ޖޭއެސްސީގެ މެންބަރު ކަމަށް ފަނޑިޔާރު ޝަފީއު އައްޔަންކޮށް މަގާމުގެ ލިއުންކޮށް ރައީސް މުއިއްޒު، ޝަފީއުއާ ހަވާލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ހައި ކޯޓުން ޝަފީއު އިންތިހާބުކުރިތާ ދޮޅު މަސް ފަހުން ޖޭއެސްސީއަށް އައްޔަންކޮށްފި
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކުރިތާ ދޮޅު މަސް ފަހުން މިއަދު އެ މަގާމަށް އޭނާ އައްޔަންކޮށްފި އެވެ.
ވީކިހިނެއް؟ - ޖޭއެސްސީސީގައި ހައި ކޯޓުގެ ފަނޑިޔާރަށް ހާއްސަ ސްލޮޓް ހުސްވީ އެ މަގާމުގައި ހުންނެވި އެ ކޯޓުގެ އޭރުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ހަސަން ޝަފީއު ހައި ކޯޓުން އިންތިހާބުކުރީ މިދިޔަ 8 ޖެނުއަރީގަ އެވެ. އޭގެ ފަހުން މިއަދަށް 1 މަހާއި 15 ދުވަސް ވެއްޖެ އެވެ.
ތަފްސީލް - ފަނޑިޔާރު ޝަފީއު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު މިއަދު ރައީސް އޮފީހުގައި ބޭއްވި އެވެ. އެ ގޮތުން:
-
މަގާމުގެ ހުވާ ކުރައްވައި ހުވާގެ އިގުރާރުގައި ޝަފީއު ސޮއިކުރެއްވި
-
ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
-
އައްޔަންކުރިކަމުގެ ލިއުން ޝަފީއުއާ ރައީސް މުހައްމަދު މުއިއްޒު ހަވާލުކުރެއްވި
ޝަފީއު ޖޭއެސްސީއަށް އައްޔަންކުރުން މިހާ ލަސްވެގެން ދިޔައީ ކީއްވެގެންކަމެއް ނޭނގެ އެވެ.
އެނގުން މުހިންމު - ގާނޫނުއަސާސީގައިވާ ގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ:
-
1-
ރައްޔިތުންގެ މަޖިލީހުގެ ރައީސް - އަބްދުއްރަހީމް އަބްދުﷲ
-
2-
ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން - ހުސައިން ޝަހީދު
-
3-
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން - ހަސަން ޝަފީއު
-
4-
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން - ފަރުހާދު ރަޝީދު
-
5-
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު - މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް (ކޮމިޝަންގެ ރައީސް)
-
6-
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް - މުހައްމަދު މުޖުތާޒު ފަހުމީ
-
7-
ރައީސް އައްޔަން ކުރައްވާ މެންބަރު - ޔަޒުމީދުު މުހައްމަދު
-
8-
ބަންޑާރަނައިބު - އަހްމަދު އުޝާމް
-
9-
ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު - އަލީ އަބްދުއްލަތީފް
-
10-
އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު - އިދުރީސް ފައުޒީ
ގުޅުން ހުރި - ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ކުއްލި ގޮތަކަށް މިދިޔަ އޮގަސްޓު މަހު ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ. އެއާ އެކު، އެ ކޮމިޝަންގެ ނައިބަށް މިހާރު ހަމަޖައްސާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދެވެ.