކޯގައި ހުރި މަސައްކަތުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އެކަށީގެންވާކަމާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުން އޮތްކަން ވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ އިތުރުން ކުނި މެނޭޖުކުރުމަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި ކަންތައްތަކެއް އެކުލެވިގެންވާ، ބަޔޮލޮޖިކަލް ކޮންޓެމިނެންޓުތަކާއި ނުރައްކާތެރި މާއްދާތަކާއި ތޫނު އެއްޗިއްސާއި ބޮޑެތި މެޝިނަރީތަކަށް ހުށަހެޅުމުގެ އިތުރުން ޖިސްމާނީ ގޮތުން ކުރަން ޖެހޭ ބުރަ މަސައްކަތެއްކަން އެޗުއާރުސީއެމްއިން ބުންޏެވެ.
ތަފްސީލު - އެ ކޮމިޝަނުން ފެށި ތަހުގީގުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރޭތޯ ދެނެގަތުމެވެ.
އެ ތަހުގީގުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
-
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭތޯ ބެލުން
-
މަސައްކަތްތެރިން ހުށަހެޅިގެންދާ ސިއްހީ ނުރައްކާތަކާއި އެކަންކަމާ ގުޅިގެން އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދޭ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު
-
މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެކަށީގެންވާ ތަމްރީންތައް ފޯރުކޮށްދީފައިވޭތޯ ބެލުން
-
މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތައް ރިޕޯޓުކޮށް، ފިޔަވަޅު އަޅާތޯ ބެލުން
-
ބިދޭސީ މަސައްކަތްތެރިންނަށް ނުވަތަ ނާޒުކު ހާލަތުގައި ތިބޭ މަސައްކަތްތެރިންނަށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅޭތޯ ބެލުން
-
ބިރުދެއްކުން ނުވަތަ ބަދަލުހިފުމުގެ ބިރެއް ނެތި މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު މަސައްކަތްތެރިންނަށް އޮވޭތޯ ބެލުން
އެ ތަހުގީގުގައި އެޗުއާރުސީއެމްއިން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށް، އިންސްޕެކްޓުކޮށް، ކަމާ ގުޅޭ ލިޔެކިޔުންތަކާއި އެ ތަކެތި މުރާޖައާ ވެސް ކުރާނެ އެވެ. އަދި މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކޮށް، މައުލޫމާތު ސާފުކޮށް، ހާލަތަށް ރިއާޔަތްކޮށް ކުރިން އެންގުމަކާ ނުލައި ވެސް އިންސްޕެކްޝަންތައް ކުރިއަށްގެންދާނެ އެވެ.
"މި ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެއްބާރުލުން ދިނުމަށް ވެމްކޯގެ މިހާރުގެ ނުވަތަ ކުރީގެ މުވައްޒަފުން، މަސައްކަތްތެރިންގެ މަންދޫބުން އަދި ގުޅުން ހުރި މައުލޫމާތު ލިބިފައިވާ އާންމު ފަރާތްތަކަށް ކޮމިޝަނުން ގޮވާލަމެވެ،" އެޗުއާރުސީއެމްގެ ނޫސްބަޔާނުގައި ބުންޏެވެ.
"މިކަމާ ގުޅިގެން ފޯރުކޮށްދޭ ހުރިހާ މައުލޫމާތުތަކަކީ ސިއްރު ހިފެހެއްޓޭނެ މައުލޫމާތުތަކެވެ. އަދި މި ތަހުގީގަށް އެއްބާރުލުންދޭ ފަރާތްތަކާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނާ ހިލާފު އަމަލެއްކަން ދަންނަވަމެވެ."
ފާހަގަކޮށްލެވޭ ކަމެއް - ވެމްކޯ ސައިޓުގައި ހިނގީ ކޮން ކަހަލަ ހާދިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ވެމްކޯއިން ވެސް މިހާތަނަށް ރަސްމީކޮށް މިކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.
ފުލުހުންނާއި އެޗްއާރުސީއެމުން ވެސް މީގައި ބަހެއް ބުނީ މިކަމާ ގުޅޭ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ، އެކަމާ ގުޅިގެން މީޑިއާ ގްރޫޕުތަކުގައި ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ.
ސޯޝަލް މީޑިއާގައި އެ މީހާގެ ފޮޓޯއާ އެކު ދައުރުވަމުންދާ ޕޯސްޓެއްގައިވާ ގޮތުން:
-
މުވައްޒަފު ވެއްޓިފައިވަނީ ވެމްކޯގެ އުޅަނދެއްގެ ރޭމްޕް މަތިން ކޮންޓެއިނަރެއް މައްޗަށް
-
ރޭމްޕާއި ކޮންޓެއިނަރާ ދެމެދު 12 ނުވަތަ 13 ފޫޓުގެ އުސްމިން ހުންނާނެ
-
މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރު 3 ޖަހާކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ކުންފުނީގެ ޑްރައިވަރަކަށް
-
މި ހާދިސާ ހިނގުމާ އެކު، އެ ވަގުތު އެ ތަނުގައި ތިބި މުވައްޒަފުންނަށް، މިކަން ސިއްރު ކުރުމަށް އަންގާފައިވޭ
-
މައްސަލަ ފުލުހުންނަށް ހުށަހެޅީ މުވައްޒަފުގެ އާއިލާގެ ފަރާތުން