މާލޭ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/މާލޭ ސިޓީ ކައުންސިލް)
އާޒިމްގެ އާއިލާއަށް ބިމެއް ދިން ކަމަށް ބުނާ މައްސަލަ ކައުންސިލް ޖަލްސާގައި ކުރިއަށްގެންދަން ހުރަސް އަޅާކަމުގެ ކަންބޮޑުވުން
މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ބޭފުޅަކަށް ބިމެއް ދިން މައްސަލަ ކައުންސިލް ޖަލްސާއަކަށް އެޖެންޑާ ނުކޮށްދީ، އެ މައްސަލަ ބަލަން އާޒިމް ހުރަސް އަޅަމުންގެންދާކަމުގެ ކަންބޮޑުވުން، އެ މައްސަލަ ހުށަހެޅުއްވި ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ މިއަދު ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ނަހުލާ މިއަދު އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ، އެ މައްސަލަ އެޖެންޑާކޮށްދިނުމަށް ވިދިވިދިގެން ދެ ހަފްތާގައި މިހާރު އެދިފައިވާނެ ކަމަށެވެ.
ތަފްސީލް - ނަހުލާ ހުށަހަޅުއްވާފައިވާ މައްސަލާގައިވާ ގޮތުން، މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 3309 އަކަފޫޓުގެ ބިމެއް، އާޒިމްގެ ބޮޑުބޭބެގެ ކުންފުނި 'ނަޒްރާޝް ކޮމްޕެނީ' އަދި 'ވަސްމީރު' ކުންފުންޏަށް ދީފައިވެ އެވެ.
އެކަމަކު އެ ބިމަކީ، 'ސީއައިއޭ' ކިޔާ ކުންފުންޏަކަށް މާ ކުރިން ދީފައިވާ ބިމެއް ކަމަށާއި އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ 2027އަށް ކަމަށް ނަހުލާ ވިދާޅުވި އެވެ.
އެ މައްސަލަ އެޖެންޑާ ނުކޮށްދީ، ކައުންސިލްގެ އެސްޖީ އަބްދުލް މުހައިމިން ނަސީރު ސޮއިކުރައްވާފައިވާ ސިޓީއެއް މިއަދު ފޮނުވާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
"އެ ސިޓީގައި އޮތީ އާޒިމްގެ ބޮޑުބޭބެއަށް ހަދައިދީފާ އޮތް އެއްބަސްވުން 10 އޮގަސްޓް 2025ގައި ބާތިލުކޮށްފައިވާ ކަމަށް. އުސޫލެއްގެ ގޮތުން ކައުންސިލްގެ ތަޅުމަށް ގެނެސްގެން ނޫނީ އެއްބަސްވުމެއް ބާތިލެއް ނުކުރެވޭނެ. ކައުންސިލްގެ ތަޅުމަކަށް މިހާތަނަށް މި އެއްބަސްވުން ބާތިލުކުރާކަށް ގެނެސްފައެއް ނުވޭ. އެހެންވީމާ މިއީ ކަނޑައެޅިގެން ދޮގެއްކަން އެބައޮތް ސާބިތުވާން،" ނަހުލާ ވިދާޅުވި އެވެ.
އާޒިމްގެ ބޮޑުބޭބެގެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އޮގަސްޓުގައި ބާތިލުކޮށްފައިވާ ކަމަށް ބުނެ އެ ސިޓީގައި ހަދާފައިވަނީ ބޮޑު ދޮގެއް ކަމަށް ނަހުލާ ތުހުމަތުކުރެއްވި އެެވެ. މިދިޔަ ނޮވެމްބަރުގައި އާންމުކުރި ބިމުގެ ދަފްތަރުން އެކަން ސާބިތުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ނަހުލާ ވިދާޅުވީ:
-
މިދިޔަ 20 ނޮވެމްބަރުގައި ކައުންސިލުން އާންމުކުރި ބިމުގެ ދަފްތަރުގައި އާޒިމްގެ ބޮޑުބޭބެގެ ދެ ކުންފުންޏަށް މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 3309 އަކަފޫޓު ދީފައި އޮތްކަން ފެންނަން އެބައޮތް
-
އެސްޖީ ފޮނުވި ސިޓީގައިވާ ގޮތަށް، އެ އަހަރުގެ އޮގަސްޓުގައި އެއްބަސްވުން ބާތިލުކޮށްފައިވާ ނަމަ، އޭގެ ތިން މަސް ފަހުން އާންމުކުރި ބިމުގެ ދަފްތަރުގައި އެ ކުންފުންޏަށް އެތަން ދީފައިވާ ކަމަކަށް ނޯންނާނެ
-
އެހެންވީމާ މިކަމާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާ؛ ވަރަށް ބޮޑު ދޮގެއް ހަދާ އޮޅުވާލަން މަސައްކަތްކުރައްވާފައި މިއޮތީ
-
އާޒިމް މޭޔަރަކަށް ހުންނަވައިގެން އޮޅުވާލައި ރައްޔިތުން މޮޔަ ހައްދަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް
-
އެ ހަދާ އޮޑިޓަކަށް ދުވަހަކު ވެސް އާޒިމްގެ އާއިލީ ކުންފުނިތަކަށް ދީފައި އޮތް ބިންތަކުގެ އޮޑިޓެއް ނާރާ
"ބަޔަކަށް ދީފައި އޮތް ތަނެއް ބޮޑުބޭބެގެ ރަޝީދުގެ ކުންފުންޏަށް އެއްބަސްވުން ހަދާދީ ބިން ހަވާލުކޮށްދީގެން އެ އިންނެވީ. ބިން ހަވާލުކުރި ލިއުން ހިފައިގެން އެތަނުގެ ތެރޭގައި ތިއްބާ، މޭޔަރު އާޒިމްގެ ހިއްސާ އޮންނަ ކުންފުނި އާރްސީސީގެ ޔުނީފޯމު އަޅައިގެންތިބި މުވައްޒަފުންތަކެއް އެތަނަށް ވަދެ އެތަން ހުސްކުރަން އެންގި ކަމަށް އެތަނުގެ އަސްލު އެއްބަސްވުން އޮތް މީހުންގެ ފަރާތުން މައުލޫމާތުދީފައިވޭ،" ނަހުލާ ވިދާޅުވި އެވެ.
"މި މައްސަލަ އޮތީމާހެން އަޅުގަނޑަށް ހީވަނީ އަޅުގަނޑު ހުށަހަޅާފައި އޮތް އެއްވެސް މައްސަލައެއް އެޖެންޑާގައި މި ހިމަނުއްވާ ނުދެއްވަނީ."
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލައާ އެކު އިތުުރު ތިން މައްސަލައެއް އެޖެންޑާކޮށްދިނުމަށް ނަހުލާ ހުށަހަޅާފައިވެ އެވެ. އެ މައްސަލަތައް އެޖެންޑާކޮށްދިނުމަށް މާދަމާގެ ޖަލްސާއަށް އަނެއްކާވެސް ނަހުލާ މިއަދު ވަނީ ހުށަހަޅާފަ އެވެ.
އެ ހުށަހެޅުމުގެ ދެން ހިމެނޭ މައްސަލަތަކަކީ:
-
މާލޭ ސަރަހައްދުގައި މިވަގުތު ދީފައި ހުރި ބައެއް ޕާކިން ޖާގައިގެ އެއްބަސްވުން އާނުކޮށްދީ ލަސްވަމުންދާ މައްސަލަ
-
ރޯމަސް މާރުކޭޓުގެ ދެވަނަ ފަންފިގިފިލާގައި ލޭބާ ކުއާޓާއަކަށް ބޭނުންކުރާ ތަނެއްގެ އެއްބަސްވުން ނެތް ކަމަށާއި ކުލި ވެސް ނުދައްކާ ކަމަށް ބުނެ އެތަން ހުސްކުރަން 10 ދުވަހުގެ ނޯޓިސްއެއް ދީފައިވާ މައްސަލަ
-
މިދިޔަ އަހަރު އާންމުކުރި ބިމުގެ ދަފްތަރުގައި ހިމެނޭ ބައެއް މީހުންނަށް ބިން ހަވާލުކޮށްފައިނުވާ މައްސަލަ
މި މައްސަލަތަކާ އެކު، އާޒިމްގެ އާއިލީ ކުންފުންޏަކަށް ބިމެއް ދިން މައްސަލަ ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްދިނުމަށް މިއަދު އަނެއްކާވެސް ނަހުލާ ވަނީ ހުށަހަޅުއްވާފަ އެވެ.
ކޮމެންޓް (3)
ދިއްދާ
ސިކުނޑި
ކާކުތަ