ބާޒާރުމަތީގައި ކުރުބާ ފަނި ވިއްކަން ޕްލާސްޓިކް ފުޅިތަކަކަށް އަޅާ ބަންދުކޮށްފައި

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން އަންގައިފި؛ ސިއްހަތަށް ގެއްލުންހުރި ކަމެއް

އެމްއެފްޑީއޭން ބުނީ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތަކުގައި ހުންނަ ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށްކޮށް ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮންނަ ކަމަށް

އެއްފަހަރު ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ބޭނުންކުރުމަކީ  ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށާއި އެފަދަ ފުޅިތައް އެހެން ބޭނުންތަކަށް ބޭނުންކޮށް ވިޔަފާރީގެ ގޮތުގައި ވެސް ބޭނުންނުުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރަޓީން ބުނީ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ފުޅިތަކުގައި ހުންނަ ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށް ކުރާނެ ކަމަށެވެ.

ބުނީ ކީކޭ؟ - އެމްއެފްޑީއޭން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތަކުގައި ހުންނަ ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށް ކޮށް ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެގޮތުން ބުނީ:

  • މިފަދަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކްގައި ތައްޔާރުކޮށްފައި ހުންނަ ފުޅިތަކެއް

  • މި ފުޅިތައް އުފައްދާފައި ހުންނަނީ ޕޮލިއެތިލީން ޓްރަތަޔަލޭޓް ނުވަތަ ޕީއީޓީ އިން؛ މިއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކުގެ ބާވަތެއް

  • މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވޭ

އެފްޑީއޭން ބުނީ، ކާބޯތަކެތި ވިޔަފާރިކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މި ފުޅީގައި ބަންދުކުރާކަން ވެސް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.

"ވީމާ ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އަންގަމެވެ،" އެފްޑީއޭގެ ބަޔާނުގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ބޯފެނުގެ އިތުރުން ކޯކު ފަދަ ލުއި ބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކުގައި ޖޫސް ފަދަ ތަކެތި ބަންދުކޮށް ވިއްކުމަކީ އާންމު ކަމެކެވެ. އަދި ގޭގޭގައި ވެސް އެފަދަ ފުޅިތަކުގައި ޖޫސް ފަދަ ތަކެތި ބަންދުކޮށް ތަކުރާރުކޮށް ބޯން ބޭނުންކުރެ އެވެ.

ބާޒާރުމަތީގައި ކުރުބާ ފެން ފަދަ ތަކެތި ވިއްކަނީ ވެސް މިފަދަ ފުޅިތަކުގައި ބަންދުކޮށްގެންނެވެ.

ކޮމެންޓް (2)

ފޭސް ޕާމް

23 ފެބްރުއަރީ 2026
އަދި ކިރިޔާތަ މިކަމެއް މި މީހުނަށް ރޭކާލީ؟
2 0

އެޗްޕީއޭ

23 ފެބްރުއަރީ 2026
ދެން ކަން ކުރަންވީ ގޮތެއް، ކުރެވޭނެ ގޮތެއް ވެސް ބުނެދޭނަމަ ދޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް