އަންހެނުން މޭރީ މަރާލުމުގެ ދައުވާ ކޮށްފައިވާ މާވިން ޝަރީއަތުގެ މަޖިލީހުގައި

މޭރީގެ މަރު

މާވިން އިސްލާމްވެ ޔޫސުފަށް ނަން ބަދަލުކޮށްފި

އަނބިމީހާ މެރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް، އަދި ޖަލުގައި ހުރި މާވިން އިސްލާމްވިކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް ވަނީ އަންގާފައި
26 ފެބްރުއަރީ 2026

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި ކަމަށް ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަން އެނގިއްޖެ އެވެ. 

ވީކިހިނެއް؟ - މާވިން އިސްލާމް ދީން ގަބޫލުކޮށް އޭނާގެ ނަން ބަދަލުކުރިކަން އެނގުނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ. 

ތަފްސީލް - ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި، މިހާރު މި މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކޯޓަށް ލިޔުމެއް ފޮނުވާފައިވާ ކަމަށެވެ. އެ ގޮތުން:

  • އެ ލިޔުމުގައި އޮންނަނީ މާވިން އިސްލާމް ދީން ގަބޫލުކޮށް އިސްލާމިކް މިނިސްޓްރީއަށް އެންގި ކަމަށް

  • މާވިން އިސްލާމް ވުމުން އޭނާގެ ނަން ވެސް ބަދަލުކޮށްފައިވާ ކަން؛ މިހާރު ނަމަކީ ޔޫސުފް 

މާވިން އިސްލާމް ދީން ގަބޫލުކޮށްފައިވާތީ، އޭނާއަށް ދައުލަތުން ކުރާ ދައުވާ ސާބިތުވެއްޖެނަމަ ކަނޑައަޅާ އަދަބު ބަދަލުކުރަންޖެހޭނެ ކަމާ މެދު ދައުލަތުން ދެކޭ ގޮތަކާ ގުޅޭ ގޮތުން ގާޒީ ސުވާލު ކުރެއްވި އެވެ. 

ދައުލަތުން އެދުނީ އެ ކަމަށް ގޮތެއް ނިންމަން ވަގުތު ދިނުމަށެވެ. 

މިއަދުގެ އަޑުއެހުން ތާވަލުކުރީ ހުލާސާ ބަޔާން އިއްވުމަށެވެ. ނަމަވެސް ދިފާއަށް ތައްޔާރުނުވެވޭތީ ހުލާސާ ބަޔާން އިއްވުން މިއަދު ކުރިއަކަށް ނުގެންދަ އެވެ. އެކަމަށް އަންނަ މަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް